ހައިކޯޓުން ޖޭއެސްސީ އަށް ފަނޑިޔާރު ނިޔާޒު އައްޔަން ކުރަން ފާސްކޮށްފި
ހައިކޯޓުން ޖޭއެސްސީ އަށް ފަނޑިޔާރު ނިޔާޒު އައްޔަން ކުރަން ފާސްކޮށްފި

ހައި ކޯޓު ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފަނޑިޔާރު މުހައްމަދު ނިޔާޒު އައްޔަންކުރަން މިރޭ ފާސްކޮށްފި އެވެ.

ކުރިން ޖޭއެސްސީގައި ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އިންނެވީ ފަނޑިޔާރު އަލީ ސަމީރު ކަމަށް ވިޔަސް ނިޔާޒު އެ ކޮމިޝަނަށް އައްޔަންކުރަން ފާސްކުރީ ފަނޑިޔާރުކަމުން ސަމީރު މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވުމުންނެވެ.

ހައި ކޯޓުން ބުނީ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ޖޭއެސްސީ އަށް ނިޔާޒު އައްޔަން ކުރަން ނިންމާފައިވާ ކަމަށެވެ. އެކަމަކު، އެ ކޮމިޝަނަށް އޭނާ އައްޔަން ކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް 2019 ވަަނަ އަހަރުގެ ޖެނުއަރީ މަހު އައްޔަން ކުރެއްވުމާ ހަމައަށް ފަނޑިޔާރު ނިޔާޒު ހުންނެވީ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓަކަށެވެ. އޭނާ ވަނީ ހައި ކޯޓުގައި ބޮޑެތި މަދަނީ އަދި ޖިނާއީ މައްސަލަތަކާއި ދުސްތޫރީ މައްސަލަތައް ވެސް ބައްލަވައިފަ އެވެ.