27 އެޕްރީލް 2022 - 06:46

ބޮލީވުޑްގެ އެކްޓަރު ޝާހިދު ކަޕޫރް، ފައިސާ ހަރަދުކުރަނީ އަނބިމީހާގެ ގާތުގައި އަހާފައި ހުއްދަ ލިބިގެން ކަމަށް އޭނާ ބުނެފި އެވެ.
ކާލީ ޓޭލްސް އަށް ދިން އިންޓަވިއެއްގައި ޝާހިދު ބުނީ ކައިވެނީގެ ކުރިން ފައިސާ ހަރަދުކުރުމުގައި އެއް ވަރަކަށް ވެސް އޭނާ ނުބަލާ ކަމަށެވެ. ހަމަ ބޭނުން އެއްޗެއް ގަންނަމުންދިޔަ ނަމަވެސް، މިހާރު ކައިވެންޏަށް ފަހު އޭނާ ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށް ބުންޏެވެ.
ޝާހިދު ބުނީ އޭނާގެ އަނތްބަކާއި ދެ ދަރިން ވެސް ތިބުމާ އެކު، ހަރަދުތަކާ މެދު ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށެވެ. އެހެންވެ، އެއްވެސް ހަރަދެއް ކުރާ ނަމަ، އަނބިމީހާގެ ލަފާ ހޯދާ ކަމަށް ބުންޏެވެ.
ޝާހިދު ސިފަކުރާ ގޮތުގައި އޭނާއަކީ މިހާރު "ފެމިލީ މެން" އެކެވެ.
ޝާހިދާއި މީރާ ރާޖުޕުތު ކައިވެނިކުރީ 2015 އަހަރު އެވެ. އެ ކައިވެންޏަކީ ދެ މީހުންގެ އާއިލާ އެދިގެން އެމީހުން ކުރި ކައިވެންޏެކެވެ. އެކަމަކު ކައިވެނީގެ ކުރީކޮޅު ދަރިއަކު ލިބި، ދެމީހުންގެ މެދުގައި ވަރަށް ބޮޑަށް ގުޅުން ރަނގަޅުވި ކަމަށް އެ ދެ ތަރިން ވެސް ބުނެ އެވެ.
މިހާރު ކައިވެންޏަށް ހަތް އަހަރުވީއިރު، އެ ދެ ތަރިންނަކީ ބޮލީވުޑްގެ އެންމެ މަގްބޫލު ޖޯޑުތަކުގެ ތެރެއިން ޖޯޑެކެވެ.
ފިލްމީ ދާއިރާގައި މަސައްކަތްކުރުމުގެ ޝައުގުވެރިކަން މީރާގެ ނެތަސް، އޭނާ ވަނީ މިދިޔަ މަހުގެ ތެރޭގައި ފިރިމީހާއާ އެކު އިޝްތިހާރެއް ކުޅެފަ އެވެ. އެ އިޝްތިހާރުގެ އިތުރުން ވެސް ޝާހިދާ ކައިވެނިކުރި ފަހުން ބައެއް އިޝްތިހާރުތަކުން މީރާ ފެނުނެވެ.