ކުރު ވާހަކަ: ރަންމެޑަލް
ކުރު ވާހަކަ: ރަންމެޑަލް

މޫދަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. މޫދުގައި އޮންނައިރު ލޮލުން ހިލިގެން ދެމިގެންދާ އެއްވެސް ކަރުނައެއް އެއްވެސް މީހަކަށް ނުފެންނާނެތީއެވެ. ހަޔާތުގައިވީހާ ހޫނަކަށް އަބަދުވެސް ފިނިކަމެއް ގެނެސްދިނީތީއެވެ. ރޯވި އަލިފާންގަނޑު އަބަދުވެސް ނިއްވާލަދިނީތީއެވެ. އަދި ބަދަލަކަށް އެއްވެސް އަގެއް ނުނަގާތީއެވެ. ކޮންމެ ހާލެއްގައިވިޔަސް އަދި ކިތަންމެ އިރެއް ވިޔަސް، ނުބައި އެއްވެސް މާނައެއްގައި އޭގެ އެއްވެސް ރާޅެއް އައިސް އޭނާގެ ގައިގައި ނުބީހޭނެކަމުގެ ޔަގީންކަން އަބަދުވެސް އޮންނާތީއެވެ.

މޫދު އަޑީގައިވީ ވިލުނޫކުލައިގެ ހިތްގައިމުކަމާއި އެކުވެރި އެ މާހައުލުގައިވީ ހިމޭންކަމާއި ފިނިކަމުގެ ތެރެއިން ފަތަމުން ބޮކިއަރުވަމުން ގޮސް ހަސްނާ ބޯހިއްލައި ރަށާ ދިމާލަށް ކަޅިއެއް އެއްލިއިރު އެންމެން ގޮސް ރަށަށް އަރަނީއެވެ. ލޯމަތީގައި އޮތް ގޮގްލްގަނޑު ކުއްލިއަކަށް ބޮލުން ދަމައިގަތުމާ އެކު އޭނާ ވެސް ރަށާ ދިމާލަށް ފަތައިގަތެވެ.

ވިއްސާރަދުނީގެ ކުލަތައް ޖެހިފައިވާ އަތްކުރު ވަންޕީސް ގަޔަށް ހެޔޮވަރުކުރަމުން ގޮސް ހަސްނާ އެއްގަމަށް އެރިއިރު ކުދިން ބަލައި އައިސް ތިބި މަންމަމެން ދޮންރުކުގެ ފިނި ހިޔަލުގައި އަނގަތަޅަން ތިއްބެވެ. ކުދިންތައް ގޮވައިގެން ގޮސް ކޯޗު ސަބީނާ ވެސް ހުރީ އެމީހުންގެ ތެރޭގައެވެ. އެކަމަކު އެތަނުގައި ހަސްނާގެ މަންމައެއް ނުހުންނާނެކަން އޭނާ އަށް މާކުރިން ވެސް އެނގެއެވެ.

އެއްގަމަށް އަރައިގެން އައި ހަސްނާ ފެނުމުން ސަބީނާގެ އަތުގައި ފަށްޖަހާލާފައި އޮތް ހުދުކުލައިގެ ތުވާލިގަނޑެއް އާނާއާ ދިމާލަށް އެއްލާލިއެވެ. އެ ތުވާއްޔެއް އޭނާއަކަށް ނުހިފުނެވެ. ކުރިމަތީގައި ޖެހުނު ތުވާލި ނަގައިގެން ވެލިފޮޅާލުމާ އެކު އެއިން މޫނު ފޮހެލައި ފަރިތަކަމާ އެކު އުނަގަނޑުގައި ތުވާލި އޮޅާލިއެވެ.

ލައިގެން ހުރި ހެދުންތައް ބަދަލުކޮށް ބޯހިއްކަމުން ގޮސް ހަސްނާ ދޮންރުކުގެ ހިޔަލަށް ގޮސް ވަންއިރު އެތަނުގައި މިހާރު އެހެރީ އޭނާގެ ކޯޗު އެކަންޏެވެ. އެހެން ކުދިންތައް އެމީހުންގެ މަންމަމެންނާ އެކު ރަށު ތެރެއަށް އަރައިގެން ހިނގައްޖެއެވެ.

