ކުޅުންތެރިންގެ އަހުލާގު ރަނގަޅުކުރުމުގެ މަސައްކަތް ވެން ބާސްޓެން ފަށައިފި
ކުޅުންތެރިންގެ އަހުލާގު ރަނގަޅުކުރުމުގެ މަސައްކަތް ވެން ބާސްޓެން ފަށައިފި

ޒިއުރިކް (ޑިސެމްބަރު 25) – ފުޓްބޯޅަ މެޗުތަކުގައި ކުޅުންތެރިންގެ އަހުލާގު ރަނގަޅުކުރަން ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް ފީފާގެ ޗީފް ޓެކްނިކަލް ޑިވެލޮޕްމަންޓް އޮފިސަރު އަދި ނެދަލެންޑްސްގެ ކުރީގެ ފޯވާޑް މާކޯ ވެން ބާސްޓެން ފަށައިފި އެވެ.

ދާދި ފަހުން ފީފާގެ މަގާމާ ހަވާލުވި ވެން ބާސްޓެން ބުނީ ކުޅުންތެރިންނާއި މެޗު އޮފިޝަލުންނާ މެދު ހިނގާ ޒުވާބުތައް ހުއްޓުވައި ކުޅުންތެރިންގެ ފަރާތުން ފެންނަ އަހުލާގީ އެފަދަ މައްސަލަތައް މަދުކޮށް ހުއްޓުވަން އަމާޒުކޮށްފައިވާ ކަމަށެވެ.

ވެން ބާސްޓެން ބުނީ ރަގްބީގައި އޮންނަ ގޮތަށް ރެފްރީއާ ވާހަކަދެއްކުމުގެ ފުރުސަތު ކެޕްޓަނަށް އެކަނި އޮންނަ ގޮތަށް ހަމަޖައްސަން ހުށަހަޅާނެ ކަމަށާއި އޭގެ ސަބަބުން ވަގުތު ސަލާމަތްވާނެ ކަމަށެވެ.

"މެޗު އޮފިޝަލުންނާ ޒުވާބުކުރުމުގައި ބޭކާރުވެގެންދާ ވަގުތު ސަލާމަތްކުރަން ޖެހޭ އަދި ކުޅުންތެރިންނަކީ އަހުލާގު ރަނގަޅު ބަޔަކަށް ހަދަން ޖެހޭ. އެކަމަށް މިހާރު މި މަސައްކަތްކުރަނީ. ހަމައެކަނި ކެޕްޓަނަށް ރެފްރީއާ ވާހަކަދެއްކުމުގެ ފުރުސަތު ދިނުމުން އެތައް ވަގުތެއް ސަލާމަތްވާނެ. އެންމެން ބޭނުންވަނީ ރީތި މޮޅު ފުޓްބޯޅައެއް ބަލަން. އެ ފުރުސަތު ދޭން ޖެހޭ. އަހަރެން ވެސް ގަބޫލުކުރަނީ ޖަޒުބާތުގައި ޖެހޭނެ އެކަމަކު އެކަންކަން ކޮންޓްރޯލް ކުރަން ޖެހޭ،" އޭސީ މިލާނާއި ނެދަލެންޑްސް ގައުމީ ޓީމާ އެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ވެން ބާސްޓެން ބުންޏެވެ.

ފީފާ އިން ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ ސިސްޓަމެއް ކްލަބް ވޯލްޑް ކަޕުގައި ބޭނުންކޮށްފަ އެވެ. ރެފްރީއަށް ޝައްކުވާ ކަންކަން ޓީވީ ރިޕްލޭ މެދުވެރިކޮށް ބަލައި ނިންމުމުގެ ފުރުސަތު މި ސިސްޓަމުން ލިބެ އެވެ. އެކަމަކު މި ސިސްޓަމާ ދޭތެރެ ބައެއް ފަރާތްތަކުން ހިތްހަމަނުޖެހެ އެވެ.

ވެން ބާސްޓެން ބުނީ އެ ސިސްޓަމް އަދި އެހާ ފުރިހަމަ ނޫން ކަމަށް ގަބޫލުކުރާ ކަމަށާއި އެކަމަކު 1986 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އިންގްލެންޑް ކޮޅަށް އާޖެންޓީނާގެ ޑިއޭގޯ މަރަޑޯނާ އަތުން ޖެހި ގޯލް ފަދަ ކަންކަން މި ސިސްޓަމް މެދުވެރިކޮށް ހުއްޓުވޭނެ ކަމަށެވެ.