26 އެޕްރީލް 2022 - 07:49

"ގެހެރިޔާން" ގެ އެކްޓަރު ސިދާންތު ޗަތުރްވެދީ އާއި އަމީތާބު ބައްޗަންގެ ކާފަ ދަރިފުޅު، ނަވްޔާ ނަވޭލީ ނަންޑާ ރައްޓެހިވެގެން އުޅޭކަމުގެ އަޑުގަދަވެއްޖެ އެވެ.
ސިދާންތާއި ނަވްޔާ، ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑުގަދަވީ އެމީހުންގެ އިންސްޓަގްރާމް ޕޯސްޓްތަކަށް އެކަަކު އަނެކަކު ލައިކް ދިނުން ނުހުއްޓިގެންނެވެ.
އެންމެ ފަހުން ނަވްޔާ ހިއްސާކުރި ޕޯސްޓާ އެކު ގިނަ ބަޔަކަށް ގަބޫލުކުރެވުނީ އެމީހުން އެކުގައި ވަގުތު ހޭދަކޮށްފައިވާ ކަމަށެވެ.
ސިދާންތު މި ވަގުތު އުޅެނީ އިންޑިއާގެ ރިޝިކޭޝްގައި އޭނާގެ ކުރިއަށް އޮތް ފިލްމުގެ ޝޫޓިންތަކުގަ އެވެ. ނަވްޔާ ވެސް އެތަނުގައި އުޅޭ ކަމަށް ގިނަ ބަޔަކު ބުނަނީ އޭނާ ހިއްސާކުރި ފޮޓޯ އިން އެ ކަހަލަ ކަމެއް ޝައްކުކުރެވިގެންނެވެ.
އެމީހުން ޑޭޓް ކުރާކަމުގެ އަޑުގަދަވިޔަސް، އެކަމާ ގުޅިގެން ވަކި އެއްޗެއް އެ ދެތަރިން ވެސް މިހާތަނަށް ބުނެފައެއް ނުވެ އެވެ.
ސިދާންތުގެ ކުރިއަށް ހުރި މަސައްކަތްތަކުގެ ތެރޭގައި ކެޓްރީނާ ކައިފާއި އިޝާން ކައްޓާރާ އެކު ކުޅޭ "ފޯން ބޫތު" އާއި މަލްވިކާ މޯހަނަނާ އެކު އޭނާ ފެންނާނެ "ޔުދްރާ" ވެސް އެބަ އޮތެވެ. އަދި އަނަންޔާ ޕާންޑޭއާ އެކު އޭނާ މަސައްކަތްކުރާ "ކޯ ގަޔާ ހަމް ކަހާން" ވެސް އެބަ އޮތެވެ.
އަމީތާބުގެ އަންހެން ދަރިފުޅު ޝްވެތާ އާއި ވިޔަފާރިވެރިޔާ ނިކިލް ނަންޑާގެ ކައިވެންޏަށް ލިބިފައިވާ ނަވްޔާ އަކީ ފިލްމީ ދާއިރާއާ މުޅިން ދުރުގައި އުޅޭ މީހެކެވެ. ފިލްމީ އާއިލާއަކަށް ނިސްބަތްވިޔަސް، އޭނާ ފެންނަނީ ބައްޕަ ގޮތަށް ވިޔަފާރި މަސައްކަތުގައި އުޅޭ ތަނެވެ.