2023 ގެ ރިޔާސީ އިންތިހާބަށް ނަޝީދު ކުރިމަތިލައްވާނެ: އީވާ
2023 ގެ ރިޔާސީ އިންތިހާބަށް ނަޝީދު ކުރިމަތިލައްވާނެ: އީވާ

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓެއް ކަނޑައެޅުމުގެ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، އެ ޕާޓީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ގެ ކެމްޕެއިނަށް ކުޅުދުފުއްޓަށް ވަޑައިގެން އެ ރަށުގައި ވާހަކަ ދައްކަވަމުންނެވެ.

އެ ޖަގަހަ ޖަލްސާއެެއްގައި އީވާ ވިދާޅުވީ، 2023 އަށް ބޭނުންވަނީ އެމްޑީޕީގެ ވެރިކަމެއް ކަމަށެވެ.

"2023 އަޅުގަނޑުމެން ބޭނުމީ އެމްޑީޕީގެ ވެރިކަމެއް. 2023 އަށް އަޅުގަނޑުމެން ބޭނުމީ ހަމަ އެމްޑީޕީގެ ވެރިކަމެއް. 2023 ގެ އިންތިހާބަށް އިރާދަކުރެއްވިއްޔާ ރައީސް ނަޝީދު ކުރިމަތިލައްވާނެ،" އާންމުވެފައިވާ 38 ސިކުންތުގެ ވީޑިއޯގައި އީވާ ވިދާޅުވެ އެވެ.

އެމްޑީޕީގެ ވެރިކަމެއް މިހާރު އޮތް ނަމަވެސް އެ ޕާޓީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދި ހަމަނުޖެހުން ވަނީ ބޮޑުވެފަ އެވެ. އެއްބަޔަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅުގައި އަނެއް ބަޔަކު ތިބީ ނަޝީދާއެކު އެވެ. ބަހުގެ ހޫނު ހަމަލާތައް ދެ ފެކްޝަންގެ މެދުގައި ދަނީ ދެމުންނެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޕްރައިމަރީގައި ނަޝީދު ވާދަކުރައްވާނެ ކަމަށް އީވާ ވިދާޅުވިއިރު، 2018 ވަނަ އަހަރުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވެސް އެ މަނިކުފާނު ބައިވެރިވެވަޑައިގަތެވެ. އެކަމަކު އެ ޕާޓީން އެފަހަރު އެންމެ ފުރަތަމަ ބޭއްވި ޕްރައިމަރީ ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އެ ފަހަރު ބޭއްވީ، ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާ ގުޅިގެން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސުން ކަނޑައަޅައި، އިންތިހާބު ހުއްޓުވަން ކޯޓު އަމުރެއް ނެރެފައި ވަނިކޮށެވެ.

އިލެކްޝަންސުން އެދިގެން އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވަން ނެރުނު އަމުރާއެކު އެ އިންތިހާބު ކުރިއަށް ގެންދިޔަ ބައެއް މަރުކަޒުތަކުގައި ވޯޓުލުން ހުއްޓުވައި، ވޯޓު ފޮށިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

އެންމެ ފަހުން، އެ ޕާޓީގެ ޓިކެޓުގައި ނެރެން ފާސްކުރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަމުގައި އޭރު ހުންނެވި އިބްރާހިމް މުހައްމަދު ސޯލިހު އެވެ. އަދި ކޯލިޝަނުގެ އެހީގައި އެމްޑީޕީ 2018 ގެ އިންތިހާބު ކާމިޔާބުކުރި ނަމަވެސް މިފަހުން އެ ޕާޓީގެ އެތެރޭގެ ކޯޅުން ވަނީ ބޮޑުވެފަ އެވެ.

ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަން ކޯޅުން ގޯސްވެ ނަޝީދު މި ފަހުން ވިދާޅުވި ގޮތުގައި މިއީ ފެތެމުންދާ ސަރުކާރެކެވެ. އެ މަނިކުފާނު ވިދާޅުވީ، "މި ވަގުތު މި ޕާޓީ އަށް ރަނގަޅު ގޮތަކީ ފެތެމުންދާ ސަރުކާރަކާ އެކީ މި ޕާޓީ ނުފެތުން" ކަމަށެވެ.

ނަޝީދު ވިދާޅުވާ ގޮތުގައި އެމްޑީޕީ އާއި އެމަނިކުފާނު ވެސް ބޭނުންފުޅު ވަނީ ވަރަށް އާދައިގެ ކަމެކެވެ. އެއީ އެއްވެސް ސަރުކާރަކުން ހިޔާނާތްތެރި ނުވުމާއި އެކަކު އަނެކަކު ތަފާތު ނުކުރުމާއި އަނިޔާވެރި ނުވުމެވެ. އަދި އެމްއެމްޕީއާރުސީ އާއި މި ސަރުކާރުން ހިންގި ކަމަށް ބުނާ ވެންޓިލޭޓަރުގެ ކޮރަޕްޝަންގެ މައްސަލަ ބެލިއްޖެ ނަމަ އިތުބާރު ލިބޭނެ ކަަމަށް ނަޝީދު ވިދާޅުވެ އެވެ.