ހަތިމަށް ކުޅުޖެހި މީހާ ބަރަހަނާ ހާލުގައި މޫދުގައި އޮއްވާ ހައްޔަރުކޮށްފި
ހަތިމަށް ކުޅުޖެހި މީހާ ބަރަހަނާ ހާލުގައި މޫދުގައި އޮއްވާ ހައްޔަރުކޮށްފި

ހަތިމަށް ކުޅު ޖަހައިގެން ހައްޔަރު ކުރުމަށް ފަހު ދޫކޮށްލާފައިވާ މ. ޝޭޑީހޯމް، ހަސަން ޒިޔާދު ބަރަހަނާ ހާލުގައި މޫދަށް އެރި އޮއްވާ އަނެއްކާވެސް ފުލުހުން އޭނާ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރިކަމުގެ ތުހުމަތުގައި އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެއް މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކުރީ މީގެ ކުރިން ހަތިމަށް ކުޅު ޖަހައިގެންނާއި، މިސްކިތުގެ ހުރުމަތް ކަނޑާލުމާއި ރައީސް އޮފީސް ދޮރުމައްޗަށް ކުޑަކަމު ގޮސްގެން ދެ ފަހަރެއްގެ މަތިން ހައްޔަރުކޮށްފައިވާ ޒިޔާދެވެ.

އޭނާ ތިން ވަނަ ފަހަރަށް މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރު ކުރީ މަސްވެރިންގެ ޕާކުގައި ބަރަހަނާ ހާލުގައި މޫދަށް އެރި އުޅެނިކޮށެވެ.

ޒިޔާދު އެންމެ ފުރަތަމަ ފަހަރަށް ހައްޔަރުކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަސް ތެރޭގަ އެވެ. އޭގެ ފަހުން އެކި ފަހަރު މަތިން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފަ އެވެ.

އޭނާ އަކީ ނަފްސާނީ ބަލި ހުންނަ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ޖަލުން މިނިވަންވި ފަހުން ގޭގައި އުޅެނިކޮށް ދެ ފަހަރެއްގެ މަތިން އޭނާ އަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށް އޭނާގެ އާއިލާ އިން ވަނީ ބުނެފަ އެވެ. ފުރަތަމަ ފަހަރު އޭނާ ދިރިއުޅޭ ގެއަށް ބޮޑު ގްރޫޕަކުން ވަދެ އެވެ. އަނެއް ފަހަރު ގޭގައި އުޅެނިކޮށް ސައިކަލަކަށް އަރުވައިގެން ކޮންމެވެސް ތަނަކަށް ގެންގޮސްގެންނެވެ. އޭނާގެ ހަބަރެއް އެ ފަހަރުވީ ހޮސްޕިޓަލުގައި ވަރަށް ސީރިއަސް ހާލަތުގައި އޮއްވާ ކަމަށް އާއިލާ އިން ބުންޏެވެ.