ކުރު ވާހަކަ: ކަލަންވީރު
ކުރު ވާހަކަ: ކަލަންވީރު

ބޮމުން ގެންދިޔަ ބޮޑު ސުއްޓާ އަޅިކެނޑިއަކަށް ނިއްވާލައި ގަހުވަތަށި ނަގައި ތުނބުގައި ޖެއްސިއިރު ވެސް ހަސަންތަކުރުގެ ނަޒަރު ގޮސް ހުއްޓިފައި ހުރީ ދުރުން ފެންނަން ހުރި ކުރެހުމަށެވެ. އެއްނޭވާގައި އެ ސިލްވަރުގެ ތަށި ހުސްކޮށްލުމަށް ފަހު ރަތްތަގައްލާ ފޮތީގެ އަތްގަނޑުލީ ގޮނޑިކޮޅު ދޫކޮށް ތެދުވެ ވަޑައިގަތެވެ. މަޑުމަޑުން ހިނގާލާފައި ގޮސް ދެން ހުއްޓުނީ ދުރުން ފެންނަ ހުރި ފާރުގައި ހަރުކޮށްފައި ހުރި މާސިންގާ އެ ކުރެހުމުގެ ކުރިމައްޗަށެވެ. އެންދެރި ލަކުޑިން ފުރޭމުކޮށްފައިވީ އެ ކުރެހުމުގެ ކުލަތަކާއި ޖާދޫގެ ބާރުގައި އޭނާ އެދިމާލަށް ދަމައިގެން ގެންދިޔަ ކަހަލައެވެ. އެއީ އަސޭކަރައިގެ މަޝްހޫރު ކުރެހުންތެރިޔާ ރާދީން ބޫސްތާމަންގެ އިޝްގީ ކުރެހުމެކެވެ. އިޝްގީ ކުރެހުމަކީ ގުދުރަތުގެ ރީތިކަމާއި ބާރާއި މިނިވަންކަން ކުރެހުންތެރިއެއްގެ ކުލަފިހިން ސިފަކޮށް ކިޔައިދޭ އާދަޔާހިލާފު މަންޒަރެކެވެ. އިންސާނެއްގެ ހިއްސުތަކާއި އިހުސާސްތަކަށް ބާރުފޯރުވުމުގެ ކުޅަދާނަކަން ލިބިފައިވާ އާދަޔާހިލާފު ސިފަކުރުންތަކެކެވެ.

ހަސަންތަކުރުގެ ކަޅި ހުއްޓުވާލި މި ކުރެހުމުގައި އެ ފެންނަނީ މިނިކާވަގަކާއި މާބަނޑު އަންހެނެކެވެ. އުސްބިމުގެ ފެހި ވާދީއެއްގައި، މޭވާ ގަސްތަކެއްގެ ފިނި ހިޔަލުގައި ތިއްބަސް ދުނިޔަވީ ހަޔާތުގެ އަމިއްލައެދުމާއި ތުރާލާއި އަނިޔާވެރިކަމުގައި ލޭއޮހޮރުވައި ޒަހަމުވެފައިވާތަނެވެ. އެ އަންހެން މީހާގެ ބަނޑުގައި ވަކިއަޅައި މަސްގަނޑު އިރައި ކަފާލާފައިވާ ތަނެވެ. އޮހޮރެމުންދިޔަ ލޭތަކުގެ ތެރެއިން ފާޅުވަމުން ދިޔަ ތުއްތުކުއްޖެގެ މެރިފައިވާ ދެ ލޮލެވެ. އަދި އެދެމައިންގެ ލެޔާއި ފުރާނައިން ބަނޑުފުރައިގަތުމަށް ކެތްމަދުވެފައި އޮތް މިނިކާވަގެވެ.

"އެ މިނިކާވަގަކީ އަހަރެން ހެއްޔެވެ؟"

މި މަންޒަރުގެ ތެރެއަށް މަޑުމަޑުން ގެނބެމުންދިޔައިރު ހަސަންތަކުގެ ހިޔާލުގައި ދިރެމުންދިޔައީ އޭނާގެ ހަޔާތުގައި ކަރުތާފެނަށް އަރާފައިވާ ފެންގަނޑެވެ. ތަހުތެއްގެ ވެރިޔަކަށްވިޔަސް ހިތްހަމަޖެހުމާއި އުފާވެރިކަމެއް ނެތް އޭނާގެ ހަޔާތެވެ. އެންމެ ލޯބިވީ އިންސާނާއެކުގައި ފެށި ހަޔާތުގެ ދަތުރުގައި އޭނާ އެކަނިވެރިވެފައިވާ މިންވަރެވެ. އަދި މި އެކަނިވެރި އަނދިރިހަޔާތުގެ ހުރިހާ ދިމާލެއްގައި ރޯވެ އަނދަމުން ގެންދާ އަލިފާންގަނޑެވެ. އެ އަލިފާންގަނޑުން އުފެއްދި ހޫނާއި ދިލަ އޭނާގެ އަމިއްލަ ހަޔާތުން އޭނާ ނަގައި އެއްލައިލި ހިސާބެވެ.

