26 ޑިސެމްބަރ 2016 - 06:43

ގްރީކްގެ 67 އަހަރު ވީ މާމައަކު އޭނާގެ އަންހެންދަރިފުޅުގެ ދަރިޔަކު ވިހައި ދުނިޔޭގެ އެންމެ ދުވަސްވީ ސަރަގޭޓް މަންމައަށް ވެއްޖެ އެވެ.
މިދިޔަ އަންގާރަ ދުވަހު މި މީހާ ވިއްސި ޑޮކްޓަރު ސިފަކުރެއްވި ގޮތުގައި އެއީ ހިތްވަރުގަދަ މާމައެކެވެ.
އަންހެންމީހާގެ ބަނޑަށް 7.5 މަސް ފުރުމުން ސިޒޭރިއަން ހަދައިގެން ކުއްޖާ ނެގީ އެވެ. އޭރު ކުއްޖާގެ ބަރުދަނުގައި ހުރީ 1.2 ކިލޯ ގްރާމެވެ.
އެނަސްޓޭސިއާ އޮންޓައު ނަމަކަށް ކިޔާ މި އަންހެންމީހާ ބުނީ ބަނޑުގައި މާމަ ދަރި ބާއްވައިގެން މިދިއަ ދުވަސްތަކުގައި މަންމައެއްގެ އިހްސާސް ނުކުރެވޭ ކަމަށާއި ކުރެވެނީ ހަމަ މާމައެއްގެ އިހްސާސް ކަމަށެވެ.
ބަލިވެ އިނދެގެން ހޭދަކުރި ދުވަސްވަރު ސިއްހީ މައްސަލަތައް ކުރިމަތިވީ ކަމަށް ވެސް އޭނާ ބުންޏެވެ.
އެނަސްޓޭސިއާ ބުނީ ދަރިއަކު ނުލިބިގެން އޭނާގެ އަންހެންދަރިފުޅު ހިތްހަލާކުވެފައި ވާތީ އެކަމަށް ކުރިމަތިލީ ކަމަށާއި އެއީ އޭނާއަށް ވަރަށް ފަސޭހަ ނިންމުމެއް ކަމަށެވެ.
އަންހެންމީހާގެ އޮޕަރޭޝަން ކުރި އަންހެނުންގެ ޚާއްސަ ޑޮކްޓަރު ވިދާޅުވީ ގިނިސް ބުކްސް އޮފް ވޯލްޑް ރެކޯޑްސްގައިވާ މައުލޫމާތުތަކަށް ބަލާއިރު އެނަސްޓޭސިއާ އަކީ ދުނިޔޭގެ އެންމެ މުސްކުޅި ސަރަގޭޓް މަންމައަށް ވާނެ ކަމަށެވެ.
ރެކޯޑް ފޮތުގައިވާ ގޮތުން ދުނިޔޭގެ އެންމެ ދޮށީ ސަރަގޭޓް މަންމައަކީ ސްޕެއިންގެ މާރިއާ ޑެލް ކާމެން އެވެ. އޭނާ ސަރަގޭޓް މަންމައަކަށް ވީއިރު އުމުރަކީ 66 އަހަރާއި 358 ދުވަހެވެ. އޭނާ އެއްމާބަނޑު ދެ ފިރިހެންކުދިން ވިހާފައިވަނީ 2006 ގަ އެވެ. ނަމަވެސް 2009 ގައި މާރިއާ ވަނީ ކެންސަރު ބަލީގައި މަރުވެފަ އެވެ.
އެނަސްޓޭސިއާގެ ދަރިފުޅު ކޮންސްޓަންޓީނާ، 43، ބުނީ ސަރަގޭޓް މަންމައަކަށް ވެދާނަމޭ މަންމަ ފުރަތަމަ ބުނި ދުވަހު އޭނާ ހީކުރީ މަންމަ މޮޔަވީ ކަމަށެވެ. ނަމަވެސް ހަތް ފަހަރަށް ބަލިވެ އިނދެ ނާކާމިޔާބުވުމުން މަންމަގެ އެދުމަށް ނޫނެކޭ ބުނަން ނުކެރުނީ ކަމަށް ވެސް ކޮންސްޓަންޓީނާ ބުންޏެވެ.
ޑޮކްޓަރު ވިދާޅުވީ އެހާ އުމުރުން ދުވަސް ވީ މީހަކު ސަރަގޭޓް މަންމައަކަށް ހަދަން އޭނާ ފަސްޖެހިވަޑައިގަތް ކަމަށެވެ. ނަމަވެސް ކޯޓުން ހުއްދަ ލިބުމުން އެކަން ކުރިޔަށް ގެންދިޔައީ އެވެ.