ހަސްނާ ގޮސް އެރީ ސަބީނާގެ ސައިކަލަށެވެ. ފަތާ ތަމްރީން ހަދާ ކްލާސްތަކަށް ފަހު އޭނާ އަބަދުވެސް ގެއަށް ގެންގޮސްދޭ ކޯޗެވެ.

އުމުރުން 16 އަހަރުގައި ހަސްނާ އަކީ އޭނާގެ އުމުރުފުރާގައި ވާދަކުރާ ގައުމީ ޗެމްޕިއަނެވެ. ގައުމީ ރޭންކިންގައި ދެ ވަނަ އަށް އެންމެ މޮޅު އަންހެން ފެތުންތެރިޔާއެވެ. އެކަމަކު ކުރިއަށް އޮތް ސައުތު އޭޝިއަން ގޭމްސްގައި ކާމިޔާބީގެ މެޑައްޔަކަށް ފަތާނެ ކަމަށް އޭނާގެ ކޯޗު ގަބުލުކުރާ ހަމައެކަނި އެތުލީޓެވެ. ސަބަބަކީ އެވަރުގެ ކުޅަދާނަ އަދި ހަލުވި ބެކްސްޓްރޯކް ދެ ވަނަ ފެތުންތެރިއެއް މިވަގުތު ގައުމުގައި ވެސް ނެތީމައެވެ.

ކޯޗު ސަބީނާ އާއި ހަސްނާ ބައްދަލުވީ މީގެ ފަސް އަހަރު ކުރިން ބޭއްވި އިންޓަ ސްކޫލް ފެތުމުގެ މުބާރާތެއްގެ ތެރެއިންނެވެ. އެ މުބާރާތުގެ ސްޓްރޯކްތަކުގައި އޭނާ ހާސިލުކުރި ވަނަތަކާ އެކު ސަބީނާގެ ހޮވުމުގައި ހިމެނި ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ރަސްމީކޮށް ބައިވެރިވާންފެށީއެވެ. އޭނާގެ ކިބައިން އޭރު ވެސް ޗެމްޕިއަނެއްގެ ސްޕީޑާއި އުއްމީދު ފެނިގެންނެވެ.

ސަބީނާ އަޒްމީ އަކީ ގައުމީ އަންހެން ޓީމުގެ ކޯޗެވެ. އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އަންހެން ފެތުންތެރިޔާއެވެ. މިހާތަނަށް ސައުތު އޭޝިއަން ގޭމްސް އިން ރާއްޖެ އަށް މެޑައްޔެއް ހޯދައިދިން ހަމައެކަނި ފެތުންތެރިޔާ ވެސްމެއެވެ. ސަތޭކަ މީޓަރުގެ ބެކްސްޓްރޯގައި ރިހި މެޑަލް ހޯދައި އޭނާ ގާއިމުކުރި ގައުމީ ރިކޯޑް އަދިވެސް އެބައޮތެވެ. ނަމަވެސް ސަބީނާ ގަބޫލުކުރާ ގޮތުން ނަމަ ހަސްނާ ވެގެންދާނީ އެ ރިކޯޑް މުގުރާލައި ދިވެހިންނަށް ރަން މެޑަލް ގެނެސްދޭނެ ފެތުންތެރިޔާއަށެވެ. އަދި ސަބީނާގެ މި ދިގު ކެރިއަރުގައި އޭނާގެ ހިތްއެދޭ ނުވަތަ ދެކެން ބޭނުންވާ އިތުރު އެހެން ކާމިޔާބީއެއް ވެސް ނެތެވެ. އޭނާގެ އާދަޔާހިލާފު ކެރިއަރުގެ އައިސިން އަކީ ހަސްނާކަން އޭނާ އަށް ޔަގީންވާތީއެވެ.

ހަސްނާގެ ހަޔާތުގައި ސަބީނާ އަކީ މަންމައެކެވެ. ކުޑައިރު މަންމައެއްގެ ފަރާތުން ނުލިބުނު ލޯތްބާއި އަޅާލުން ހަސްނާ އަށް އަބަދުވެސް އިހުސާސުކޮށްދިން މީހަކީ ސަބީނާއެވެ. ފެތުމުގެ މުބާރާތްތަކުގައި ހޯދި ވަނަތަކުގެ އުފާ އެހެން ކުދިން އެމީހުންގެ މައިންބަފައިންނާ އެކު ފާހަގަކުރިއިރު ހަސްނާގެ އެ އުފަލުގައި އަބަދުވެސް އެންމެ ގާތުން ބައިވެރިވި މީހަކީ ސަބީނާއެވެ. ހަޔާތުގެ ދަތުރުގައި އެހެންއެންމެނަށް ވުރެ ބާރަށް ދެ އަތުން ފަލިޖަހައި ކުރި އަރައިގެންދާނެ އުކުޅުތައް ހަސްނާ އަށް ދަސްކޮށްދިން މީހަކީ ސަބީނާއެވެ. އަދި ފަހަރުގައި ސަބީނާގެ ހަޔާތުގައިވީ ހިތާމަ އާއި މޮޅިވެރިކަން ވެސް ދުރަށްޖެއްސި ބާރަކީ މި ކުޑަކުޑަ ފެތުންތެރިޔާއެވެ.

ރިހި މެޑަލް ހޯދި ކާމިޔާބީ އަށް ފަހު އެނބުރި އައިގޮތަށް ސަބީނާ ކައިވެނިކުރީ އޭނާގެ ޒަމާންވީ ލޯބިވެރިޔާ އަދި މަޝްހޫރު ފެތުންތެރިޔާ ވާއިޝްއާއެވެ. އެއީ ފެތުމުގެ އެންމެ މަތީ ލެވެލްގައި ޖެހި ގުޅިލާމެހިގެން ދިޔަ ކައިވެނީގެ ގޮށެކެވެ. ދެ މީހުންނަކީ ވެސް އޭރު ފަތާ ޓްރެކުގައި ގައުމީ ޗެމްޕިއަނުންނެވެ. ނަމަވެސް ކުލައިން ދިއްލައި ހަވާއެރުވިޔަސް ދެ މީހުންގެ ޒަވާޖީ ހަޔާތުގައި ގެނބިގެން ދިޔައީ އެއްވެސް ބަޔަކު އުއްމީދުކުރި ކަނޑަކަށް ނޫނެވެ.

ދެ އަހަރު ފަހުން އެ ކައިވެނި ރޫޅިގެން ދިޔަ ގޮތަށް ދެ މީހުންގެ ފެތުމުގެ ކެރިއަރު ވެސް އޮޔާއި ވަޔާ އެކުގައި ގޮސް ގެއްލުނީއެވެ. ދެ ޗެމްޕިއަނުންގެ ޒަވާޖީ ހަޔާތް ރޫޅިގެން ދިޔަ ގޮތާ ބެހޭ ގޮތުން ފަތާ ޓްރެކުގައި އެކި މީހުން އެކި ގޮތްގޮތަށް ވާހަކަ ދެއްކިއެވެ. އެކި ކަހަލަ ތުހުމަތުތައް ދެ މީހުންނަށް ކޮށް ހަޖޫޖަހައި މަލާމާތްކޮށް މަސްކައި ހެދިއެވެ. އެއް ބަޔަކު ބުނި ގޮތުން ނަމަ އެ ކައިވެނި ރޫޅުމުގެ އަސްލަކީ އެހެން ފެތުންތެރިޔަކާއި ސަބީނާއާ ދެމެދު އޮތް ފާޑެއްގެ ގުޅުމެއް ފަޅާއެރުމެވެ. ފާޑެއްގެ އެ ގުޅުމަކީ ކޮބައިކަމެއް އަދި ސަބީނާގެ އެ ސިއްރު ލޯބިވެރިޔާ އަކީ ކާކު ކަމެއް ވެސް އެނގޭ މީހަކު ނެތެވެ.

އެ ކައިވެންޏަށް ފަހު ސަބީނާ މީހަކާ ނީނދެއެވެ. އެކަމަކު އަބަދުވެސް އޭނާ ދެއްކި އެންމެ މަޝްހޫރު ވާހަކަ އަކީ އަމިއްލަ ދަރިއަކު ޗެމްޕިއަނެއްގެ ގޮތުގައި ތަމްރީނުކޮށް ރާއްޖެ ފަހުރުވެރިވާ ވަރުގެ ވަނައެއް ބައިނަލްއަގުވާމީ މުބާރާތަކުން ހޯދައި ދިނުމެވެ. އެއީ ސަބީނާގެ އެންމެ ބޮޑު ހުވަފެން ވެސްމެއެވެ.