އަސޭކަރައިގެ ޕަލެމްބަން ބާޒާރުން އިތާއިމުތާއި ރަންރިއްސާއި އެންދެރި އާއި އަމްބަރުގެ އަޖާއިބުތައް ބަލަމުން ގޮސް ހަސަންތަކުރު މިހާރު އެހެރީ ކުރެހުންތެރިއެއްގެ ކުރެހުމެއްގައި ޖެހި ހަޔާތުގައި ނެތް ކުލަތަކެއްގެ ތެރެއަށް ގެއްލިފައެވެ. އޭނާ މި ބާޒާރަށް އައީ އަނބިކަނބަލުން ދަލޭކަގެ ހިތަށް ފިނިކަމެއް ހޯދައިދެވޭވަރުގެ ހަދިޔާއެއް ހޯދުމަށެވެ. ފެލިފަރިދޫގެ ބޮކަރު ގަނޑުވަރު ދޫކޮށް ކާލިންގާ ސާގަރާއި އެތައް މޭލެއް ކަޑައްތުކޮށް އަމިއްލަ ހިތަށް ފިނިކަމެއް ހޯދުމަށް އަސޭކަރައިގެ ޖަޒީރާތަކަށްކުރި ދަތުރު ނިންމާލާފައި އެނބުރި ދިއުމުގެ ކުރިން ހިތުގައި އަދިވެސް އޮތް ލޯބި ދަލޭކައަށް ސިފަކޮށްދޭނެ ކުރެހުމެއް ހޯދުމަށެވެ.

ދަލޭކައަކީ ރަންރިއްސާއި ޖަވާހިރާއި އިތާއި މުތުން އުފާ ހޯދަން ބޭނުންވާ އަންހެނެއް ނޫނެވެ. އެކަމަކު ފޮތާއި ގަލަމުގައިވީ ބާރު ކަނޑިއަކަށްވުރެ ގަދަކަން ހަސަންތަކުރަށް ޔަގީންކޮށްދިން ބުއްދިވެރިޔެކެވެ. އަދި ހަޔާތް ގެނެސް ދެއްކި މަންޒަރަށް ވުރެން ކުރެހުންތެރިއެއްގެ ފިއްސާއި ކުލަޔަށް އިތުބާރުކުރި ފަންނީ ސިކުނޑިއެކެވެ. ބޫސްތާމަންގެ އިޝްގީ ކުރެހުމަށް އަބަދުވެސް މަރުދިން އަންހެނެކެވެ.

މިފަހަރުގެ ދަތުރުގައި ވެސް ދަލޭކަގެ ހިތަށް ފިނިކަމެއް ހޯދައިދެވޭވަރުގެ ކުރެހުމެއް ހޯދަން ހަސަންތަކުރު ބޭނުންވީ އެހެންވެގެންނެވެ. ނަމަވެސް ކުރެހުމުގެ އެ ދުނިޔެ އަށް ގޮސް ވަނުމުން އޭނާގެ ހިތަށް ކުރުވީ ތުރާލެކެވެ. ބޮލަށް ވަނީ ސުވާލެކެވެ. ދެ މީހުންގެ ހަޔާތް ފަޅުފިލުވަން މިހުރިހާ މުދަލަކާއި ފޮތަކާއި ފޮޓޯތަކެއް އެއްކުރިޔަސް އެ ދެމެދުގައި އޮތް ފަޅުކަން ދުވަހަކުވެސް ފިލައިހިނގައިދާނެތޯއޭ ބުނެ ކުރާ ސުވާލެވެ.

"އިބަރައްބީ އަޅަމެންނަށް ދަރިއަކު މިންވަރުކޮށްދެއްވާނީ ކޮން ދުވަހަކުންތޯއެވެ؟"

"މުޅި ދުނިޔެ ކުޑަކޮށް މުދަލާއި ރަނާއި ޖަވާހިރު އެއްކުރިޔަސް މި އެކަނިވެރިކަމާއި ހިތްދަތިކަން ފިލައިހިނގައިދާނެ ހެއްޔެވެ؟"

"އިބަރައްބީ އަޅަމެންނަށް ދަރިއަކު މިންވަރުކޮށްދެއްވާނީ ކޮން ދުވަހަކުންތޯއެވެ؟"

ހަސަންތަކުރާއި ދަލޭކަގެ ހަޔާތުގައިވީ އެކަނިވެރިކަމަކީ މިއެވެ. އެ ހަޔާތުގައި އޮތް ހުސްކަމަކީ މިއެވެ. ދެމީހުންގެ ދެމެދުގައި އޮތް ގުޅުމަށް ނުބައި އެހެން ހިޔާލާއި ވަސްވާހުގެ ބާރު ފޯރަން ފެށި ގޮތަކީ މިއެވެ. އައުލާދަކު ނުލިބި އެ އައުލާދަކު ހޯދަން ކުރަންވީ ކަންކަމާއި ވާންވީ ގުރުބާނީތަކުގައި އެންމެފަހުން މި ދެ ހިތް ކަފިވެ ފައްތަރުވެގެން ދިޔަ ގޮތަކީ މިއެވެ.

އަސޭކަރައިގެ އެންމެ މޮޅެތި ޔޫނާނީ ބޭސްވެރިން ހޯދައިގެން އެމީހުންގެ ގާތަށް ދަލޭކަ ގެންދަން ހަސަންތަކުރު ދެއްކި އެއްވެސް ވާހަކައެއް އޭނާ އަޑެއް ނޭހިއެވެ. ކަރަކަރަތަކުން ހޯދައިގެން ގެނައި ބޭސްވެރިންގެ ބަހެއް ވެސް ނޭހިއެވެ. އެންމެފަހުން ހަސަންތަކުރަށް ވިސްނުނީ ދުރުހިލޭ މީހަކު ވެސް ވިސްނާނެ އެންމެ ނުބައި ގޮތަށެވެ.

"މަގޭ ލޭ ހިނގާ ދަރިކޮޅެއް އުފަންވާން ކުރަނގި ދަކޭލަ ނޭދެނީއެވެ."

މި ހިޔާލާއި ވަސްވާސް ހަސަންތަކުރު ނަގައިގެން ގޮސް އެއްލައިލީ އޭނާގެ ނޭއްދާރު ކުރީގެ ދިރިއުޅުމަށެވެ. މިފަހަރު ވެސް އަސޭގެ ޖަޒީރާތަކަށް އައިސް އެ އުޅެނީ ނާޗަރަނގީ އާއި ކަސްބީންގެ އުފާ ލިބިގަތުމަށެވެ. އެކަމަކު ދެން ވެސް ހަސަންތަކުރު ބެލީ ހިތުގައި ބާކީ އޮތް ލޯބީގެ މިންވަރުން ވެސް ލޯބީގެ އާ ކުރިތަކެއް ރޯ ކުރެވޭތޯއެވެ. ނަމަވެސް ރޯވަމުން ފެތުރެމުން ދިޔައީ އަލިފާންގަނޑެކެވެ.

ބޫސްތާމަންގެ ކުރެހުމުގައިވީ ހިތްގައިމު ކުލަތައް ހަސަންތަކުރާއި ދަލޭކަގެ ހަޔާތަށް ފޭދިގެން ހިނގައިދާނެ ކަމުގެ އެއްވެސް ޔަގީންކަމެއް މިހާރަކު ނެތެވެ. އެ ކުރެހުންތަކުގައި ކިތަންމެ ކުލަތަކެއްވިޔަސް އެއީ ހަސަންތަކުރު ދަންނަ ކުލަތަކެއް ވެސް ނޫނެވެ.

މިނިކާވަގުގެ ކުރެހުމުން ލޮލާއި ބޯ ދަމައިގަނެގެން ހަސަންތަކުރު އެނބުރި ހިނގައިގަތީ ކުރެހުންތަކުގެ މި ދުނިޔެއިން ވީހާ ވެސް އަވަހަކަށް ނުކުތުމަށެވެ. ރަން އަތްގަނޑުލީ ދޮރުފަތް ހުޅުވައިދިން ބަބުރުކަލޭގެ އަތަށް ލޯ ފޮތްޗެއް ވައްޓާލައި ބޭރަށް ނުކުތުމާއެކު އޭނާގެ ލޮލުގައި ދެން އަޅައިގަތީ ހިއްސުތައް ހުރިތަނަށް ހުއްޓުވާލި ރީތި ކަމެކެވެ. ކުރިމަތިން ފެންނަމުން ދިޔަ ގަހަނާގެ ބާޒާރުގައި ވެސް ނެތް ވަރުގެ ރީތި ކަމަކާއި ބެބުޅުމެކެވެ.

"މިއީ ކޮން ފަންމިންޏެއް ހެއްޔެވެ؟"

ސާޓަނުފޮތީގައި ކަސީދާކޮށް، ވައްބަގިޔާ އިން ބޯވަޅުއެޅި ލިބާހަކާއި އޭގެ ރަންކަސަބުގައިވީ ފުރިހަމަކަމުގައި ފިލިކޯޅިހަމަކޮށްދެމުން ދިޔަ ދިވެހި އަންހެނެއްގެ ބުރުސޫރަ ރިވެތި ކިއްސަރެވެ. އިސްތަށިފުޅުގައި ކަންހުދުކުރި ފަސްރޮނގު ރުމާފަޅިއެއް އަޅައި، ރަތް އެހާއި ރަން މުދިން ޖަރީކޮށްފައިވީ ވޮށިމުދިބައެއް ކަންފަތުގައި އަޅުވައި ހަރުކޮށްފައި ހުއްޓެވެ. ކަރުގައި ބޮޑު ފައްޓަރުބައެއް އޮތެވެ. ފަންސަވީސް ފަށަށްވުރެ މަދުނޫން ފަށުގައި ގަތައި ކުރެހުން އަޅާފައިވާ ރަން ފައްޓަރުބައެކެވެ. ދެ އަތުގައި ފިތްޖެހި ރަން އުޅާބައެކެވެ. ކޮންމެ އަތެއްގައި އޭގެ ތިން އުޅައެވެ. ދެ ފައިގައި ރަންތަކަހޮޅިއެވެ. އަދި ޖަރީކުރި ފައިވާންކޮޅެކެވެ. ޔަގީނަށް ވެސް އެއީ ގޮމާފުޅެއްގެ އެންމެ މަތީ ދަރަޖައިގައި ފަރިވެ ޒީނަތްތެރިވެ އިންނެވި ބޭކަނބަލެކެވެ. އެއީ ސުވާދީވާގެ މަހާރަދުން ކާސިންބަޔާގެ ދަރިކަނބަލުން ދޮންގޮމަދިޔޯއެވެ.

އެކުގައި ތިބި ހަށިފާރަވެރިން ދޫކޮށްލާފައި، މަގު ހުރަސްކޮށް ހަސަންތަކުރު ގޮސްވަނީ ގަހަނާ ފިހާރައަށެވެ. އަދި ކަޅިއެއްލަމުން ދޮންގޮމަދިޔޯއާ ގާތަށް މަޑުމަޑުން ޖެހެމުން ގޮސް ދެ މީހުންގެ ހަތަރު ކަޅި ބައްދަލުވި ވަގުތު އެކަމަނާގެ އަރިހުގައި ހުރި ހަށިފާރަވެރިޔަކު ފުންމައިގެން އައިސް ދެ މީހުންގެ ދެމެދަށް ވަދެޖެއެވެ. އުރައިން ދަމައިގަތް ކަނޑިއަކުން ހަސަންތަކުރަށް އިންޒާރު ދެމުންނެވެ.

އެވަގުތު ހަސަންތަކުރުގެ މޫނުމަތިން ފައުޅުވީ ލާނެތް ހިނިތުންވުމެކެވެ. އޭގައިވީ މާނައެއް އެ ހަށިފާރަވެރިޔާ އަށް ނޭނގުނަސް ދޮންގޮމަދިޔޯގެ މޫނުމަތިން ވެސް ފައުޅުވަމުން ދިޔަ ހިނިތުންވުމަކީ ހަމަ އެއީއެވެ. ދެ މީހުން ހިނިތުންވުމުގެ ބަހުރުވައިން ސިއްރެއް ބުނަމުން ގެންދިޔަ ކަހަލައެވެ. އެ ސަމާސާ ކަށަވަރުކޮށްދެމުން ދިޔައީ ދެ މީހުންގެ ދެމެދުގައިވީ ސިއްރު ގުޅުމެކެވެ. އަދި މިއީ އެ ދެ މީހުންގެ އަލަތު ބައްދަލުވުމެއް ވެސް ނޫން ކަމެވެ.

ދޮންގޮމަދިޔޯ އާއި ހަސަންތަކުރު ސިއްރިޔާތުގައި ބައްދަލުކުރާތާ މިހާރު ހަނދުމަހުގެ އަހަރުން އަހަރަކަށް ވުރެ ގިނަ ދުވަސްވީއެވެ. އެކަމަކު މި ދަތުރަކީ ހަމަ އިއްތިފާގެކެވެ. ނަމަވެސް ދެ މީހުން އަބަދުވެސް ކޮޓަރިއެއްގައި ހޭދަކުރި ހުރިހާ ވަގުތަކީ ވެސް ހިތާއި ރުހުމުގައި ލިބިގަތް ލައްޒަތެވެ.

ދޮންގޮމަދިޔޯގެ ބައްޕާފުޅު، ސުވާދީވު މަހާރަދުންގެ މި ދަތުރުފުޅަކީ ބޮކަރު ތަހުތާއި މައި ތަހުތާ ދެކޮޅު ހަނގުރާމައަށް ބޭނުންވާ ހަތިޔާރު ހޯދައި އެއްކުރުމަށް ކުރިއަށް ގެންދިޔަ ވަރަށް ހާއްސަ ދަތުރެކެވެ. އަދި ދަރިކަނބަލުން ސިއްރިޔާތުގައި ބޮކަރު ތަހުތުގެ ވެރިޔާއާ އެކު ފައްކާކުރަމުން ގެންދިޔަ އިޝްގާއި ގުޅުމުގެ އެއްވެސް ޚަބަރެއް ކާސިންބަޔާއާ ހަމަ އަށް ލިބިފައެއް ނެތެވެ. އެނގިފައެއް ވެސް ނެތެވެ. ފޯރާފައެއް ނެތެވެ.

