މާލެ ސަރަހައްދުން ކޮވިޑް ކޭސްތައް ފުރަތަމަ ފަހަރަށް ސުމަކަށް
މާލެ ސަރަހައްދުން ކޮވިޑް ކޭސްތައް ފުރަތަމަ ފަހަރަށް ސުމަކަށް

ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށި ފަހުން މާލެ ސަރަހައްދުން އެންމެ ކޭސްއެއް ވެސް ނުފެންނަ ދުވަހެއް ފުރަތަމަ ފަހަރަށް ރިޕޯޓްކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް މާލެ، ވިލިމާލެ އަދި ހުޅުމާލެއިން 37 މީހުން ކޮވިޑަށް ޕޮޒިޓިވްވި އެވެ.

އެކަމަކު، މިދިޔަ ހޮނިހިރު ދުވަހު މާލެ ސަރަހައްދުން ކޮވިޑް ޖެހިގެން އެއްވެސް މީހަކު ރިޕޯޓު ކޮށްފައިނުވާ ކަމަށް އެ މައުލޫމާތުތަކުން އެނގެ އެވެ. އެއީ 78 ސާމްޕަލް ޓެސްޓުކޮށްގެންނެވެ. މިއީ، އޭޕްރީލް 15، 2020 ގައި މާލެގައި ކޮވިޑް ފެތުރެން ފެށި ފަހުން އެ ބަލި ޖެހިގެން އެއްވެސް މީހަކު ރިޕޯޓު ނުކުރާ ފުރަތަމަ ދުވަހެވެ.

ކޮވިޑް ފެތުރެން ފެށިފަހުން އެ ބަލި އެންމެ ގޯސްވީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އޭރު އެއް ދުވަހާ ބަލި ޖެހުނު މީހުންގެ އަދަދު 2،000 އިން މައްޗަށް ވެސް އެރި އެވެ.

މިދިޔަ ހަފުތާގެ ތެރޭގައި އެކި ރަށްރަށުން 205 މީހުން އަދި އެކި ހިސާބުތަކުން 46 މީހުންނާ އެކު 288 މީހުން އެ ބައްޔަށް ޕޮޒިޓިވްވި އެވެ. އެއާ އެކު، މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 179،171 އަށް އެރީ އެވެ.

މާލެ ސަރަހައްދުގެ ކޮވިޑް ކޭސް ސުމަކަށް އެރި ނަމަވެސް ރަށްރަށުގައި އަދި ވެސް އެ ބަލި ފެތުރެ އެވެ. ރަށްރަށުން މިދިޔަ ހޮނިހިރު ދުވަހު އެކަނި ވެސް 38 މީހުން ޕޮޒިޓިވްވިއިރު އޭގެ ކުރީ ދުވަހު 12 މީހުންނަށް ކޮވިޑަށް ޖެހިގެން ރިޕޯޓުކުރި އެވެ. މިދިޔަ އަންގާރަ ދުވަހަކީ ރަށްރަށުން އެންމެ ގިނަ މީހުންނަށް ބަލި ޖެހުނު ދުވަހެވެ. އެ ދުވަހު އެކަނި ވެސް 68 މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓުކުރި އެވެ.

މުޅި ރާއްޖޭގެ ކޭސްތަކަށް ބަލާއިރު، މިދިޔަ ހޮނިހިރު ދުވަހު ކޮވިޑަށް ޕޮޒިޓިވްވެގެން 42 މީހުން ރިޕޯޓުކުރި އެވެ. މިދިޔަ ހަފުތާގައި އެންމެ ގިނަ މީހުންނަށް އެ ބަލި ޖެހުނު އަންގާރަ ދުވަހު 84 މީހުންނަށް ކޮވިޑް ޖެހުނެވެ.