25 އެޕްރީލް 2022 - 07:33

މީގެ ދެ އަހަރުކުރިން ނެރުނު ހިންދީ ފިލްމު، "ވޯ" އަށް ފަހު އެއްވެސް ފިލްމަކަށް އިންޑިއާގެ ބޮކްސް އޮފީހުގައި 300 ކްރޯޑް ކްލަބް ފަހަނާ އަޅައި ދިޔުމުގެ ނަސީބު ނުލިބުނަސް، ކަންނަޑާ ފިލްމު "ކޭޖީއެފް ޗާޕްޓާ 2" އެ ރިކޯޑް މުގުރާލައިފި އެވެ.
"ވޯ" އަކީ ސިދާތު އަނަންދު ޑައިރެކްޓްކޮށް 2019 ގައި ނެރުނު ފިލްމެކެވެ. އެ ފިލްމުގެ ލީޑް ރޯލު ކުޅުނީ ރިތިކް ރޯޝަން އާއި ޓައިގާ ޝްރޮފެވެ. އެންމެ 19 ދުވަސް ތެރޭގައި އެ ފިލްމު 300 ކްރޯޑް ކްލަބަށް ވަދެ، އެ އަހަރުގެ އެންމެ ބޮޑު ހިޓް ފިލްމަށްވި އެވެ. އަދި އޭގެ ފަހުން އެއްވެސް ފިލްމަކަށް އެހާ ބޮޑު ކާމިޔާބީއެއް ނުލިބެ އެވެ.
އިންޑިއާގެ މަޝްހޫރު ފިލްމު ޓްރޭޑް އެނަލިސްޓް ތަރަން އާދަޝް ބުނެފައިވާ ގޮތުގައި މިއީ "ވޯ"އަށް ފަހު 300 ކްރޯޑް ކްލަބަށް ވަތް ފުރަތަމަ ފިލްމެވެ.
މީގެ ހަފްތާއެެއް ކުރިން ނެރުނު "ކޭޖީއެފް ޗެޕްޓާ 2" އަށް "ވޯ" އަށް ވުރެ ވެސް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ. އެންމެ 11 ދުވަހުގެ ތެރޭގައި އެ ފިލްމު 300 ކްރޯޑް ކްލަބުން ޖާގަ ހޯދާފައިވާއިރު، އެ ފިލްމަކީ ހިންދީ، ތަމަޅަ، ތެލުގޫ، ކަނަންޑާ އަދި މަލަޔާޅަމް ބަހުން ނެރުނު ފިލްމެކެވެ. އެންމެ ބޮޑު ތަރުހީބެއް ލިބެނީ ހިންދީ ވާޝަން އަށެވެ.
އެ ފިލްމުގެ ލީޑް ރޯލުން ކަންނަޑާ ތަރި، ޔަޝް ފެންނަައިރު، އޭނާއާ އެކު ސަންޖޭ ދަތާއި ސްރިނިދީ ޝެޓީ އާއި ރަވީނާ ތަންޑަން އަދި ޕްރަކާޝް ރާޖް ވެސް ފިލްމުން ފެނެ އެވެ.
ތަރަން ބުނެފައިވާ ގޮތުގައި 300 ކްރޯޑްގެ ކްލަބް ލިސްޓުގައި ދެން ހިމެނެނީ 2014 ގައި ނެރުނު، "ޕީކޭ" އާއި 2015 ގައި ނެރުނު "ބަޖްރަންގީ ބައިޖާން" އާއި 2016 ގައި ނެރުނު ދެ ފިލްމެއް ކަމަށްވާ "ދަންގަލް" އާއި "ސުލްތާން" އާއި 2017 ގައި ނެރުނު ފިލްމު "ޓައިގާ ޒިންދާ ހޭ" އަދި 2018 ގައި ނެރުނު، "ސަންޖޫ" އެވެ.