25 ޑިސެމްބަރ 2016 - 13:24

ފެނަކައިގެ އާމްދަނީގެ ދެބައިކުޅަ އެއްބައި ހޭދަކުރަނީ އިންޖީނުގެތަކަށް ބޭނުންވާ ތެޔޮ ގަތުމަށް ކަމަށާއި އެ ހަރަދު އަންނަ އަހަރު ތިންބައިކުޅަ އެއް ބަޔަކަށް ކުޑަކުރަން ގޮތްތަކެއް ރާވަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ 100 މީހަކަށް ވަޒީފާ ހަމަޖައްސައި، ލިޔުން ހަވާލުކުރަން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ ތެޔޮ ގަތުމާ ގުޅޭ ދިރާސާއެއް ހެދިއިރު މިހާރަށް ވުރެ ހަރަދު ކުޑަކުރެވިދާނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. އެހެންވެ، މިހާރު އެކަމަށް ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށާއި އަންނަ އަހަރުގެ ތެރޭގައި ހެޔޮ ބަދަލެއް ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ތެލަށް ހަރަދުވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދި ކުންފުނިން ގެންނަން އުޅޭ ބަދަލުތަކާ އެކު ސަލާމަތް ކުރެވޭނީ ކިހާ ވަރެއް ކަމެއް ޝަރީފް ވިދާޅެއް ނުވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފެނަކަ މިހާރަށް ވުރެ ހަރުދަނާކޮށް، ރައްޔިތުންނަށް ފައިދާ ހުރި ހިދުމަތްތަކެއް ދޭން ފަސް އަހަރުގެ ބިޒްނަސް ޕްލޭނެއް އަންނަނީ އެކުލަވާލަމުންނެވެ. ރައީސް އަބްދުﷲ ޔާމީންގެ ލަފަ އާއި އިރުޝާދާ އެކު ކުންފުނީގެ ތަސައްވަރެއްގެ ގޮތުގައި ބަލާފައި ވާނީ އަމިއްލަ ފައިމައްޗަށް ތެދުވެ، އެންމެ އަސާސީ ހިދުމަތަކުން ފެށިގެން އެންމެ "ފަހި ވަސީލަތްތައް" ވެސް ގާއިމްކޮށްދެވޭ ވަރުގެ ކުންފުންޏަކަށް ހެދުން ކަމަށް ވިދާޅުވި އެވެ.
އެ ވިސްނުމުގައި މަސައްކަތް ފަށައި، އެ ކުންފުނިން މިހާރު ފަސް ރަށެއްގައި ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑުމެން މަސައްކަތް ކުރަމުން މި އަންނަނީ ފެނަކައިގެ ތެރޭގައި ވަސީލަތްތައް ގާއިމްކޮށް، ވަސީލަތްތައް އުފެއްދުމާއި ހުނަރު ވެސް ގާއިމްކުރުމަށް. ގާއިމްކޮށްފައިވާ ވަސީލަތްތަކުން ފަސް ރަށެއްގެ ނަރުދަމާގެ ނިޒާމް މި އަންނަނީ ޑިޒައިންކުރަމުން،" ޝަރީފް ވިދާޅުވި އެވެ.