އޭނާގެ ލޮލުގައި ހަސްނާގެ ހުނަރު އަޅައިގަތީ ސަބަބެއް ނެތިއެއް ނޫނެވެ. ހަސްނާ އަކީ ފެތުމުގެ ޓްރެކުގައި ސަބީނާ ބޭނުންވާ ކާމިޔާބީ އަށް އޭނާ ގެންގޮސްދޭނެ ފެތުންތެރިޔާއެވެ. އެކަން ވަރަށް ބޮޑަށް ޔަގީންވެގެންނެވެ. އަދި ހަސްނާ އަށް ވެސް ގަބޫލުކުރެވުނީ ހަމަ މިހެންނެވެ. އަނެއްކޮޅުން މައެއްގެ އުނގުގައި ބޯއަޅާލަން ލިބުން ވެގެން ދިޔައީ ހަސްނާގެ ހަޔާތަށް މުޅިން އައު ދިރުމެއް ގެނެސްދިން ކަމަކަށެވެ.

ހަސްނާގެ މަންމަ އަކީ މަސްތުވާތަކެއްޗަށް އަޅުދާސްތުވެފައިވީ ނިކަމެއްޗެކެވެ. ބަލި މީހެކެވެ. އޯވަޑޯޒްވެ ދުނިޔެ އަޅައިދިޔައިރު ހަސްނާ އަށް އެންމެ ފަސް އަހަރެވެ. އެހިސާބުން ފެށިގެން މަންމަ ފަރާތު މާމަ ކައިރީގައި ބޮޑުވަމުން ދަނިކޮށް އޭނާ އުރާލައިގެން ގެންދިޔައީ ބައްޕަ ނަސީރެވެ. ހަސްނާ އަށް ފަތަން ދަސްކޮށްދިނީ އަބަދުވެސް ކުޅޭ އެއްޗެއްސާއި ރީތި ހެދުންތައް އޭނާ ގަނެދިން އެ ބައްޕައެވެ.

އެކަމަކު ނަސީރަކީ ވެސް މަސްތުގެ ހާއްޔަކަށް ނިދައި ހޭލަމުން ދިޔަ މީހެކެވެ. ދިރިއުޅުމުގައި އަމާޒެއް ނެތް ލާޗާރުބިޗާރެކެވެ. އެއް ދުވަހު ވަޒީފާއަކަށް ދިޔަ ނަމަ އަނެއް ދެ ހަފުތާގައި ކުރާނެ މަސައްކަތެއް ނުލިބި ބިތްޖެހިފައިވީ ހަކުރުގެ އަޅެކެވެ.

އޭނާ ރިހެބަށް ގެންދިއުމުން ދެން އަނެއްކާވެސް ހަސްނާ ބަދަލުވީ މާމަމެންގެ ގެއަށެވެ. އޭރު ވެސް އޭނާގެ ގައިގައި އެކި މީސް މީހުން އެކިއެކި ބޭނުންތަކުގައޭ ބުނެ ބީހި ފިރުމަމުން ދިޔައެވެ. އަދި ބައެއް ފަހަރަށް އެ ފިރުމުންތައް އޭނާގެ ގައިން ލޭކޮށާލައެވެ. އެކަމަކު އޭނާގެ މައުސޫމު ހަށިގަނޑުގައި ވަކި އަޅުވަމުން ގެންދިޔަ އެންމެން ވެސް އޭނާ އަށް ވިސްނައި ދިނީ އެއީ ބީހުމެއް ކަމަށެވެ. އަދި ބީހުމާއި ފިރުމުގެ މާނަ އަކީ ސާފު ތެދުވެރި ހިތެއްގެ މިސާލު ކަމަށެވެ. އަދި ލޭކޮށާނުލެވެނީސް ހަޔާތުގެ ދަތުރުގައި އެއްވެސް ކަމެއް އެއްވެސް މީހަކަށް ހާސިލުނުވާނެ ކަމެވެ.

