ގައުމީ ބޮޑީ ބިލްޑިން ޓީމުގެ ކޯޗަކަށް ކުރީގެ މިސްޓަ އޭޝިއާ ވޮން
ގައުމީ ބޮޑީ ބިލްޑިން ޓީމުގެ ކޯޗަކަށް ކުރީގެ މިސްޓަ އޭޝިއާ ވޮން

ޖުލައި މަހު ރާއްޖޭގައި ބާއްވާ، އޭޝިއާގެ ބޮޑީ ބިލްޑިން އަދި ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗަކަށް، ކުރިން މިސްޓަ އޭޝިއާ ކާމިޔާބު ކުރި ވޮން ހޮން ހަމަޖައްސައިފި އެވެ.

ގައުމީ ބޮޑީ ބިލްޑިން ޓީމުގެ ކޯޗަކަށް ކުރީގެ މިސްޓަ އޭޝިއާ ވޮން
ގައުމީ ބޮޑީ ބިލްޑިން ޓީމުގެ ކޯޗަކަށް ކުރީގެ މިސްޓަ އޭޝިއާ ވޮން

ބޮޑި ބިލްޑިން އެސޯސިއޭޝަނުން ބުނީ، ދިވެހި ޓީމުގެ ކޯޗަކަށް، މެލޭޝިއާގެ ވޮން ހަމަޖެއްސީ މުބާރާތަށް ހާއްސަކޮށް ކަމަށެވެ.

"އަޅުގަނޑުމެން އެއްބަސްވުން ހެދީ މުބާރާތުގެ ނިޔަލަށް. އޭގެ ފަހުން ކޮންޓްރެކްޓް އާކުރަންޏާ ވެސް ކޮންސިޑާކުރާނަން ޕާފޯމަންސަށް ބަލާފައި،" އެސޯސިއޭޝަންގެ އޮފިޝަލް ވިދާޅުވި އެވެ.

އިންޓަނޭޝަނަލް ބޮޑީ ބިލްޑިން ބޭއްވި އޭޝިއާގެ މުބާރާތް 1999 ގައި ކާމިޔާބު ކުރި ވޮން އަކީ، ހިއުމަން ނިއުޓްރިޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ވެސް ހާސިލުކޮށްފައިވާ ތަޖުރިބާކާރެކެވެ. އެމެރިކާގައި ކިޔަވަން ހުރި ދުވަސްވަރު އެމެރިކާގެ މުބާރާތްކުގައި ވެސް އޭނާ ވާދަކުރި އެވެ.

ބޮޑީ ބިލްޑިން އެސޯސިއޭޝަނުން ބުނީ ވޮން ކޯޗު ކަމަށް ހަމަޖެއްސުމުގެ ކުރިން ރާއްޖޭގެ ކޯޗުންގެ ބެލުމުގެ ދަށުން ޓްރޭނިންތައް ތިން މަސް ކުރިން ވެސް ފަށާފައިވާ ކަމަށެވެ. އަދި މިހާރު ތިބި ދިވެހި ކޯޗުން ދެން މަސައްކަތް ކުރާނި ވޮންގެ އެސިސްޓެންޓްގެ ގޮތުގައި ކަމަށް ބީބީއޭއެމުން ބުންޏެވެ.

- ހެޑް ކޯޗު، ވޮން ހޮން

- ޓީމު މެނޭޖަރު، އިބްރާހިމް އަބްދުﷲ

- އެސިސްޓެންޓް ކޯޗު، އަބްދުލް ހަސީބް

"ރޯދަ މަސް ވީމަ ރޯދަ މަހަށް ފެތޭ ގޮތަށް އަޅުގަނޑުމެންގެ އެތުލީޓުންގެ ޓްރޭނިންތައް މިކުރިއަށް ގެންދަނީ،" އެސޯސިއޭޝަންގެ އޮފިޝަލް ވިދާޅުވި އެވެ. "ރޯދަ އަށް ފަހު އަނެއްކާ ވެސް ނޯމަލް ރޫޓިން އަށް ޓްރޭނިންތައް ބަދަލުކޮށްލާނަން."

ޖުލައި 15-21 ށް ބާއްވާ މުބާރާތުގައި އޭޝިއާގެ 30 ގައުމުން އެތުލީޓުން ވާދަކުރާނެ އެވެ. މުބާރާތުގައި ކޮންޓިންޖެންޓްގެ ގޮތުގައި ގާތްގަނޑަކަށް 500 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ބޮޑީ ބިލްޑިން އެސޯސިއޭޝަނުން ލަފާ ކުރެ އެވެ. މި މުބާރާތް ވާނީ މިހާތަނަށް ރާއްޖޭގައި ބާއްވާ އިންޓަނޭޝަންލް އެންމެ ބޮޑު ކުޅިވަރު މުބާރާތަށެވެ. މުބާރާތް ހޯސްޓް ކުރާނީ މާފުށީގަ އެވެ.

މުބާރާތުގައި ރާއްޖެއިން 20 އެތުލީޓުން ވާދަކުރާނެ އެވެ. ރާއްޖޭގެ ޓާގެޓަކީ މަދުވެގެން 10 މެޑަލް ހޯދުމެވެ. ބޮޑީ ބިލްޑިންގައި ރާއްޖޭގެ އެތުލީޓުން މީގެ ކުރިން ވެސް ވަނީ ދުނިޔޭގެ ލެވަލްގައި ވެސް ކާމިޔާބީތަކެއް ހާސިލުކޮށްފަ އެވެ. މިދިޔަ އަހަރު އުޒްބެކިސްތާންގައި ބޭއްވި ވޯލްޑް ބޮޑީ ބިލްޑިން އަދި ފިޒިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ދެ އެތުލީޓުން ކަމަށްވާ، މުހައްމަދު ރަޝީދު (ރަޗޭ) އާއި މުހައްމަދު މޫސާ (މޯޑް) ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. އަދި ހުސައިން ހިމްޔާން އާއި އަޒްނީން ރަޝީދު ލޯ މެޑަލް ވެސް ހޯދި އެވެ.

ދެކުނު ކޮރެއާގައި 2019 ގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި މޯޑް ވަނީ ލޯ މެޑަލް ވެސް ހޯދާފަ އެވެ. ނޭޕާލްގައި 2019 ގައި ބޭއްވި ދެކުނު އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތުގައި މޯޑް ވަނީ ރަން މެޑަލް ވެސް ހޯދައިފަ އެވެ.