ނަމަވެސް ސުވާދީވާ އަށް އެނބުރި ވަޑައިގެންނެވިތާ ތިން މަސް ފަހުން ދެން ލިބުނު ޚަބަރަކީ މުޅި ސުވާދީވާ އަށް ލޮޅުންއަރައިގެން ދިޔަ ވަރުގެ ޚަބަރެކެވެ. ދުޝްމަނު ތަހުތުގެ ވެރިޔާ ބޮކަރު ހަސަންތަކުރުގެ އައުލާދަކަށް ދޮންގޮމަދިޔޯ ބަލިވެއިންކަން ކާސިންބަޔާ އަށް އެނގުނުއިރު އެ ބަނޑަށް ހަތަރު މަސް ފުރެނީއެވެ. މި ޚަބަރު ވެގެން ދިޔައީ މުޅި ތަހުތާއި އެތެރެކޮއިލުގައި ބޮޑުން ހައިރާންކޮށް ސިއްސުވާލި ކަމަކަށެވެ. ވަކިން ހާއްސަކޮށް ދޮންގޮމަދިޔޯގެ އެ ހާލަތު ސިއްރުކޮށްގެން މަހާރެހެންދި އުޅުއްވި އުޅުން އެއްވެސް ބަޔަކަށް ކަމުނުދިޔައެވެ. ސަބަބަކީ ދުއްރައިން ތަޅައި ގަންހިނގުމަށް ވުރެ ހަރުކަށި އަދަބެއް ދޭން ޖެހޭ ވަރުގެ ބޮޑު ކުށަކަށް ދޮންގޮމަދިޔޯގެ ދެމައިން އަރައިގަތުމެވެ.

ކޮންމެއަކަސް މިކަންތައްގަނޑު ވެގެންދިޔައި ކާސިންބަޔާގެ ތަހުތާއި ބާރުތައް އޭނާގެ އަމިއްލަ އިމުގައި ނުރައްކަލަށް ހުށަހެޅި އިމްތިހާނުކުރެވިގެން ދިޔަ ކަމަކަށެވެ. ނަމަވެސް ކާސިންބަޔާ އަކީ އެބައި މީހުންގެ ތެރޭގައި ނެތްވަރުގެ ބޮޑު ބުއްދިވެރިއެކެވެ. މިނިވަން ތަހުތެއްގެ ހިޔަލާއި އިންސާފުވެރި ނިޔާ އެބައި މީހުންނަށް ހޯދައި ދެއްވުމުގެ ހަނގުރާމާގައި އެފަދަ ދެ ވަނައެއް ނެތް ވަރުގެ ބަތަލެކެވެ. ތަހުތުގެ މިނިވަން ޖައްވަށް ފޭދިގެން ދިޔަ މި ހަޑީގެ ފައިދާ ނަގަން އޭނާގެ ވާދަވެރިން ކުރި މަސައްކަތް ކާމިޔާބުނުވި ސަބަބަކީ މިއެވެ.

އިލްމުވެރިންގެ މަޖިލީހުން ކާސިންބަޔާ އަށް ދިނީ ތިރީސް ދުވަހުގެ މުހުލަތެކެވެ. އެ މުއްދަތުގެ ތެރޭގައި ދޮންގޮމަދިޔޯގެ ހަރާން އައުލާދާ މެދު ގޮތެއް ނުނިންމެވިއްޖެ ނަމަ އެންމެ ހަރުކަށިވެގެންވީ އަދަބުން ދަރިކަނބަލުންނަށް އަދަބު ދެވިގެންދާނެ ކަމަށެވެ. މަހާރަދުންގެ ބޭކަނބަލަކަށްވިޔަސް އިންސާފުގެ ކުރިމަތީގައި އެންމެން ހަމަހަމަނުކުރެވިއްޖެ ނަމަ އަދި އެ ޚިކުމަތްތެރިކަން ކުރިއަށް ނުނެރެވިއްޖެ ނަމަ ތަހުތުގެ ކޮއިލު އެކުގައި ގަޑުބަޑުވެދާނެ ކަމުގެ އިންޒާރު ވެސް އެބޭކަލުން ދެއްވިއެވެ.

އޭގެ ފަނަރަ ދުވަސް ފަހުން ކާސިންބަޔާ ގޮސް ބައްދަލުކުރީ ހަސަންތަކުރާއެވެ. މިއީ ފަނަންދީބުގެ ސިންގާސަނާގައި ރެނދުލައި ތިން ތަހުތަށް ބައިބައިވެ ދާޚިލީ ތަޅާފޮޅުމާއި ހަނގުރާމަތަކެއްގެ ތެރެއަށް މި ޖަޒީރާ ރަށްތައް ގެނބިގެން ދިޔަފަހުން ދުޝްމަނު ދެ ތަހުތެއްގެ ރަދުން މިގޮތަށް ބައްދަލުކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް މިއީ ސިއްރު ބައްދަލުވުމެކެވެ. ސުވާދީވާގެ އެކަހެރި ފަޅުރަށެއްގައި ކުރިއަށް ގެންދިޔަ ސިއްރު މަޝްވަރާއެކެވެ. ބައްދަލުވުމަށް ކާސިންބަޔާ ވަޑައިގެންނެވީ ދަރިކަނބަލުން ދޮންގޮމަދިޔޯ ވެސް ގޮވައިގެންނެވެ.

