28 ޖޫން 2016 - 08:14

އަންހެނުންނަށް އަތް ދަބަހަކީ ވަރަށް މުހިންމު އެއްޗެކެވެ. އޮފީހަށް ދާއިރު ނުވަތަ އެކި ކަންކަމުގައި ބޭރަށް ނިކުމެ އުޅޭ އިރު ކުއްލިއަކަށް ބޭނުންޖެހިދާނެ އެއްޗެހި ދަބަސް ތެރޭގައި ގެންގުޅެންޖެހެ އެވެ. ނަމަވެސް، އަތް ދަބަހަށް ނުވަތަ އެއިރަކު ގެންގުޅޭ ދަބަހަކަށް މާގިނައިން އެއްޗެހި އަޅައި ބަރުވެއްޖެ ނަމަ ގައިގެ އެކި ތަންތަނުގައި ރިއްސައި ވޭން އެޅުމަކީ ވެދާނެ ކަމެކެވެ.

އެމެރިކާގެ މަޝްހޫރު ކައިރޮޕްރެކްޓޯ ޑޮކްޓާ އެވަލީން ހޭވޯތު ނަސޭހަތްތެރި ވަނީ އަތްދަބަސް އުފުލާއިރު ވަކި ބަރުދަނެއްގައި ބެހެއްޓުމަށެވެ. އެކި ވައްތަރުގެ ދަބަސްތަކުގެ ބަރުދަން ހުންނަންޖެހެނީ އެކި ވަރަށެވެ. އޭގެ ތެރެއިން ބައެއް ވައްތަރުތައް ހިއްސާކޮށްލާނަމެވެ.

ޝޯލްޑާ ބޭގް ނުވަތަ ކޮނޑުގައި އަޅުވާ ވައްތަރުގެ އަތް ދަބަހަކީ، އާންމުކޮށް، ދިގު ވާގަނޑެއް އިންނަ ދަބަހަކެވެ. އެއް ކޮނޑުގައި ނުވަތަ ކޮންމެ ގޮތަކަށް ދަބަސް އެޅުވިޔަސް، ޝޯލްޑާ ބޭގެއް އެންމެ ބަރުވެގެން ތިމާގެ ހަށިގަނޑުގެ ބަރުދަނުގެ 10 ޕަސަންޓުގައި ބަހައްޓަން ސަމާލުވާންވާނެ އެވެ. މިސާލަކަށް ހަށިގަނޑުގެ ބަރުދަނުގަ ގާތްގަނޑަކަށް 65 ކިލޯ ހުންނަ ނަމަ ޝޯލްޑާ ބޭގްގައި އެންމެ ބަރުވެގެން ހުންނަން ޖެހޭނީ ހަ ކިލޯ އެވެ. ޑޮކްޓާ ހޭވޯތު ނަސޭހަތްތެރި ވަނީ ވީހާވެސް ލުއިކޮށް ޝޯލްޑާ ބޭގް ގެންގުޅުމަށެވެ. އަދި ފުޅާ ސްޓްރެޕެއް ނުވަތަ ވާގަނޑެއް ލާފައި ހުންނަ ދަބަހެއް ރަނގަޅުވާނެ އެވެ. އަބަދު އެއްކޮޅަކަށް އެއްގޮތަކަށް އަޅާފައި ނުބަހައްޓާ ވޭތޯ ބަލާށެވެ.

މިއީ ރާއްޖޭގައި އޮފީހަށް ދާ މީހުން އެންމެ ގިނައިން ބޭނުންކުރާ އެއް ވައްތަރުގެ ދަބަހެވެ. އަތްދަބަސް ނުވަތަ ކުރު ވާގަނޑެއް ލާފައި ހުންނަ ޓޯޓް ދަބަހަކީ ކޮނޑުގައި އަޅުވަން ތައްޔާރުކޮށްފައިވާ ދަބަހެއް ނޫނެވެ. ހަމައެކަނި އަތުގައި އަޅުވާލައިގެން ގެންގުޅޭތޮށް ފަރުމާކޮށްފައިވާ މި ދަބަހުގެ ބަރުދަން ހަތަރު ކިލޯއަށްވުރެ ބަރުވެގެން ނުވާނެ އެވެ. އަދި ބިންމަތީގައި ނުވަތަ މާ ތިރީގައި ދަބަސް ބެހެއްޓުމުގެ ބަދަލުގައި، ކަބަޑެއްގެ ނުވަތަ މޭޒެއްގެ މަތީގައި މާ ބޮޑަށް ގުދުވާން ނުޖެހޭ ހިސާބެއްގައި ދަބަސް ބަހައްޓަން ސަމާލުވާށެވެ.
އާއްމުކޮށް، މި ކުޑަ އަތް ދަބަހުގައި ވާގަނޑެއް ނީނދެ އެވެ. އާދި ޕާޓީތައަކަށް ދާއިރު ބޭނުންކުރާ ކްލަޗް ދެ ކިލޯއަށްވުރެ ބަރުވެގެން ނުވާނެ އެވެ. މިއަށްވުރެ ބަރުވެއްޖެ ނަމަ އަތުގެ ހުޅަށް ބާރުކޮށް ރިއްސުން އެކަށީގެންވެ އެވެ.
ސީރިއަސް އިންޖަރީ އެއް ނެތް ނަމަ ބެކްޕެކެއްގެ ބަރުދަނަކީ ތިމާގެ ހަށިގަނޑުގެ ބަރުދަނުގެ 20 ޕަސެންޓެވެ. ބެކްޕެކްގެ ފޫ ހުންނަންޖެހެނީ ތިމާގެ އުނަގަނޑާ ހަމައަށެވެ. އަދި އުނަގަނޑުގައި އައްސާލެވޭނެ ކަހަލަ ބެލްޓެއް އިންނަ ނަމަ ވަރަށް ރަނގަޅެވެ.