11 ތަނަކަށް ވަޅިޖެހި ކަމަށް ތުހުމަތު ކުރި އެކަކު ސަލާމަތްވެއްޖެ
11 ތަނަކަށް ވަޅިޖެހި ކަމަށް ތުހުމަތު ކުރި އެކަކު ސަލާމަތްވެއްޖެ

މީގެ ތިން އަހަރު ކުރިން އައްޑޫގައި މީހެއްގެ ބުރަކަށީގެ 11 ތަނަކަށް ވަޅި ޖެހި މައްސަލައިގައި ދައުވާ ލިބޭ އިއުތިސާމް މުހައްމަދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

އޭޕްރީލް 17, 2020 ގައި ސ. ގަމުގައި ހުންނަ މޯލްޑިވިއަންގެ އޮފީސް ކައިރީގައި ސ. ހިތަދޫ އިތާމުތްގޭ މުހައްމަދު ފާރިހްގެ ބުރަކަށީގެ 11 ތަނަކަށް، ތިލައިގައި ގާތްގަނޑަކަށް ތިން އިންޗި ހުންނަ ވަރުގެ ވަޅިއަކުން ހަމަލާދީ މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ސ. ފޭދޫ/ ހަވީރީނާޒް އިއުތިސާމް މުހައްމަދުގެ އިތުރުން ދެ މީހެއްގެ މައްޗަށް ދައުވާ އުފުލި އެވެ. މި މައްސަލައިގައި ދެން ދައުވާ އުފުލީ ސ. ފޭދޫ/ ޝަބްނަމީވިލާ އަހްމަދު ލޫތާއި އެ ރަށު ރަންދޯދިގޭ އަހްމަދު ފަރީޝްގެ މައްޗަށެވެ.

އެ ތިން މީހުންގެ މައްޗަށް ވެސް އުފުލީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ. ދައުވާ ލިބޭ އިއުތިސާމް ދައުވާ އަށް އިންކާރުކުރިއިރު އޭނާގެ ފަރާތުން ޝަފައީ 22 ހެއްކެއް ހުށަހެޅި އެވެ.

މި މައްސަލައިގައި އަނިޔާ ލިބުނު ފާރިހް ޝަރީއަތުގެ މަޖިލީހުގައި ހެކިބަސްދެމުން ބުނެފައިވަނީ ދައުވާ ލިބޭ އިއުތިސާމަކީ ކާކުކަން ނޭނގޭ ކަމަށާއި މާރާމާރީތަކާއި ގުޅިގެން މީގެ ކުރިން ވެސް އަނިޔާ ލިބިފައިވާ ކަމަށާއި ނަމަވެސް އެއީ ކޮން ދުވަސްތަކެއް ހަނދާން ނުވާ ކަމަށެވެ. އަދި އޭޕްރީލް 17, 2019 ވަނަ ދުވަހު ހިނގި ހާދިސާއަކާއި ގުޅިގެން އަނިޔާ ލިބުނުކަން ހަނދާން ނުވާ ކަމަށާއި އެ ހާދިސާއާ ގުޅިގެން ފުލުހުންނަށް ކުރިން ބަޔާނެއް ދެވިފައިވާކަން ވެސް ހަނދާނެއް ނެތް ކަމަށެވެ. އަދި ފާރިހާ އެކު ސީންގައި ތިބި ދެ މީހުންނަށް ވެސް މިހާރު މައްސަލައިގެ ހާދިސާ ހަނދާން ނެތް ކަމަށާއި އިއުތިސާމަކީ ކާކުކަން ނޭނގޭ ކަމަށް ޝަރީއަތުގައި ބުނެފައިވެ އެވެ. ނަމަވެސް ފާރިހާއި ދެން ތިބި ދެ މީހުން ވަނީ ހާދިސާ ހިނގި ގޮތް ފުލުހުންގެ ތަހްގީގުގައި ވަރަށް ތަފްސީލުކޮށް ކިޔައިދީފަ އެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ހުކުމް އިއްވައިފަ އެވެ. ހުކުމުގައި ބުނެފައިވަނީ ޖިނާއީ މައްސަލައެއް ސާބިތުކުރުމަށް ބޭނުން ކުރެވޭނެ އެންމެ މުހިންމު ދަލީލަކީ ހެކިންގެ ހެކިބަސް ކަމަށާއި, ޝަރުއީ އަދި ގާނޫނީ ގޮތުން ސައްހަ ހެކިބަހަކަށް ވެގެން މެނުވީ އެ ހެކިބަހަކީ ގާނޫނީ ގޮތުން ސައްހަ ދަލީލެއްކަމުގައި ނުބެލެވޭނެ ކަމަށެވެ.

ހުކުމުގައި ބުނެފައިވަނީ މި މައްސަލައިގައި ހުށަހެޅުނު ހެކި ގަރީނާތަކަށް ބަލާއިރު ފާރިހުއަށް މާރާމާރީއެއްގައި އަނިޔާވިކަން ސާބިތުވާ ކަމަށެވެ. ނަމަވެސް ފާރިހް އާއި މާރާމާރީ ހިންގައި އިއުތިސާމް, ފާރިހްގެ ބުރަކަށީގެ 11 ތަނަކަށް ވަޅިން ހަމަލާދިންކަން ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިތަކުން ޔަގީނާ ގާތްކުރާ މިންވަރަށް މައްސަލަ ސާބިތުވާކަމަށް އިގުތިނާއު ނުވާ ކަމަށެވެ. އެ ގޮތުން ހުކުމްކުރީ އިއުތިސާމުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.

މި މައްސަލައިގައި ލޫތުގެ މައްޗަށް އުފުލި ދައުވާގެ އަޑުއެހުންތައް ކުރިއަށްދާއިރު, ފަރީޝްގެ މައްޗަށް އުފުލި ދައުވާ ކުރިއަށް ނުގެންދެވޭނެކަމަށް ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ނިންމައިފަ އެވެ.