24 އެޕްރީލް 2022 - 15:18

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕިންސްގެ ނަރުސް، މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ މަރިޔަމް ލަމްހާގެ ޝަރީއަތުގައި ދައުލަތުން އުޅެނީ ނޫސްތަކުގައި ހެޑްލައިން ހަދަން ކަމަށާއި ދައުވާ ސާފު ނުވާ ކަމަށް ބުނެ މިއަދު ދައުވާއަށް އިންކާރުކޮށްފި އެވެ.
ލަމްހާއަށް ކުރާ ތިން ދައުވާގެ ތެރެއިން މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އިއްވުމުން ދިފާއުން ބުނީ މި މައްސަލާގައި އެންމެ މުހިންމު ހެއްކަކަށް ވާނީ ހާދިސާ ހިނގި އިރު އެޕާޓްމަންޓްތެރޭ ހުރި ކަމަށް ބުނާ ކުޑަ އަންހެން ދަރިފުޅުގެ ވާހަކަ ކަމަށެވެ. އެއީ މޭރީ އާއި މި މައްސަލާގައި ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ލިބޭ މޭރީގެ ފިރިމީހާ މާވިން ވާގަސްގެ ދަރިފުޅެވެ.
ދިފާއުން ބުނީ ކުއްޖާގެ ސައިކޮލޮޖިކަލް ފޮރެންސިކް އެސެސްމަންޓް ފިލިޕިންސްގެ ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށް ދައުލަތުން ބުންޏަސް އެ ލިޔުން ހޯދުމުގައި ދައުލަތުން ފަރުވާ ކުޑަކޮށްފައިވާ ކަމަށެވެ. އަދިވެސް ލިބޭނެ ވަކި ދުވަހެއް ނޭނގޭ އެ ރިޕޯޓް ލިބޭއިރު އޭގައި ކުއްޖާ ދައްކާފައި ހުންނަ ވާހަކަތަކަށް ބިނާކޮށް މުޅި މައްސަލަ ބަދަލުވެގެން ހިނގައިދާނެ ކަމަށެވެ. އެހެންވެ ދައުވާއަށް ޖަވާބުދާރީ ވެވޭނީ އެ ރިޕޯޓް ލިބުމުން ކަމަށް ދިފާއުން ތަކުރާރުކޮށް ބުންޏެވެ.
ދެ ގަޑިއިރަށް މިއަދު ކުރިއަށް ދިޔަ ޝަރީއަތުގައި، އެތައް އިރަކު ދެކެވުނު ވާހަކަތަކަށް ފަހު ގާޒީ ހުސެން ފާއިޒް ރަޝާދު އެންގެވީ ދައުވާއަށް ޖަވާބުދާރީ ވުމަށެވެ. އެއީ ދައުލަތުން ދައުވާ ސާފުކޮށްދިނުމަށް އެކަށީގެންވާ މަސައްކަތް ކޮށްދެވިއްޖެ ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ.
ޖަވާބުދާރީވެވަޑައިގަންނަވަމުން ލަމްހާގެ ވަކީލް ޝާއިރު ނެންގެވީ އަނެއްކާވެސް ދައުލަތުގެ މައްސަލަތަކެކެވެ.
އޭނާ ވިދާޅުވި ގޮތުގައި "ނޫސްވެރިން ވަދެ ތިބީމަ ހަމަ ކޮންމެ ފަހަރަކު ކަނޑައެޅިގެން ހަގީގަތާ ހިލާފް މައުލޫމާތު، ނޫސްވެރިންނަށް އަމާޒުވާ ގޮތަށް" ދައުލަތުން ދެ އެވެ.
މޭރީ މަރާލުމުގައި ލަމްހާ ބައިވެރިވާ ކަމަށް ދައުލަތުން ބުނާ ސަބަބުތައް ވެސް ޝަރީއަތުގައި ތަފްސީލްކޮށްދިނެވެ. މޭރީ މަރާލަން ރޭވީ ލަމްހާ އާއި މޭރީގެ ފިރިމީހާއާ ދެމެދު އޮތް ގުޅުން އެނގި އުފެދުނު މައްސަލަތަކަށް ފަހު ކަމަށް ދައުލަތުން ބުންޏެވެ.
"މިއީ، ނޫސްވެރިން ވަދެ ތިބީމާ ހެޑްލައިނެއް ހެދުމަށް ދައްކާ ވާހަކައެއް ނޫން އެއްވެސް ހާލަތެއްގައި. މިއީ ދައުލަތުން ހަރުދަނާ ހެއްކާއި ގަރީނާގެ މައްޗަށް ދައްކާ ވާހަކަ،" ދައުލަތުގެ އެއް ވަކީލް ވިދާޅުވި އެވެ.
ވަކީލް ވިދާޅުވި ގޮތުގައި ދައުލަތުން ހުށަހަޅާފައިވާ މޮބައިލް ފޮރެންސިކް ރިޕޯޓުގައި، ލަމްހާ މާވިންއަށް ފޮނުވުމަށް ފަހު ޑިލީޓްކޮށްފައި ހުރި މެސެޖުތައް ވަނީ ރިކަވަކޮށްފަ އެވެ.
އެ މެސެޖުތަކުގައި އަންހެނެއްގެ ގަޔަށް އިންޖެކްޝަން ޖަހާނެ ގޮތުގެ އިރުޝާދު، ލަމްހާ މާވިން އަށް ދީފައިވާ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނީ މި މެސެޖުތައް މިހެން ކޮށްފައި ވާއިރު ލަމްހާގެ ގެއިން ފެނުނީ ހޮސްޕިޓަލުން ވަގަށް ނަގާފައިވާ ނުރައްކާތެރި ޑްރަގްސްތަކެއް ކަމަށާއި އެއީ ޑިމޮކްރަޓިކް ގައުމުތަކުގައި މީހުންނަށް މަރުގެ އަބަދު ތަންފީޒުކުރުމަށް ގެންގުޅޭ ކޮކްޓެއިލްގައި ހިމެނޭ ބާވަތްތަކެއް ކަމަށެވެ.
"މިއީ ހަމަ ކަނޑައެޅިގެން އިންސާނަކު މަރާލުމަށް ބޭނުންކުރެވޭނެ ބޭސްތަކެއްގެ ވާހަކަ،" ވަކީލް ވިދާޅުވި އެވެ.
ދައުލަތުން ވަނީ ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންތަކުގެ ތެރެއިން ސަކްސިނައިލްކޮލިންގެ އަސަރު މޭރީގެ ހަށިގަނޑުން ފެނުނު ކަމުގެ ހެކި ހުށަހަޅައިފަ އެވެ.
މިވަރުން ވެސް މި މަރާ ލަމްހާއާ އޮތް ގުޅުން ފެންނަކަން ފާހަގަކުރަމުން ދައުލަތުން ބުނީ ހާދިސާ ހިނގި ވަގުތު ލަމްހާ ގޮސް، ހާދިސާ ހިނގި ގޭތެރެއަށް ވަދެ ސިޑިން އަރާތަން ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށެވެ. އަދި އޭގެ 20 މިނެޓް ފަހުން ލަމްހާ ނުކުމެގެން ދިޔައިރު ވެސް، ދޮރު ހުