26 އެޕްރީލް 2022 - 12:19

ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީގެ ސުލޫކީ މައްސަލައެއް ސާބިތުވެ އަދަބެއްގެ ގޮތުން ނަސޭހަތް ދީ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރަން އަންގަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
އިސް ގާޒީ އަބްދުﷲ އަލީއާ ގުޅޭ ގޮތުން ޖޭއެސްސީން ތަހުގީގުކުރީ ސިވިލް ކޯޓުގައި ބެލި މައްސަލައަކަށް ހާޒިރުވުމަށް އަމުރު ލިބުނުއިރު, މެޖިސްޓްރޭޓް ކޯޓަކުން ބަލާ މައްސަލައާ ގުޅިގެން ހަމަ އެ ފަރާތަށް, އެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބިފައި އޮތުމުން މައްސަލަ ފަސްކޮށްދިނުމުގެ ބަދަލުގައި މައްސަލަ ބާތިލު ކުރުމުގައި އަމަލުކުރެއްވި ގޮތުންނެވެ.
ޖޭއެސްސީން ބުނީ އަބްދުﷲ އަލީ އަމަލުކުރައްވާފައިވަނީ އަދުލު އިންސާފު ގާއިމުކުރާ ދާއިރާގެ ހައިބަތާއި އިތުބާރު ގެއްލޭފަދަ ގޮތަކަށް ކަމަށެވެ. އަދި ފަނޑިޔާރުގެ ވާޖިބު އަދާކުރުމުގައި ތައައްސުބެއް އޮތްކަން މިކަމުން ފެންނަން އޮތްކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.
އޭގެ އިތުރުން ފަނޑިޔާރުގެ އަދުލުވެރިކަމާ މެދު ސުވާލު އުފެދޭނެ ގޮތުގެ މަތިންކަން އަބްދުﷲ އަލީގެ ބަހުންނާއި ލިޔެކިޔުންތަކުން މައްސަލައިގެ ތަހްގީގަށް ސާބިތުވާކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.
އަބްދުﷲ އަލީގެ އެ އަމަލަކީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކޮށްފައިވާ އަމަލަކަށްވާތީ ޖޭއެސްސީން ނިންމީ އޭނާއަށް ނަސޭހަތް ދިނުމާ އެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމަށެވެ.