އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތް މި ފަހަރު ރާއްޖޭގައި
އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތް މި ފަހަރު ރާއްޖޭގައި

އޭޝިއާގެ 54 ވަނަ ބޮޑީ ބިލްޑިން އަދި ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕް، އަންނަ ޖުލައި މަހު ރާއްޖޭގައި ބާއްވަން ތާވަލުކޮށްފި އެވެ.

ލޯކަލް ޓޫރިޒަމްގެ ހަބް، މާފުށީގައި އޮންނަ އެ މުބާރާތް ކުރިއަށް ގެންދާނީ ޖުލައި 15-21 އަށެވެ.

އޭޝިއާގެ 30 ގައުމަކުން ބޮޑީ ބިލްޑިން އެތުލީޓުންނާއި އޮފިޝަލުންނާއެކު މުބާރާތުގައި ބައިވެރިވާ ކޮންޓިންޖެންޓްގެ އަދަދު 500 އަށް ވުރެ މަތިވާނެ ކަމަށް ބޮޑީބިލްޑިން އެސޯސިއޭޝަނުން ލަފާކުރެ އެވެ. އެއާއެކު، އެ މުބާރާތް ވާނީ މިހާތަނަށް ރާއްޖޭގައި ބާއްވާ ކުޅިވަރުގެ އިންޓަނޭޝަނަލް އެންމެ ބޮޑު މުބާރާތަށެވެ.

މުބާރާތް އެންމެ ފުރަތަމަ ބާއްވަން ހަމަޖެހިފައި އޮތީ 2020 ގަ އެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ދެ އަހަރު ފަހުން މުބާރާތް ހޯސްޓް ކުރުން ލައްވާލީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށެވެ.

ބޮޑީ ބިލްޑިން އެސޯސިއޭޝަންގެ ރައީސް، އިބްރާހިމް ހަމީދު ވިދާޅުވި ގޮތުގައި މާފުށީގައި މުބާރާތް ބޭއްވުމުން ރާއްޖޭގެ ޓޫރިޒަމް ވެސް އިތުރަށް ޕްރޯމޯޓް ވާނެ އެވެ.

"މުބާރާތް މިހާރު ހޯސްޓް ކުރަން ޖެހިފައި މި އޮތީ ވެސް ވަރަށް މުހިންމު އަހަރަކާ ދިމާކޮށް. ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމުގެ ހަރަކާތްތައް ވެސް ކުރިއަށް ދާ އަހަރަކާ ދިމާވެފަ މި އޮތީ. ބޮޑީ ބިލްޑިންގައި އޭޝިއާގެ އެންމެ މަޝްހޫރު އެތުލީޓުން ރާއްޖެ އަންނާނެ. އެހެންވީމާ ރާއްޖޭގެ ޓޫރިޒަމަށް ވެސް ވަރަށް ބޮޑު އެކްސްޕޯޝާއެއް ލިބިގެންދާނެ،" އިބްރާހިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި މުބާރާތަށް ހާއްސަ ސްޓޭޖު ތައްޔާރު ކުރާނީ ވެސް މާފުށީ ބީޗް ސަރަހައްދުގަ އެވެ.

"ރާއްޖޭގެ ގުދުރަތީ ރީތިކަން ރަމްޒު ކުރާ ގޮތަށް އަޅުގަނޑުމެން މުބާރާތް ކުރިއަށް ގެންދާނީ،" އޭނާ ވިދާޅުވި އެވެ.

ރާއްޖެއިން ވެސް 20 އެތުލީޓުން މުބާރާތުގައި ތަމްސީލު ކުރާނެ އެވެ. ބޮޑީ ބިލްޑިންގައި ރާއްޖޭގެ އެތުލީޓުން މީގެ ކުރިން ވެސް ވަނީ ދުނިޔޭގެ ލެވަލްގައި ވެސް ކާމިޔާބީތަކެއް ހާސިލުކޮށްފަ އެވެ. މިދިޔަ އަހަރު އުޒްބެކިސްތާންގައި ބޭއްވި ވޯލްޑް ބޮޑީ ބިލްޑިން އަދި ފިޒިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ދެ އެތުލީޓުން ކަމަށްވާ، މުހައްމަދު ރަޝީދު (ރަޗޭ) އާއި މުހައްމަދު މޫސާ (މޯޑް) ވަނީ ރިހި މެޑަލް ހޯދައިފަ އެވެ.

ދެކުނު ކޮރެއާގައި 2019 ގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި މޯޑް ލޯ މެޑަލް ވެސް ހޯދި އެވެ. ނޭޕާލްގައި 2019 ގައި ބޭއްވި ދެކުނު އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތުގައި މޯޑް ވަނީ ރަން މެޑަލް ވެސް ހޯދައިފަ އެވެ.

މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ އަމާޒަކީ މަދުވެގެން 10 މެޑަލް ހޯދުމެވެ. މުބާރާތުގެ އޮންލައިން މިޑިއާ ޕާޓްނަރަކީ "މިހާރު" އެވެ.