26 އެޕްރީލް 2022 - 00:39

މަޝްހޫރު މަހުޖަނު އީލޮން މަސްކަށް 44 ބިލިއަން ޑޮލަރަށް ޓްވިޓާ ވިއްކާލަން އެއްބަސްވެއްޖެ އެވެ.
ޓްވިޓާ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޮންމެ ހިއްސާއަކަށް 54.20 ޑޮލަރުގެ ރޭޓުން އީލޮން އަށް އެ ކުންފުނި ވިއްކާލަން އެއްބަސްވެފައިވާ ކަމަށެވެ. އެއީ އެ ކުންފުނި ގަންނަން މި މަހު 14 ގައި އީލޮން ހުށަހެޅި އަގު ވެސް މެ އެވެ.
"ޑިމޮކްރަސީއެއް އެންމެ ފުރިހަމަ އަށް ހިނގާނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮވެގެން. ޓްވިޓާއަކީ އިންސާނުންނާ ގުޅޭ އެންމެހާ ކަންކަން އެންމެ ފުޅާކޮށް ބަހުސްކުރެވޭ ތަން،" އެ ނޫސްބަޔާނާ އެކު ނެރުނު އީލޮންގެ ބަޔާނުގައި އޭނާ ވިދާޅުވި އެވެ.
"އަހަރެން ބޭނުންވާނީ ކުރިއަށް ވުރެ ޓްވިޓާގެ ހިދުމަތް ރަނގަޅުކުރުމަށް އާ ފީޗާތައް ތައާރަފުކޮށް، މީހުން އިތުބާރުކުރާ އެއްޗަކަށް ހެދުމާއި މަކަރު ހަދާ މީހުންނަށް ފުރުސަތު ނުދޭ، އެންމެނަށް ވެސް ރައްކާތެރި ތަނަކަށް ހެދުމަށް."
ޓްވިޓާގެ ސީއީއޯ ޕަރަގް އަގަރްވާލް ވެސް ވަނީ އެ އެއްބަސްވުމަށް ތައުރީފުކުރައްވައިފަ އެވެ.
"ޓްވިޓާއަކީ ދުނިޔޭގައިވާ ކޮންމެ ކަމަކާ ގުޅުން އޮންނަ ތަނެއް،" އޭނާ ވިދާޅުވި އެވެ.
ޓްވިޓާ ގަތުމުގެ އެއްބަސްވުން ހަދަން އީލޮން ވަނީ 25 ބިލިއަން ޑޮލަރުގެ ލޯނެއް ނަގައިފަ އެވެ. އަދި ޕާސަނަލް އިކުއިޓީގެ ގޮތުގައި 22 ބިލިއަން ޑޮލަރު އޭނާ ހޭދަކުރެ އެވެ. އެހެންވެ، އެނަލިސްޓުން ލަފާކުރާ ގޮތުގައި ކޮންމެ އަހަރަކު އެ ލޯނުގެ ސަބަބުން ޓްވިޓާގެ ސާވިސް ކޮސްޓް އަހަރަކު އުޅެނީ އެއް ބިލިއަން ޑޮލަރުގަ އެވެ. އެއީ އެ ކުންފުންޏަށް އަހަރަކު ލިބޭ އާމްދަނީގެ 20 ޕަސެންޓެވެ.
އީލޮން އަށް ޓްވިޓާ ވިއްކާލުމުން މިހާރު ވާނީ ޕްރައިވެޓް ކުންފުންޏަކަށެވެ. ކުރިން އެއީ އާންމުންނަށް ހިއްސާ ވިއްކާފައި އޮންނަ ޕަބްލިކް ކުންފުންޏެކެވެ.
ކުރިން، 9.2 ޕަސެންޓާ އެކު ޓުވިޓާގެ އެންމެ ބޮޑު ހިއްސާއެއް އޮތް އީލޮން، އެ ސޯޝަލް މީޑިއާ ކުންފުނި އޭނާ އަށް ވިއްކާލަން އެދިވަޑައިގަތީ އެއީ ހިޔާލުފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން އޮންނަ ޖެހޭ ޕްލެޓްފޯމެއް ކަމަށް ވިދާޅުވެ އެވެ. އީލޮން ގަބޫލުކުރައްވާ ގޮތުގައި މިހާރު ޓުވިޓާ އަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތް ތަނެކެވެ.