ހައްޔަރުގައި އިން ލޯބިވެރިޔާ ފެނުމުން ހަސަންތަކުރުގެ ދެ ލޮލުން ކަރުނަ ހިލިގަތެވެ. ގަރުބަގެންފައިވާ އައުލާދުގެ ހަގީގަތް އެނގުމުން ދެ ކަކޫ މައްޗަށް ވެއްޓިގަނެވުނެވެ. ރައްބި އަށް ސަޖިދަޖަހައި ރޮއިގަނެވުނެވެ. ރަސްކަމުގެ ތަހުތާއި ބާރުތަކާއި ދުޝްމަނުކަމާއި ވާދަވެރިކަން ހަނދާން ނައްތާލާފައި ގޮސް ދޮންގޮމަދިޔޯގެ ގައިގައި ބާރަކަށް ބައްދައިގަނެވުނެވެ. އަދި އަލަތު ދަރިފުޅަށްޓަކައި ބޮކަރު ރަސްކަމުގެ އާރާއި ބާރާއި ޝާނާ ޝައުކަތު ވެސް ގުރުބާންކޮށްލުމަށް އެއްބަސްވެ ވައުދުވެ ވަޑައިގަނެވިއްޖެއެވެ.

ކާސިންބަޔާގެ އޮތީ ހަމަ އެންމެ ޝަރުތެކެވެ. ފުރަމާލޭގެ މައި ތަހުތާ ދެކޮޅަށް ކުރާ ހަނގުރާމައަށް ތާއީދުކޮށް ބޮކަރުގެ ބިޔަ ލަޝްކަރުތައް ގޮވައިގެން ރަސްގެފުރެސްނޫގެ ނުބައިވެގެންވީ ބާރުތަކާ ދެކޮޅަށް ރިޔައު ކޮށުމަށެވެ. ހަސަންތަކުރު ބޮކަރު ގަނޑުވަރަށް އެނބުރިވަޑައިގަތީ ދާޚިލީ ހަނގުރާމާގައި ސުވަދީވާ އަށް ބައިއަތުހިފައި ދޮންގޮމަދިޔޯއާ ކައިވެނި ވެސް ބައްލަވައިގެންނެވެ.

މި ހުރިހާ ވައުދާއި އަހުދެއް އެއީ އެންމެ ފުރަތަމަ ސުވާދީވާގެ ކޮއިލުގައި ތިއްބެވި އިލްމުވެރިންނާ ހިއްސާކުރެވުނު ބޮޑުވެގެންވީ ސިއްރެކެވެ. ނަމަވެސް މަޑުމަޑުން މި ސިއްރު ގަނޑުވަރު ތެރެއިން ބޭރުވަމުން ގޮސް ސުވާދީވާގެ ޖަޒީރާތަކާއި ކަނޑުތައް ހުރަސްކޮށް ބޮކަރު ގަނޑުވަރަށް ވަންތާ މާ ގިނަ ދުވަސްތަކެއް ނުވެ ދެން އާންމުވެ ފެތުރިގެން އައި ޚަބަރަކީ ހަސަންތަކުރުގެ ކުފުރުމަރެވެ. އަދި ގަދަވަމުން ގުގުމަމުން އައީ ހަނގުރާމައިގެ ބެރުގެ އަޑުފަށްގަނޑެވެ.

ހަސަންތަކުރަށް ފަހު ތަހުތަށް އަރާ ވަޑައިގެންނެވި މަހާރެހެންދި ކުރަނގި ދަލޭކަ ވެގެންދިޔައީ މުޅި ފަނަންދީބު ވެސް ލޯނުދެކޭ ވަރުގެ ވަރުގަދަ، ހަރުކަށި ޝަހުސިއްޔަތަކަށެވެ. އަދި ލިބިފައިވީ އާރާއި ބާރާއި މަގްބޫލުކަމާ އެކު ސުވާދީވާއާ ދެކޮޅަށް ރަސްމީކޮށް ހަނގުރާމަ އިއުލާނުކޮށް ކާސިންބަޔާގެ ދަރިފަސްކޮޅު މިބިންމަތިން ފޮހެލުމަށް ނުކުމެވަޑައިގެންނެވި ބާރަކަށެވެ. އެ ހަނގުރާމާގައި ސުވާދީވާގެ އެތައް ޖަޒީރާއެއް އަޅުވެތިކުރިއެވެ. އަދި އެތައް ބައެއްގެ ލޭ އޮހޮރުވާލިއެވެ. މަހާރަދުން ކާސިންބަޔާ ވެސް ހަނގުރާމައިގެ މައިދާނުން ހިފައި ހައްޔަރުކޮށް ކަތިލައި ކޮށައި ކުދިކޮށް ކާޅުތަކަށް ބުރުވައިލެވުނީއެވެ.

މިއީ އޭގެ 18 އަހަރު ފަހެވެ. ދަލޭކަގެ ބޮކަރު ތަހުތުން އިއުލާނުކުރި ހަނގުރާމަ އަށް ފަހު މުޅި ފަނަންދީބު މިހާރު އޮތީ ދާހިލީހަނގުރާމައެއްގެ ކަޅުބޯވިލާގަނޑެއްގެ ދަށުގައެވެ. ރަށްރަށުގެ ގޮނޑުދޮށްތަކާއި ވިލުތައް ވަނީ ލޭ ދެމޭ ކޯރުތަކަކަށް ބަދަލުވެފައެވެ. އެކަމަކު ކާސިންބަޔާ އަށް ފަހު ތަހުތަށް އިސްކުރެވިގެންދިޔަ ދޮންގޮމަދިޔޯގެ އިރުޝާދާއެކު ދެގޮތެއް ނުވެ ސުވާދީވާގެ ލަޝްކަރުތައް އެ ދަނީ މަޑުމަޑުން ބޮކަރު ތަހުތާ ދިމާލަށް ކުރިއަށް ޖެހެމުންނެވެ. މި ލަޝްކަރުގެ އެންމެ އިސް ކޮމާންޑަރަކީ ނޫކަށިފުރައިގެ ކަލަންވީރެވެ. ނުވަތަ ހަސަންތަކުރާއި ދޮންގޮމަދިޔޯގެ ސިއްރު ލޯބި އުފަންކުރުވި އައުލާދެވެ.

ބޮކަރު ގަނޑުވަރުގެ ދޮރުތައް ހަލާކުކޮށް، އުސްފާރުތައް ބިމާ ހަމަކޮށް ސުވާދީވާގެ ހަނގުރާމަވެރިން އެތެރެއަށް ވަދެގެންދިޔައިރު ދަލޭކަގެ ތަހުތަށް ވަފާތެރި އެއްހާސް ފަހުލަވާނުން ތިބީ ދަގަނޑުދަހަނާ އަޅައި ސަފުތައް ރުކުރުވައިލައިގެންނެވެ. ނަމަވެސް ކަލަންވީރުގެ ލޭގައިވީ ޖޯޝާއި ކަނޑީގައިވީ ތޫނުކަމާ ބައްދަލު އިތުރު އެއްވެސް ބާރެއް އެ މައިދާނަކު ނުވެއެވެ.

ބޮކަރު ލަޝްކަރުގެ ސަފުތައް ފޫއަޅުވަމުން، ކަތިލަމުން، ކޮށައި ކުދިކޮށް ލޭތައް ބުރުވަމުން ގޮސް ކަލަންވީރުގެ ކަނޑި އެންމެ ފަހަށް ގޮސް ފޫއަޅުވާލީ ކުރަނގި ދަލޭކަގެ ހިތެވެ. ދަގަނޑުދަހަނާތައް ފޫއަޅުވާލާފައި ގޮސް ކަނޑީގެ އެ ތިލަ ހިތަށް ހެރުނު ވަގުތު ދަލޭކައަށް ހީވީ މީގެ އެތައް އަހަރެއް ކުރިން ތުރާކުނުގެ ކަސްބީ ފޭލިގެއެއްގެ ތެރެއިން އޭނާއާ ބައްދަލުވި ހަސަންތަކުރުގެ ޒުވާން މޫނު ކުރިމަތިން ފައުޅުވިހެންނެވެ.

ދަލޭކަގެ މެޔަށް ކޮށްޕާލި ކަނޑި ދަމައިގެން ގޮސް ކަލަންވީރު ބޮކަރު ގަނޑުވަރުގެ ކޮއިލަށް ވަދެގެންދިޔައިރު އޭނާގެ ލަޝްކަރުގައި ތިބި ހަނގުރާމަވެރިން އުފާފާޅުކޮށް ހޯބޯލައްވަމުންގެންދާ އަޑު އިވެއެވެ. އެތެރެއަށް ވަންނަމުން ދިޔަ ވަރަކަށް އެ އަޑު ދިޔައީ މަޑުވަމުންނެވެ. އަދި ގަނޑުވަރުގެ ސިއްރު ބިންގަރާހަށް ގޮސް ވަނުމާއެކު އޭނާގެ ގައިގައި ބައްދައިގަތީ އެތަނުގައިވީ ހޫނާއި ހިމޭންކަމާއި އަނދިރިކަމެވެ.

