ގައުމީ ޓީޓީ ޓީމާ މެދު ދިވެހިން އުންމީދުކުރަންޖެހޭ ގިނަ ސަބަބުތަކެއް އެބަހުރި: ކޮސްޓޯ
ގައުމީ ޓީޓީ ޓީމާ މެދު ދިވެހިން އުންމީދުކުރަންޖެހޭ ގިނަ ސަބަބުތަކެއް އެބަހުރި: ކޮސްޓޯ

އަންނަ މަހު ރާއްޖޭގައި ބާއްވާ ދެކުނު އޭޝިއާގެ ކެޑޭޓް އަދި ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމާ މެދު ދިވެހިން އުންމީދުކުރަން ޖެހޭ ގިނަ ސަބަބުތަކެއް އެބަހުރި ކަމަށް ގައުމީ ޓީމުގެ ކޯޗު ކޮންސްޓަންޓީނޯސް ކޮސްޓޯޕޮލްސް (ކޮސްޓޯ) ބުނެފި އެވެ.

ގައުމީ ޓީޓީ ޓީމާ މެދު ދިވެހިން އުންމީދުކުރަންޖެހޭ ގިނަ ސަބަބުތަކެއް އެބަހުރި: ކޮސްޓޯ
ގައުމީ ޓީޓީ ޓީމާ މެދު ދިވެހިން އުންމީދުކުރަންޖެހޭ ގިނަ ސަބަބުތަކެއް އެބަހުރި: ކޮސްޓޯ

މުބާރާތަށް ރާއްޖެއިން ވަމުންދާ ތައްޔާރީތަކާ ބެހޭގޮތުން، "މިހާރު" އާ ވާހަކަ ދައްކަމުން ގްރީސްގެ ޖުނީއާ ގައުމީ ޓީމުގެ ކުރީގެ ކޯޗު ބުނީ ކުޅުންތެރިން ޓެކްނިކަލީ ބޮޑު ކުރިއެރުންތަކެއް ހޯދައިފި ކަމަށެވެ.

"އެއް އަހަރު ކުރިން އަހަރެން އައިސް މިކުޅުންތެރިންނާއެކު މަސައްކަތް ފެށި އިރަށް ވުރެ މާބޮޑަށް ވެސް މިކުޅުންތެރިންގެ ކުރިއެރުން ހޯދައިފި،" ރާއްޖޭގެ ކޯޗު ކަމުގައި މިއަހަރު ކޮންޓްރެކްޓް އާ ކުރި ކޯޗު ބުންޏެވެ.

"އަހަރެން އިސްކޮށްދިނީ މިކުޅުންތެރިންގެ ޓެކްނިކަލް ހުނަރު ރަނގަޅު ކުރުމަށް. ޓެކްނިކަލީ ކުރިއެރުން ހޯދައިފި ކަމަށް އަހަންނަށް ބުނެވިދާނެ. އެއީ ވެސް މި ޓީމާ މެދު އުންމީދު ކުރަން ޖެހޭ ސަބަބެއް."

މުބާރާތަށް ރާއްޖެއިން ތައްޔާރުވަމުން ދަނީ ކޮރޮއޭޝިއާގެ ދެކުޅުންތެރިން ކަމަށްވާ މިރުނާ ޓޮމިކް އާއި ޑާރިއާ އެރްޕޯވިކް އާއެކު އެވެ. ކޮސްޓޯ ބުނީ މުބާރާތް ކައިރިވެފައި ވަނިކޮށް އެ ދެ ކުޅުންތެރިންނާއެކު ޓްރޭނިން ހަދަން ފުރުސަތު ލިބުމަކީ ދިވެހި ކުޅުންތެރިންނަށް ލިބޭނެ ބޮޑު ތަޖުރިބާއެއް ކަމަށެވެ.

"އެކުޅުންތެރިންނާއެކު ކުޅުނީމަ ދިވެހި ކުޅުންތެރިންނަށް އެނގޭނެ ވާދަވެރި މެޗުތަކުގައި ކުޅެންވީ ގޮތް. ކުރިއެރުން އަންނާނެ އެކުޅުންތެރިންގެ ޓެކްނިކްތައް ނަގައިގަންނަން އަހަރެމެންގެ ކުޅުންތެރިންނަށް ދަސްވާނެ،" ކޮސްޓޯ ބުންޏެވެ.

އޭނާ ބުނީ ރާއްޖޭގައި މުބާރާތް ކުޅޭ އިރު ދިވެހިން އައިސް ޓީމަށް ސަޕޯޓް ކުރާނެ ކަމަށް ކުޅުންތެރިން އުންމީދު ކުރާ ކަމަށެވެ.

"އަމިއްލަ ހޯމްގައި ކުޅޭއިރު މިކުޅުންތެރިން ވެސް އުންމީދު ކުރާނެ ދިވެހިން އައިސް ސަޕޯޓް ކުރާނެ ކަމަށް. ކުޅިވަރުގައި ސަޕޯޓަރުން ފަހަތުގައި ތިބެންޏާ ހަމަގައިމުވެސް ބޮޑު ހިތްވަރަކަށް ވާނެ،" އޭނާ ބުންޏެވެ.

"އަނެއްކާ މި ޓީމުން މިހާރު ހޯދާފައިވާ ކުރިއެރުމަށް ބަލާއިރު ޓީމާ މެދު ދިވެހިން އުންމީދު ކުރަން ޖެހޭނެ."

ކޮސްޓޯ އަށް އެހީތެރިވުމަށް ކްރޮއޭޝިއާގެ ކޯޗެއް ކަމަށްވާ، ޒެވޯނިމިރް ކޮރެނިކް ވެސް ޓީމުގެ ޓްރޭނިންތަކުގައި ބައިވެރި ވެއެވެ. އަންނަ މަހު 9-12 އަށް ބާއްވާ މުބާރާތުގައި ދެކުނު އޭޝިއާގެ ހަ ގައުމުން ވާދަކުރާނެ އެވެ.