26 އެޕްރީލް 2022 - 07:56

ކަމާ ބެހޭ ފަރާތްތަކަށް ގޮންޖައްސަވައި، "އިންވެސްޓްމެންޓް ފަންޑު" ހިންގާނެ ކަމަށް ބުނަމުން ދިޔަ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އެންމެ ފަހުން އަމާންދެއްވައިފި އެވެ.

"ކިންގްސް ފޮރެކްސް"ގެ ނަމުގައި، ފޮރެކްސްގައި އިންވެސްޓް ކުރާ ކަމަށް ބުނެ، އަލްހާނާއި އޭނާގެ ކޮއްކޮ، މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ އިސްވެ ތިބެ އުފެއްދެވި ކުންފުނިން އެތައް މިލިއަން ރުފިޔާއެއް ވަނީ ހޯދައިފަ އެވެ. އެކަން ސަރުކާރުގެ މާލީ އިދާރާތަކުގެ ސަމާލު ކަމަށް އައިސް، އެފަދަ ފަންޑުތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ފަންޑުތަކަކަށް ނުވާތީ، މީގެ ދެ މަހެއްހާ ދުވަސްކުރިން، އެ ފަންޑުތަކާ ދުރަށް ދިއުމަށް އާންމުންނަށް ވަނީ ގޮވައިލައިފަ އެވެ.
އޭގެ ހުރަސްތަކަށް ފަހު، ކިންގް ފޮރެކްސް އިން އިއްޔެ އާންމުކޮށްފައިވާ ގޮތުގައި، އިއްޔެ އިން ފެށިގެން އެ ކުންފުންޏަށް އިންވެސްޓްމަންޓް [ފައިސާ] ބަލައިގަތުން ވަނީ ހުއްޓާލައިފަ އެވެ. އަދި އެކަން އިއުލާންކުރި ޓްވީޓާ އެކު، ކެޕިޓަލް މާކެޓް އޮތޯރިޓީން އާންމުކޮށްފައިވާ އިއުލާނެއް ވެސް ވަނީ އެޓޭޗް ކޮށްފަ އެވެ.
އެ އިއުލާންގައި ބުނެފައިވާ މައިގަނޑު ވާހަކައަކީ، މާލީ ސެކިއުރިޓީސްގެ ގާނޫނުގެ ދަށުން އިންވެސްޓަރުންގެ މަސްލަހަތު ހިމާޔަތް ކުރުމާއި މާލީ ސެކިއުރިޓީސްގެ މުއާމަލާތްތަކުގައި ކުރާ ނޭދެވޭ އަމަލުތައް ހުއްޓުވުމަކީ އެ އޮތޯރިޓީގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި އެ އިއުލާންގައި ބުނެފައި ވަނީ އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އެއް ކަމަކަށް ފައިސާ ހޯދައިގެން އެއިން ފައިދާ ލިބޭ ގޮތަށް އިންވެސްޓް ކުރުމަކީ ސެކިއުރިޓީސްގެ ތެރޭގައި ހިނގާނެ ކަމެއް ކަމަށާއި އެފަދަ ކަންކަން ކުރެވޭނީ އަދި އިޝްތިހާރު ވެސް ކުރެވޭނީ ލައިސަންސް ނަގައިގެން ކަމަށެވެ.
އެ ޓްވީޓްގައި ކިންގްސް ފޮރެކްސް އިން ބުނެފައި ވަނީ، "މިކަން ކުރާން ގާނޫނީ އޮނގަނޑާ އެކީ ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ" ކަމަށެވެ.
ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި، އަދި ކުރިން އަލްހާން ވެސް ވިދާޅުވެފައިވާ ގޮތުގައި ކިންގްސް ފޮރެކްސް އަށް އިންވެސްޓް ކުރި މީހުންގެ އަތުން 60 ވަރަކަށް މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެއީ 2000 އަށް ވުރެ ގިނަ މީހުންގެ ފައިސާ އެވެ.
