ގެއްލިގެން ހޯދަމުން ދިޔަ އެއް އަހަރުގެ ކުއްޖަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ
ގެއްލިގެން ހޯދަމުން ދިޔަ އެއް އަހަރުގެ ކުއްޖަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ

ށ. ކަނޑިތީމުގައި ގެއްލިގެން ހޯދަމުން ދިޔަ އުމުރުން އެއް އަހަރުގެ ތުއްތު ކުއްޖަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ކަނޑިތީމު ކައުންސިލްގެ ރައީސް އަހުމަދު އަހުސަން "މިހާރު" އަށް ވިދާޅުވީ އިރުއޮއްސި 6 ޖަހާކަންހާއިރު އެ ކުއްޖާ ގެއްލިގެން އާއިލާ އިން ހޯދަން ފަށާފައިވާ ކަމަށާއި އޭގެ މާ ގިނަ އިރެއް ނުވަނީސް އެ ކުއްޖާ މޫދުން ފެނިފައިވާ ކަމަށެވެ.

"އެ ގެ ހުންނާނީ އަތިރިއާ ވަރަށް ކައިރީގައި ކުޑަ ކުއްޖަކަށް ވެސް ހިނގާފައި ދެވޭހާ ކައިރީގައި. ކުއްޖާ ގެއްލިގެން އުޅޭތާ ވިއްސަކަށް މިނެޓު ފަހުން ހޯދައިގެން ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ،" އޭނާ ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށެވެ.

އެ މައްސަލަ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.