ސަބީނާގެ ލޮލުގައި ފުރަތަމަ އަޅައިގަތީ ހަސްނާގެ ދެ އަތުގައި ހެދިފައިވީ ލަކުނުތަކެވެ. އެއީ މީހަކު ވަކި އަޅައިގެން ލިބިފައިވާ އަނިޔާތަކެއް ނޫނެވެ. އެކަމަކު ގަސްދުގައި ދެ އަތުގައި ކަޓަރު އަޅައި ދީފައިވާ އަނިޔާއެވެ. ގަސްދުގައި ލޭކޮށައި ދެ އަތުގައި ކުރަހާފައިވާ ލަކުނެވެ. ނަމަވެސް އެ ކަންތައް އެންމެ ފުރަތަމަ ސަބީނާ މާބޮޑު ކަމަކަށް ނަހަދައެވެ. އެ ވާހަކައެއް އަމުދަކުން މީހެއްގެ ސަމާލުކަމަކަށް ވެސް ނުގެނައެވެ. އަދި އެ ޒަޚަމްތަކާއި ލަކުނުތަކާ ބެހޭ ގޮތުން އޭނާ ހަސްނާއާ ވާހަކައެއް ވެސް ނުދައްކައެވެ.

އޭގެ ބަދަލުގައި ސަބީނާ ގޮސް އިށީނީ ހަސްނާއާ އެންމެ ގާތުގައެވެ. އޭނާ އަށް ފަހިކޮށް ދިނީ ހަޔާތުގެ އެ ހުރިހާ ތުރާލަކާއި ވޭނަކުން ނުކުމެ ބޯއަޅާލާނެ ކޮނޑެކެވެ. ފަހިކޮށްދިނީ ހަސްނާގެ ދިރިއުޅުމުގައި ދުވަހަކުވެސް ނެތް ތަނަވަސްކަމާއި ފުރުސަތުތަކެވެ. ގަނެދިނީ އެންމެ ރީތި ހެދުންތަކާއި އެންމެ މީރު ކާއެއްޗެއްސެވެ. އަދި ގޮވައިގެން ދިޔައީ އެންމެ ހިތްގައިމު މަންޒިލްތަކަށާއި ހިތްފަސޭހަ ޗުއްޓީތަކަށެވެ.

ފުރާވަރުގެ އަންހެން ކުއްޖަކާ އެކު އޭނާގެ ކޯޗު މި ފާޑަކަށް ގުޅުން ބަދަހިކުރާތަން ފެންނަން ފެށުމުން ޓީމުގައި ހިމެނޭ އެހެން ކުދިންނާއި އެތުލީޓުންގެ މައިންގެ ހިތަށް އެރީ އެންމެ ނުބައި މީހެއްގެ ހިތަށް ވެސް އަރާނެ އެއްޗެވެ. ކޯޗު ވަކި ކުއްޖަކަށް ފޭވާކުރަނީ އެވެ. ވަކި ކުއްޖަކަށް ހާއްސަ ފުރުސަތުތަކެއް ހޯދައިދޭން މަސައްކަތްކުރަނީއެވެ. އަދި މި ވަސްވާސްތަކާ އެކު ފެތުރެމުންދިޔައީ އެންމެ ނުބައި ތައައްސުބާއި ފިތުނަފަސާދެވެ.

މި ތުހުމަތުތަކާ އެކު ސަބީނާގެ ހިތް ދިޔައީ ފަޅައިގެންނެވެ. އޭނާގެ ހިތުގައި ހަސްނާ އަށް ހާއްސަވި މަގާމު ދިފާއުކޮށް ހިތުގައިވީ ހަގީގަތް އޭނާ ކިޔައިދިނެވެ. އަދި ހަސްނާގެ ހަޔާތުގައިވީ ހިތްދަތިކަމާއި އަނދިރިކަން ނެޝަނަލް އެކަޑެމީގެ ވެރިންގެ ސަމާލުކަމަށް ގެންނަން މަސައްކަތްކުރިއެވެ. ނަމަވެސް ފިޔަވަޅު އަޅާ ކޮމިޓީން އެންމެފަހުން ފިޔަވަޅު އެޅީއެވެ. އަދި ހަސްނާއާ އެކު ސަބީނާ ދެކެމުން ފައްކާކުރަމުން ދިޔަ ހުވަފެނުގައި ދިއްލުނު ބޮކި ހަމަ ކުއްލިއަކަށް ތަޅައިގެން ދިޔައީއެވެ.

ސަބީނާ އަށް އޭނާގެ ވަޒީފާ ގެއްލުނު ކަމުގައިވިޔަސް ހަސްނާގެ ހިތުން އޭނާ ކަށަވަރުކޮށްފައިވީ މަގާމަކަށް ދެން ވެސް ނުރައްކަލެއް ނެތެވެ. ދެ މީހުން އެކުގައި ހާސިލުކުރަން ބޭނުންވި ރަން މެޑަލް ހާސިލުކުރަން ރޭވި ރޭވުންތައް ބަދަލުކުރަން ޖެހުނަސް ހަސްނާގެ ހިތުގައި އޭރު ވެސް ވަނީ ސަބީނާ އަށް ރަން މެޑަލް ކަށަވަރުވެފައެވެ. ވަކިން ހާއްސަކޮށް ދަރިއަކު ނެތް ހަޔާތުގައި އަމިއްލަ އުފަން ދަރިއެއްގެ އިހުސާސް އަލަށް ކުރެވެން ފެށުންވީ ލިބުނު އަދަބުމަތިން އިސާހިތަކު ހަނދާން ނެތުނު ކަމަކަށެވެ.

އޭގެ 10 އަހަރު ފަހުން މަސްތުގެ މުޑުދާރުކަމުން ސާފުވެ ޖަލު ހުކުމްތަކުން ސަލާމަތްވެ ފުރިހަމަ މިނިވަނަކަށް ބަދަލުވެގެން ނަސީރު އެނބުރި އައިއިރު އޭނާގެ ލޯބިވާ ދަރިފުޅު ވަނީ ބޮޑުވެ ފުރާފުރިހަމަވެފައެވެ. އޭރު ހަސްނާ ހީވަނީ އޭނާގެ މަންމަގެ ފުރިހަމަ ތަސްވީރެއް ހެންނެވެ. ނަމަވެސް ލޯބިވާ ދަރިފުޅުގެ އެ މޫނު ދެކިލުމަށް ތެޅެމުންފޮޅެމުން ދިޔައިރު ހަސްނާއެއް ގެއަކު ނެތެވެ. އަދި އޭނާގެ މާމަ ދުނިޔެއަކު ނެތެވެ. އެ ގޭގައި އިނީ ކުޑަ އަންހެން ކުއްޖަކު އުނގަށް ލައިގެން އިން މުސްކުޅި މުޑުދާރު ފިރިހެނެކެވެ. އަދި އެމީހެއްގެ އެ އަށް ވުރެ މުޑުދާރު ސިއްރުތައް ނަސީރަށް އެނގޭތީ އަވަހަށް އެގެއިން ނުކުމެގެން ދިޔައީއެވެ. ނުވަތަ ނަސީރުގެ ސިއްރުތައް އޭނާ އަށް އެނގޭތީ އޭނާ ފެންނަ ހިސާބަކަށް ދާން ނުކެރުނީއެވެ.

ނަމަވެސް ނަސީރަކީ މިހާރު އެއްކޮށް ބަދަލުވެފައިވާ މީހެކެވެ. އަދި އޭނާގެ އަމިއްލަ އާއިލާގެ މީހުން ތިބީ ހަޔާތުގައި އެޅުނު ކަތި ފިޔަވަޅުތައް ރަނގަޅުކުރުމަށް އޭނާގެ ހިތުގައި ކަނޑައަޅާފައިވާ އަޒުމަށް ބާރު ދީ އެހީތެރިވާށެވެ. އަދި އޭނާގެ ހަޔާތުގައި އަބަދުވެސް އެންމެ ލޯބިވި ދަރިފުޅު އެ ހަޔާތަށް އަލުން ގެނެސްދޭން އަތު ގުޅާލައިގެންނެވެ.

ހަސްނާ ދިރިއުޅެމުން ދަނީ އޭނާގެ ކޯޗު ސަބީނާއާ އެކުގައި ސަބީނާގެ އެޕާޓްމަންޓުގައިކަން ނަސީރަށް އެނގުނީ އާއިލާ މީހެއްގެ ފަރާތުންނެވެ. އަދި ހަސްނާގެ ގާނޫނީ ބެލެނިވެރިކަން ހޯދަން ސަބީނާ އެކި ފަހަރުމަތިން އާއިލާގެ މީހުންނާ ވާހަކަ ދެއްކިކަން ވެސް އެނގުނީ އާއިލާ މީހުން ކިޔައިދިނުމުންނެވެ.