ކިންގް ފޮރެކްސްގެ ޓެލްގްރާމް ގުރޫޕްގައި މީގެ ހަފުތާއެއްހާ ދުވަސްކުރިން އާންމުކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުން ނަމަ، އެ ކުންފުންޏަށް ވަނީ ފައިސާ ދިނުމުގައި ދަތިތައް ކުރިމަތިވެފަ އެވެ. އަދި، އިންވެސްޓް ކުރި މީހުންނަށް ބޮޑެތި ފައިދާތަކެއް ދޭން ތަކުރާރުކޮށް ވައުދުވި ކުންފުނިން ފަހަކަށް އައިސް މުޅިން ވެސް ދައްކަމުން އަންނަނީ ދަރަނި ނުދެއްކިގެން އުޅޭ ވާހަކަތަކާއި އެ ދަރަނިތައް ދައްކާނެ ގޮތުގެެ ވާހަކަތަކެވެ.
"އަޅުގަނޑުމެން ފައިސާ ވަގަށް ނަގައިގެން ފިލަކަށް ނޫޅެމު. ކަންބޮޑުވެ ނުލައްވާ!،" ކިންގް ފޮރެކްސް އިން ކުރި އެއް މެސެޖްގައި ވެ އެވެ.
"[މިއީ] ހީނުކުރާ ކަމެއް ބަޔަކު ކުރިމަތިކުރުވުމުން ދިމާވި މައްސަލައެއް! މިދަނީ ޕޭއައުޓް ދިނުމާ އަނބުރާ ފައިސާ ނަންގަވަން އެދިލައްވާ ބޭފުޅުންގެ ކަންކަން ވެސް ވީހާ އަވަހަކަށް ހަމަޖެއްސޭތޯ މަސައްކަތް ކުރަމުން."
އެހެން މެސެޖެއްގައި ވެ އެވެ: "ކޮޕީ ޓްރޭޑިންގ އަޅުގަނޑުމެން އުންމީދު ކުރި ގޮތަށް ނުގެންދެވޭ ނަމަވެސް އަޅުގަނޑުމެން މިމަސައްކަތް ކުދަނީ ވީހާ އަވަހަކަށް، ޕޭއައުޓް ހެދޭނެ އިންތިޒާމެއް ހަމަޖެެއްސުމަށް ބުރަކޮށް މަސައްކަތް ކުރަމުން. ވަރަށް ގިނަ ބޭފުޅުންނަށް ތަފަތު އެކި ދަތިތަކާ ކުރިމަތިވަމުންދާކަން ފާހަގަކުރައްވާއިރު ހައްލެއް ނުދެވޭތީ ނުހަނު ހިތާމަކުރަން.
"އަޅުގަނޑުމެނަށް ވީ މާލީ ބޮޑު ގެއްލުމުގެ އިތުރުން ވަސީލަތްތަކަށް ވެސް ހުރަސް އެޅި ދަތިތަކާ ކުރިތިމަތިވުމުން މިކަން މިހެން ދިމާވި ނަމަވެސް އަޅުގަނޑުމެން މިކަން ކުރާނަން. އަދި އަނބުރާ [ފައިސާ] ގެންދަވަން ބޭނުންފުޅުވާ ބޭފުޅުންނަށް އަޅުގަނޑުމެނަށް ވީ އެންމެ އަވަހަކަށް ފައިސާ ދޭނެ ވާހަކަ ދަންނަވަން ލަސްވުމަކީ އެކަށީގެންވާ ކަމެެއް، އެހެން ނަމަވެސް ޒިންމާ އަދާކުރާނަން."
އިންވެސްޓް ކުރި ފައިސާގެ ފައިދާ ބާއްވާފައި، އެ އިންވެސްޓް ކުރި ފައިސާކޮޅު ނުލިބިގެން އުޅޭ އެތައް ބަޔަކު ވެސް ޓްވިޓާގައި އަލްހާން ޓެގްކޮށް މިހާރު އަންނަނީ ހަޅޭއްލަވަމުންނެވެ. އޭގެ ތެރެއިން ބައެއް މީހުން ރުޅިގަދަވެ، އަލްހާނާއި އޭނާގެ އާއިލާ އަށް އަންނަނީ އިންޒާރު ވެސް ދެމުންނެވެ. އެ މައްސަލައިގައި އަލްހާން ވަނީ ދާދިފަހުން އޭގެ ސްކްރީންޝޮޓެއް ވެސް ކިންގް ފޮރެކްސް ގުރޫޕުގައި ހިއްސާކޮށްފަ އެވެ.
