25 ޑިސެމްބަރ 2016 - 16:05

ސަލްމާން ޚާންގެ "ސުލްތާން"އާ އެއްވަރަަަށް ފުރަތަމަ ދުވަހު އާމިރު ޚާންގެ "ދަންގަލް" އަށް ބޮކްސް އޮފީހުގައި އާމްދަނީ ލިބޭ ގޮތެއް ނުވި އެވެ.
ހުކުރު ދުވަހު ރިލިޒްކުރި "ދަންގަލް" އަށް ފުރަތަމަ ދުވަހު އިންޑިޔާގެ އެކި ކަންކޮޅުތަކުން ޖުމްލަ ލިބުނީ 29.78 ކްރޯޑު (297 މިލިއަން ރުޕީސް) އެވެ. މި އަހަރުގެ ޖުލައި 6 ގައި ރިލީޒްކުރި "ސުލްތާން" އަށް ފުރަތަމަ ދުވަހު 36.54 ކްރޯޑު (365 މިލިއަން ރުޕީސް) ލިބުނެވެ.
އެހެންކަމުން "ދަންގަލް" އަކީ މިއަހަރު ރިލިޒްކުރި އެންމެ ކާމިޔާބު ދެ ވަނަ ފިލްމަށް ވާނެ ކަމަށް މިހާރު ވަނީ ލަފާކޮށްފަ އެވެ. އަދި ހަފުތާ ބަންދު ނިމޭއިރު މި ފިލްމަށް 100 ކްރޯޑު (1000 މިލިއަން ރުޕީސް) ހޯދޭނެ ކަމަށް ވެސް ބެލެވެ އެވެ. ނަމަވެސް ހަފުތާ ބަންދާ އެކު އާމިރުގެ "ޕީކޭ"ގެ ރެކޯޑް މުގުރާލައި، މިހާތަނަށް އެންމެ ރަނގަޅަށް ހިނގި އޭނާގެ ފިލްމަކަށް "ދަންގަލް" ވުން ކައިރި އެވެ.
ނިތޭޝް ތިވާރީ ޑައިރެކްޓްކޮށްފައިވާ "ދަންގަލް"ގައި ދައްކަނީ ހަގީގީ ރެސްލިން ތެޅުންތެރިއެއް ކަމަށްވާ މަހާވީރު ސިންގް ޕޯގަޓް އޭނާގެ ދެ އަންހެން ދަރިންނަށް ރެސްލިންގެ ތަމްރީނު ދީގެން އެކުދިން ދުނިޔޭގެ މުބާރާތް ކާމިޔާބު ކުރަން ކޮށްދޭ މަސައްކަތެވެ.
ސަލްމާންގެ "ސުލްތާން" ވެސް ބިނާކޮށްފައި ވަނީ ރެސްލިންގެ މައްޗަށެވެ. އެ ފިލްމު ފުރަތަމަ ހަފުތާ ބަންދުގައި 180 ކްރޯޑު (1800 މިލިއަން ރުޕީސް) ހޯދި އެވެ. އަދި ފިލްމަށް މުޅި އެކު ލިބުނު ޖުމްލަ 584.2 ކްރޯޑު (5842 މިލިއަން ރުޕީސް) އަށް އަރަ އެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ އާމިރު، 51، ގެ ފިލްމުތައް ސަލްމާންގެ ފިލްމުތަކަށް ވުރެ މޮޅަސް އިންޑިއާގައި ގިނަ މީހުން ލޯބިކުރަނީ ސަލްމާންގެ ފިލްމުތަކަށް ކަމެވެ. އެހެންވެ ސަލްމާންގެ ފިލްމެއް ވިއްޔާ އާދަޔާ ޚިލާފަށް ގިނަ މީހުން ބަލަން ވަދެ އެވެ.
"ސުލްތާން"ގެ ބަޖެޓަކީ 90 ކްރޯޑު (900 މިލިއަން) އެވެ. ޕްރޮމޯޝަނަށް 200 މިލިއަން ޚަރަދުވި އެވެ. އެހެންކަމުން މި ފިލްމަށް 1100 މިލިއަން ރުޕީސް ވަނީ ހޭދަކޮށްފަ އެވެ. "ދަންގަލް"ގެ ބަޖެޓަކީ 70 ކްރޯޑު (700 މިލިއަން) އެވެ.