ނަމަވެސް ހަސްނާގެ ހަޔާތުގައިވީ ސިއްރެއް ދެނަހުރި ހަމަ އެކަކު ވެސް ސަބީނާ ފިޔަވައި ނެތެވެ. އޭނާގެ ހަޔާތުގައި އަޅަމުންދިޔަ ވޭނަށް ފަރުވާއެއް ހޯދައިދޭން މަސައްކަތްކުރި ހަމަ އެކަކު ވެސް ސަބީނާ ނޫނީ ނެތެވެ. ފެތުމުގެ ކާމިޔާބު ކެރިއަރެއް ނުލިބުނަސް ހަސްނާގެ ހިތަށް މިއަދު ލިބިފައިވާ ހިތްހަމަޖެހުމަކީ ސަބީނާއެވެ. ދެ މީހުންނަށް އެކުގައި ގޮސް ރަން މެޑަލް ހާސިލުނުކުރެވުނަސް ދެ މީހުން މިއަދު އެއް ހިޔަލެއްގައި، އެއް ހަޔާތެއްގައި އުފާވެރި ދުވަސްތަކެއް ގުނަމުން ގެންދިއުމަކީ ހަސްނާ ގަބޫލުކުރާ ގޮތުން ނަމަ ހަޔާތުގެ ފެތުމުގައި ރަން މެޑަލް ހާސިލުވުމެވެ.

އެކަމަކު ދެން ވެސް ހަސްނާ އަށް ވަކިކުރަން ނޭނގުނީ ފަރުވާ އާއި އަނިޔާ އެވެ. އޯގާވެރި އަތެއްގެ ފިރުމުމާއި އަމިއްލަ އެދުމަކުން ކަޅިވެފައިވީ މުޑުދާރު އަތެއްގެ ބީހުމެވެ. ސަބީނާގެ އަސްލު ސިފައެވެ. ސަބީނާ އަށް މީހުން އަބަދުވެސް ކުރި ތުހުމަތެވެ.

ނަމަވެސް ޔަގީންވާ ހިތް ދަތި ހަގީގަތަކީ މިއެވެ. އެއިން އެއްވެސް ވާހަކައެއް ހަސްނާ ގަބޫލެއް ނުކުރެއެވެ. އަމުދަކުން ބައްޕަ ކިޔައިދޭ އެއްވެސް ވާހަކައެއް ގަބޫލުކުރަން އޭނާ ބޭނުމެއް ނުވެއެވެ.

ނަސީރުގެ އެ ހިތަށް ފިނިކަމެއް ހޯދީ އަނެއްކާވެސް ހަކުރާއި މަސްތުގެ ދުނިޔެއަކުންނެވެ. އެކަމަކު ސަބީނާއާ ދެކޮޅަށް ގައުމީ އަންހެން ޓީމުގެ ކުރީގެ ޒުވާން ފެތުންތެރިން އޭރު ވާހަކަ ދައްކަން ފަށައިފިއެވެ. ކުރިން ވެސް އެމީހުން އޭނާއާ ދެކޮޅަށް އެ ތުހުމަތުކުރިއެވެ. އޭރު ވެސް ފެންމަތިވީކީ ހަމައެކަނި ވަކި ކުއްޖަކަށް ފޭވާކުރުމުގެ މައްސަލައެއް ނޫނެވެ.

އަލަށް ތިލަވަމުން ދިޔަ ސުރުހީތައް ބުނާ ގޮތުން ނަމަ ސަބީނާ އޭނާގެ އެތުލީޓުންނަށް ދިން އަނިޔާ އެކެޑަމީގެ ވެރިންނަށް ވެސް އެނގެއެވެ. އެކަމަކު އެއްވެސް ވެރިއަކު އެ ވާހަކަ ނުދެއްކީއެވެ. ރަންމެޑަލަށް ޖެހި އަމާޒު އެމީހުންނަށް މާ މުހިންމުވީއެވެ. ނުވަތަ އެއީ އެންމެން އެކުގައި ހިންގި ލާއިންސާނީ އަމަލެކެވެ.

ސަބީނާގެ ވާހަކަތައް ކިޔައިދިން އިތުރު އެތުލީޓުންނާއި ބެލެނިވެރިން ފާޅުވާން ފެށުމާ އެކު އެސޯސިއޭޝަންގެ އެހެން ވެރިންގެ ނަންތައް ވެސް މަޑުމަޑުން އެ މުޑުދާރު ސުރުހީތަކަށް އަރަން ފަށައިފިއެވެ.