"މި މުއާމަލާތާ ގުޅިގެން ބައެއް ފަރާތްތަކުން ނަން ނޭނގޭ ގޮތަށް އަޅުގަނޑާއި އަޅުގަނޑުގެ އާއިލާ އަށް މަރުގެ އިންޒާރުދީ، ސޯޝަލް މީޑިއާގައި ގުރޫޕް ހަދައިގެން ދޮގުފަތުރާ ނަފްރަތު އުފައްދަން މަސައްކަތް ކުރުމަކީ ވަރަށް ނުރައްކާތެރި ހިތާމަހުރި ކަމެއް!،" ކިންގްސް ފޮރެކްސްގެ ޓެލްގްރާމް ގުރޫޕަށް އަލްހާން ފޮނުއްވި މެސެޖެއްގައި ވެ އެވެ.
ބައެއް މީހުން ޓްވިޓާގައި އަލްހާން ޓެގްކޮށް ބުނެފައިވާ ގޮތުގައި އެ މީހުން މިހާރު އުޅެނީ ފައިސާ ލިބޭނެ ގޮތެއް ނެތިގެންނެވެ. އަދި މެސެޖްތަކަށް ޖަވާބު ނުލިބި މާޔޫސްވެފައިވާ ކަމަށާއި ބުނި ގޮތަށް އެ ކުންފުންޏަށް ކަންކަން ކޮށްނުދެވުނު ކަމަށެވެ.
ބައެއް މީހުން ބުނާ ގޮތުން ދެން އޮތް މަގަކީ ގެއްލުން ލިބުނު މީހުން ފުލުހަށް ގޮސް މައްސަލަ ޖެއްސުމެވެ. އެކަމަކު، ދަރަނި ދެއްކޭނެ ގޮތެއް ފެނޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އަލްހާން ތަކުރާރުކޮށް ވަނީ ވިދާޅުވެފަ އެވެ.
މިއީ ދައުލަތުން އޭނާ އަށް ޖެއްސި ހާލު ކަމަށް ވިދާޅުވެ، ކިންގްސް ފޮރެކްސް އިން ވަނީ "ފޭސް 2"ގެ ނަމުގައި އެހެން ޕްރޮގްރާމެއް ފަށައިފަ އެވެ. އެއީ ބެލެވޭ ގޮތުން އިންވެސްޓަރުން އިންވެސްޓް ކުރި ފައިސާ އަނބުރާ ލިބޭނެ އެހެން މަގެއް އޮތްތޯ ބެލުމެވެ. ފޭސް ދޭއްގައި އިންވެސްޓަރުން ފައިސާ ޓްރާންސްފާ ކުރަން ޖެހެނީ އެ މީހެއްގެ އަމިއްލަ އެކައުންޓަށެވެ. އެ އެކައުންޓުން ކުޅޭނީ ކިންގް ފޮރެކްސް އިންނެވެ. މާނައަކީ، ލިބޭ ފައިދާ އަކީ އެކައުންޓްގެ ވެރިފަރާތެވެ.
"އޭގެ މާނައަކީ އިންވެެސްޓަރު ދިން ފައިސާ އަނބުރާ ލިބެންދެން ފޮރެކްސް ކުޅޭނެއޭ،" ފައިނޭންސްގެ ދާއިރާގައި އުޅުއްވާ ބޭފުޅަކު ވިދާޅުވި އެވެ.
"އެކަމަކު ސުވާލަކީ މިއީ. އަލްހާން އެ ވިދާޅުވި ބޮޑެތި އަދަދުތައް ލިބޭނީ ކިހިނެއް ހެއްޔޭ. އަޅުގަނޑަށް އެއެއް ނުވިސްނޭ."
މިކަމާ ބެހޭ ގޮތުން މައުލޫމާތު ހޯދަން އަލްހާނަށް ގުޅުމުން އޭނާ ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. އެނގިފައިވާ ގޮތުގައި މި މައްސަލާގައި ލިޔެފައިވާ ލިޔުންތަކުގެ ސަބަބުން އޭނާ "މިހާރު" އާ ވާހަކަ ނުދައްކަވަން ހުންނެވީ ނިންމަވައިގެންނެވެ.
އަލްހާން ވަނީ އޭނާގެ މި "ވިޔަފާރި" އަށް ހުރަސް އެޅި ކަމަށް ބުނެ، ބީއެމްއެލްގެ މައްޗަށް ދައުވާ ކުރުމަށް ކޯޓަށް ހުށަހަޅުއްވައިފަ އެވެ. އަނެއްކޮޅުން ފުލުހުން އަންނަނީ މި ސްކީމަކީ ޕޮންޒީ ސްކީމެއް ކަމަށް ބެލެވޭތީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.