ވައިބާ ގުރޫޕެއްގައި ވިޔަފާރި ހިންގި މެޖިސްޓްރޭޓަކަށް ފިޔަވަޅު އަޅައިފި
ވައިބާ ގުރޫޕެއްގައި ވިޔަފާރި ހިންގި މެޖިސްޓްރޭޓަކަށް ފިޔަވަޅު އަޅައިފި

ލ. މާވަށު ކޯޓުގެ އިސް މެޖިސްޓްރޭޓް އިސްމާއީލް މާހިރަށް ފިޔަވަޅު އަޅަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ.

މެޖިސްޓްރޭޓް މާހިރަށް ފިޔަވަޅު އަޅަން ޖޭއެސްސީން ނިންމީ ވައިބާ ކޮމިއުނިޓީ ގްރޫޕެއް އުފައްދައި, އެ ގްރޫޕުގައި ވިޔަފާރި ހިންގުމުގައި އަމަލީގޮތުން މާހިރު ހަރަކާތްތެރިވެފައިވާ މައްސަލައެއްގަ އެވެ.

ޖޭއެސްސީން މިއަދު ބުނީ އެ ގްރޫޕުގައި އުޅަނދެއްގެ ދަތުރުފަތުރާ ގުޅޭ މައުލޫމާތު ހިއްސާކޮށް އެ އުޅަނދުން ކުރަމުންދިޔަ ވިޔަފާރި ހިންގުމުގައި މާހިރު އަމަލީގޮތުން ހަރަކާތްތެރިވެފައިވާކަން ތަހުގީގަށް ލިބިފައިވާ ހެކިތަކުންނާއި, މާހިރުގެ އިއުތިރާފުން ސާބިތުވާ ކަމަށެވެ. އަދި މާހިރުގެ އެ އަމަލަކީ ފަނޑިޔާރުންގެ ގާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ޖޭއެސްސީން ބުންޏެވެ.

އެހެންވެ ޖޭއެސްސީން ނިންމީ މާހިރަށް ނަސޭހަތް ދިނުމާ އެކު އެ ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށެވެ. އެ ގޮތަށް ނިންމީ މި މަހުގެ 17 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ މި އަހަރުގެ 27 ވަނަ ޖަލްސާގަ އެވެ.