26 ޑިސެމްބަރ 2016 - 06:39

އިންޑިއާގެ ކާންޕޫރުގައި ދިރިއުޅުނު ވިލާސާ ނަމަކަށް ކިޔާ މި އަންހެންމީހާގެ ވާހަކައެކޭ ބޮލީވުޑް ޑްރާމާއެކޭ ވަކިން ތަފާތެއް ނެތެވެ. އުމުރުން މިހާރު 82 އަހަރު ވެފައިވާ ވިލާސާ ވަނީ މީގެ 40 އަހަރު ކުރިން 1976 ގައި މަރުވެފައި ކަމަށް، އޭނާ ދަންނަ އެންމެން ވެސް ގަބޫލުކުރި އެވެ.
ކާންޕޫރުގެ ބިދްނޫ އަވަށަށް ނިސްބަތްވާ މި އަންހެންމީހާ ގަޔަށް ކަޅު ކުލައިގެ ބޮޑު ހަރުފައެއް ވިހަލީ މީގެ 40 އަހަރު ކުރިން އެއް ދުވަހު ޖަންގަލި ތެރެއަށް ހުއި ހޮވަން ގޮސް އުޅެނިކޮށެވެ. އަވަށުގައި ހުންނަ ހަކީމީ ބޭސްކުރާ މީހެއްގެ ކައިރިއަށް އޭނާ ވަގުތުން ގެންދިޔަ އެވެ. ނަމަވެސް މި މީހާ ކުރި އެއްވެސް ފަރުވާއަކުން ރަނގަޅު ނުވުމުން އާއިލާގެ މީހުން އޭނާ މަރުވީ ކަމަށް ނިންމީ އެވެ.
ވިލާސާގެ އާއިލާއިން އޭނާގެ ޖަނާޒާގެ ކަންތައްތައް ފުރިހަމަ ކުރުމަށް ފަހު ހަށިގަނޑު ގަންގާ ކޯރަށް ދޫކޮށްލީ އެވެ. އެއީ ހަރުފަ ވިހަލައިގެން މަރުވާ މީހުން އަންދާލުމަކީ އެ ހިސާބުގަނޑުގެ މީހުން ކުރާ ކަމަކަށް ނުވާތީ އެވެ.
ނަމަވެސް އޭގެ ފަހުން ބަރާބަރު 40 އަހަރު ފަހުން މިދިޔަ ހުކުރު ދުވަހު ވިލާސާ ވަނީ އެނބުރި އޭނާގެ އާއިލާގެ ކައިރިއަށް ގޮސްފަ އެވެ. އެމީހާ ބުނި ގޮތުގައި ހަރުފަ ވިހަލައިގެން އޭނާ މަރެއް ނުވެ އެވެ. ޚަބަރު ހުސްވެފައި އޮތީ އެވެ. އަދި ބައްތެލިގަނޑެއްގައި ކޯރުތެރެއިން ދަތުރުކުރަމުން ދިޔަ މީހަކަށް އަންހެންމީހާގެ ހަށިގަނޑު ފެނިގެން ނަގައިގެން ގެންގޮސް ބޭސްވެރިޔަކު ލައްވާ ބޭސް ކޮށްގެން ރަނގަޅުވީ އެވެ.
ވިލާސާގެ ތިބެނީ ދެ އަންހެން ދަރިންނެވެ. ރާމް ކުމާރީ އާއި މުންނީ އެވެ. ހުކުރު ދުވަހު ކުއްލިއަކަށް އެމީހުންގެ ގޭ ދޮރުމަތީގައި މަންމަ ހުރި ތަން ފެނިފައި އެމީހުންނަށް ލިބުނީ ވަރަށް ބޮޑު ހައިރާންކަމެކެވެ.
ވިލާސާގެ ދެ ދަރިން ކުރެ އެއް ދަރިއަކު ބުނީ އޭނާގެ މަންމަ ހޭއެރިއިރު އެއްވެސް ކަމެއް ހަނދާން ނެތް ކަމަށް މަންމަ ބުނާ ކަމަށެވެ. އަދި ހަނދާންތައް އެނބުރި އައީ މީގެ ހައެއްކަ ދުވަސް ކުރިން ވަރަށް ކުއްލިއަކަށް ކަމަށާއި އެހިސާބުން އަންހެންމީހާ އޭނާގެ އަވަށާއި އާއިލާ ދިރިއުޅޭ ތަން ކިޔައި ދިނުމުން އާއިލާ ކައިރިއަށް ގެނެސްދިނީ ކަމަށް ވެސް ބުންޏެވެ.
ވިލާސާގެ ދެ ދަރިން ބުނީ އެއީ އެމީހުންގެ މަންމަ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. މަންމަގެ ގައިގައި ހުރި އުފަން ލަފުން އެއީ މަންމަކަން ޔަގީންކުރަން އުނދަގޫ ނުވި ކަމަށް ވެސް ދެ ދަރިން ބުނެ އެވެ.