25 އެޕްރީލް 2022 - 00:22

އަންނަ މަހު ރާއްޖޭގައި ބާއްވާ، ދެކުނު އޭޝިއާގެ ކެޑޭޓް އަދި ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަކީ ރާއްޖެ އަށް ބަލާއިރު، ޓީޓީ ބަދަލުކޮށްލަން ލިބޭ ޓީޓީ ވޯލްޑް ކަޕެއް ފަދަ މުބާރާތެއް ކަމަށް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
މުބާރާތަށް ރާއްޖެއިން ވަމުންދާ ތައްޔާރީތައް މީޑީއާ އަށް ހިއްސާ ކުރުމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މިދިޔަ އަހަރު ބޭއްވި ދެކުނު އޭޝިއާގެ ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕަށް ފޯރި ނެގުމަށް ހިންގުނު ފަދަ ހުރިހާ ހަރަކާތްތަކެއް ޓީޓީ ޗެމްޕިއަންޝިޕަށް ހާއްސަކޮށް ވެސް ކުރިއަށްގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެން ފުޓްބޯޅަ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ވެސް އަޑު އިވޭނެ ފުޓްބޯޅަ އެކަނި ހެއްޔޭ މިނިސްޓްރީން ކުރާ ކަމަކީ. ފުޓްބޯޅަ އަށް އެކަނިހޭ ސަޕޯޓަރުން ހޯދަން ޕްރަމޯޓް ކުރަން ޖެހެނީ. އަޅުގަނޑުމެން މިއުޅެނީ އެކަން ބަދަލު ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
"މިއީ އެކަން ބަދަލު ކުރުމަށް އަޅާ އެއް ފިޔަވަޅު. އެކަމަށްޓަކައި ވަރަށް ގިނަ މަސައްކަތް އަޅުގަނޑުމެން އެބަކުރަން."
ފާތީމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމް ރާއްޖެ އަށް ހޯދައިދީފައިވާ ރަން ވަނަތައް އަގުވަޒަން ކުރުމުގެ ގޮތުން ވެސް ސަޕޯޓަރުން އައިސް ރާއްޖޭގައި ބާއްވާ މުބާރާތުގައި އެކުޅުންތެރިންނަށް ސަޕޯޓް ދޭން ޖެހޭ ކަން މަހްލޫފް ފާހަގަ ކުރެއްވި އެވެ.
"މީގެ ކުރިން އަޅުގަނޑުމެންގެ ޓީޓީ ގައުމީ ޓީމު ހޯދި ރަންވަނަތައް އަގުވަޒަންކޮށް މީ ފެށުމެއް ކަމަށް ބަލައި މިމުބާރާތާ އެކީގައި އަޅުގަނޑުމެންގެ ރާއްޖޭގެ ޓީޓީ އިތުރަށް ފުޅާވެގެންދާނެ ގޮތަކަށް މީގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ ސަޕޯޓްސް ކޮށްދިނުން އަޅުގަނޑު އެދެނީ،" މަހްލޫފް ވިދާޅުވި އެވެ.
ސަޕޯޓަރުންގެ ތަރުހީބާއި ފޯރިއާއެކު ޓީޓީގައި އިންޑިއާ ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް އެންމެ މެޗެއް ކާމިޔާބު ކުރެވުނަސް އެއީ ދިވެހި ޓީމުގެ ކުޅުންތެރިންނަށް ލިބިގެންދާނެ ބޮޑު ހިތްވަރެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މީ އަޅުގަނޑުމެންގެ ޓީޓީ ވޯލްޑް ކަޕޭ ވެސް ބުނެވިދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
"މީ ޓީޓީ ބަދަލުކޮށްލަން ލިބޭ ވަރަށް ބޮޑު ފުރުސަތެއް. ޓީޓީ އަށް ބަލާއިރު އިންޑިއާ އަކީ ވަރަށް ވަރުގަދަ ބާރެއް. އޭގެއިން އެންމެ ކުޅުންތެރިޔެއް ބަލި ކުރެވުނަސް އެއީ ވަރަށް ބޮޑު ހިތްވަރެއް، އެކަން ބަދަލު ކުރަން ސަޕޯޓަރުންގެ އެހީ ވަރަށް މުހިންމު."
މުބާރާތައް ރާއްޖެއިން ތައްޔާރުވި ގޮތުން ވެސް ސަރަހައްދީ ގައުމުތަކުގެ ޓީޓީ އެސޯސިއޭޝަންތަކާއި އޭޝިއާގެ ޓީޓީ ފެޑެރޭޝަންގެ ތައުރީފް ވެސް ރާއްޖެ އަށް ލިބިފައިވާކަން މިނިސްޓަރު ވިދާޅުވި އެވެ.
"މުބާރާތަށް ހާއްސަ ލޯގޯ ލޯންޗުކޮށްލީމަ ވެސް ބައެއް ގައުމުތަކުގެ އެސޯސިއޭޝަންތަކުގެ ރައީސުން ވަރަށް ތައުރީފްކޮށްފައި އެބަހުރި. އޭޝިއަން ޓޭބަލް ޓެނިސް ޔޫނިއަންގެ ރައީސް (ކައި ޒީންހުއާ) ވެސް. އެމީހުން ވަރަށް އެގްޒައިޓެޑް މިހާރު މިމުބާރާތަށް އަންނަން ވެސް،" މަހްލޫފް ވިދާޅުވި އެވެ.
"(އެމީހުން ފާހަގަ ކުރި) މީގެ ކުރިން މިމުބާރާތް ބާއްވަނީ ވަރަށް އާދައިގެ ކުޑަކުޑަގޮތަކަށޭ. އަޅުގަނޑު ކައިރިގައި ބުނި ކަލޭމެން [ރާއްޖެއިން] ތިއުޅެނީ މުޅި ސްކޭޅް ބަދަލުކޮށްލަންހޭ. އިރާދަކުރެއްވިއްޔާ މުބާރަތަށް މިތަނަށް [ސޯޝަލް ސެންޓަރަށް] ވަންނައިރަށް އެތަފާތ ފެންނަވަރަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން."