25 އެޕްރީލް 2022 - 12:10

ގާނޫނުއަސާސީން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނި ނުުކުރުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް އިިދިކޮޅުގެ މެމްބަރަކު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
އިންޑިއާ އައުޓު ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅައި އެ ކެމްޕޭން ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގަރާރެއް ނެރުއްވައިފަ އެވެ. ރައީސް ސޯލިހު ނެރުއްވި ގަރާރުގައި ވަނީ އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭންތަކަކީ ގައުމީ ސަލާމަތާ ގުޅުން ހުރި އަދި ނުރައްކާ އޮތް ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ވަކިވަކި ގައުމުތަކާ ދެކޮޅަށް ނަފުރަތު އުފެއްދުމަށް ހިންގޭ މިފަދަ ހަރަކާތްތަކަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ހަރަކާތެއް ކަމުގައި ކަނޑައެޅުމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމާފައިވާކަން ވެސް ފާހަގަކުރައްވާފައިވެ އެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ، އިސްލާމީ ޝަރީއަތުގައި ނުވަތަ ގާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައި ނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށް ގާނޫނުއަސާސީގެ 19 ވަނަ މާއްދާއިން ލިބިދީފައިވާ ކަމަށެވެ. އަދި ގާނޫނަކުން ހުއްދަ ލިބިގެން މެނުވީ އެއްވެސް މީހަކު ކުރާ އެއްވެސް ކަމެއް ހަމަ އެކަކު ވެސް ހުރަސް އަޅައި ހުއްޓުވައިގެން ނުވާނެ ކަމަށް ހަމަ އެ މާއްދާގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ ރައީސް ސޯލިހު ނެރުއްވާފައިވާ ގަރާރުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށްފައިވާ ކަމަށެވެ. އަދި ގާނޫނުއަސާސީގައި ބަޔާންކުރާ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ގާނޫނުއަސާސީގެ 27 ވަނަ މާއްދާ ހަނިނުކުރެވޭނެކަން ވެސް ފާހަގަކުރެއްވި އެވެ.
ޝަރީފް ވިދާޅުވީ ރައީސްގެ ގަރާރުގައި ހަވާލާދީފައިވާ ގާނޫނީ މާއްދާތަކާއި ބައިނަލްއަގްވާމީ މުއާހަދާތަކަކީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާ ހަނިކުރުމަށް ބާރު ލިބިދޭ މާއްދާތަކަށް ނުވާ ކަމަށެވެ.
ޝަރީފްގެ މައްސަލައިގައި ވަނީ ގާނޫނުއަސާސީން ލިބިދީފައިވާ އެއްވެސް ހައްގެއް ނިގުޅައިގަތުމަށް ގާނޫނެއް ނުވަތަ ގަރާރެއް އެކަށައެޅި ނަމަވެސް އެ ވާނީ ބާތިލު އެއްޗެއް ކަމަށް ގާނޫނު އަސާސީން އެނގެން އޮންނަކަން ވެސް ފާހަގަ ކުރައްވައިފަ އެވެ.
އިންޑިއާ އައުޓު ހަރަކާތާ ގުޅިގެން ރައީސް ސޯލިހު ނެރުއްވި ގަރާރާއި ގުޅިގެން ގާނޫނީ ބައެއް ބޭފުޅުން ވަނީ ފާޑުވިދާޅުވެފަ އެވެ. އެ ގޮތުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ ގާނޫނުއަސާސީން ރައްޔިތުންނަށް ދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ރައީސް ނެރުއްވާ ގަރާރަކުން ހަނިކުރެވޭނެ އަދި ހުއްޓުވޭނެ ކަންކަން ނޫން ކަމަށެވެ.