ކަނޑި އުރައަށް ލައި އޭނާ ކުއްލިއަކަށް އަލިފާން ދަނޑިއެއް އަޅާލިއެވެ. އޭގައިވީ ބަޑިބޭސްގަނޑު އަނދައި ހުލިވުމުގެ ކުރިން ގޮސް ހިރިގަލުގެ މޭޒުމަތީގައި ހުރި ފާނޫޒެއް ރޯކޮށް އޭގެ ހުޅު ބޮޑުކޮށްލުމާއެކު ރަން ރީނދޫކުލައަކުން ބިންގަރާހުގެ ކޮޓަރި ދިއްލި ހިޔަނިތައް ބިރުން ފިލައިފިއެވެ. އެއާއެކު ކަލަންވީރުގެ ލޮލުގައި އަޅައިގަތީ ބިންގަރާސް ކޮޓަރީގެ ފާރުގައި ހަރުކޮށްފައިވީ ކުރެހުންތަކެވެ. ހަސަންތަކުރާއި ބޮކަރު މާލިމީ ކަލޭފާނުގެ ޒުވާން އަލިގަދަ މޫނެވެ. ގަނޑާބެރުންޑާއޭ ކިޔުނު ދެ ބޯލީ ބިޔަ ސާމަރާދޫންޏާއި ބާޒު އާއިލާގެ އެންމެ ނުލަފާ ވައްތަރުކަމުގައިވާ އެހަނޑައިގެ ތޫނު ވަކިތަކާއި ގަދަފަދަ ވަރަގަނޑެވެ. އަދި އަލިފާނުގެ ނޭވާލާ ކަމަށް ބުނެވޭ ހުދުކުލައިގެ ތިންއީން ހާއިވާނެއްގެ ފިޔަގަނޑާއި އަލިފާނުގެ ބާރު ހަނގުރާމައިގެ މައިދާނަކަށް ފެތުރިގެންދާ މަންޒަރެވެ.

މި ކުރެހުންތަކަށް ގެއްލި ހުއްޓައި ކަލަންވީރުގެ ސަމާލުކަން ދަމައިގަތީ ކުރަކި އަޑުފަށްގަނޑަކާއެކު އެނބުރިގަތް ހިރިގަލުގެ ވަށް މޭޒެވެ. ކަނޑައި ކުރެހުން އަޅާފައިވީ އެ މޭޒު އެނބުރިގަތުމާއެކު ބިންގަރާސް ކޮޓަރީގެ ފާރުތައް ވެސް ގުޑިގަތެވެ. ހީވަނީ ދިރިގެން އަންނަން އުޅޭހެންނެވެ. ފާނޫޒު އަތަށް ނަގައި އުރައިން ކަނޑި ދަމައިގަނެ ކަލަންވީރު ހުސިޔާރުވެގަތެވެ. ދެން ފެނުނީ ކުރިމަތިން ފެންނަން ހުރި ފާރު މެދުން ފަޅިވެ ދެ ފަރާތަށް ވަދެގެން ގޮސް ސިއްރު އެހެން ކޮޓަރިކޮޅެއް އެދިމާލުން ފާޅުވިތަނެވެ. އެއީ ހަޒާނާގެ ސިއްރު ގުދަނެކެވެ. ރަން ރިއްސާއި އިތާއި މުތާއި ހަތިޔާރެވެ. އެކަމަކު އެތަނުގައި އެހެރީ އާދައިގެ ހަތިޔާރުތަކެއް ނޫނެވެ. އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ބޮކަރު މާލިކީ ކަލޭފާނު އެއްކުރައްވާފައިވާ ހަތިޔާރެވެ. އޭގައި އާދަޔާހިލާފު ބާރުތަކެއް ވާކަމަށް ބުނެވޭ ހަތިޔާރެވެ.

އެތެރެއަށް ވަދެގެން ދިޔަ ގޮތަށް ގޮސް ކަލަންވީރުގެ ދެ އަތަށް ހެޔޮވަރުކޮށްލީ އެތަނުގައި އޮތް ހުދުއެކަތައިގެ ދެމިޔަލީ ބޮޑު ކަނޑިއެވެ. އެއީ މަޝްހޫރު ތިންއީން ކަނޑިއެވެ.

ބޮކަރު ގަނޑުވަރު ފަތަހަކޮށް ތަހުތަށް އިސްވެ ވަޑައިގެންނެވިތާ ފަސް އަހަރު ފަހުން އޭނާ އެކުލަވައިލީ ފަސް ހާސް ފަހުލަވާނުންގެ ބިޔަ ލަޝްކަރެކެވެ. ތިންއީން ކަނޑިކޮޅު ހިއްޕަވައިގެން ފުރަމާލޭގެ މައި ތަހުތު ހިފަން ރިޔާ ކޮށިކުރަމުން ދިޔައިރު އޭނާގެ މި ލަޝްކަރުގައިވީ އާދަޔާހިލާފު އަނެއް ބާރަކީ އުދުހެމުން އަލިފާނުގެ ނޭވާ ލަމުން ފުރަމާލޭގެ ލަޝްކަރުތައް އަންދައި އަޅިއަށް ހަދަމުން ގެންދިޔަ ހުދުކުލައިގެ ތިންއީން ހައިވާނެވެ.

އޭގެ ތޫލި ގަދަފަދަ އަޑުފަށްގަނޑު ހީވަނީ ކާމިޔާބީ ކަށަވަރުކޮށް ފުމެމުން ގެންދިޔަ ތާޅަފިއްޔެއްގެ އަޑު ހެންނެވެ. ފުރަމާލެ އާއި އެތެރެކޮއިލަށް އޭރު ހީވަނީ ގިޔާމަތްވެގެން އުޅޭހެންނެވެ.