އެމްއެންޔޫގެ ބިޒްނަސް ސްކޫލުގެ ޑީން ކަމަށް އާ ދައުރަކަށް އަބްދުއްރަހްމާން
އެމްއެންޔޫގެ ބިޒްނަސް ސްކޫލުގެ ޑީން ކަމަށް އާ ދައުރަކަށް އަބްދުއްރަހްމާން

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ބިޒްނަސް ސްކޫލުގެ ޑީންގެ މަގާމުގައި ހުންނެވި އަބްދުއްރަހްމާން މުބާރިކު އެ މަގާމަށް އިތުރު ދައުރަކަށް މިއަދު އައްޔަންކޮށްފި އެވެ.

ދެވަނަ ދައުރަކަށް ބިޒްނަސް ސްކޫލުގެ ޑީންގެ މަގާމާއި އަބްދުއްރަހްމާން ހަވާލުވެވަޑައިގަތީ އެމްއެންޔޫގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހްމާން މުބާރިކް ވިދާޅުވީ ޕޯސްޓްގްރެޖްއޭޓް ކޯސްތައް އިތުރު ކުރުމަށާއި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށް އާ ދައުރުގައި އޭނާ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އަމާޒަކީ ބިޒްނަސް ސްކޫލުގެ މަގުބޫލުކަން އިތުރުކޮށް މުޖުތަމައުއާއި ވިޔަފާރީގެ ދާއިރާގެ ފަރާތްތަކާއެކު އޮންނަ ގުޅުން ބަދަހިކުރުން ކަމަށް ވެސް އަބްދުއްރަހްމާން ވިދާޅުވި އެވެ.

އެމްއެންޔޫގައި 2003 އިން ފެށިގެން މަސައްކަތް ކުރައްވާ އަބްދުއްރަހްމާން ބިޒްނަސް ސްކޫލުގެ ޑީންކަމުގެ މަގާމާއި ހަވާލުވެވަޑައިގަތީ 2018 ވަނަ އަހަރު އެވެ. އޭނާ ވަނީ ބިޒްނަސް ސްކޫލުގެ ހެޑް އޮފް ޑިޕާޓްމަންޓްގެ މަގާމާއި އެކްޓިން ޑީންކަމުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.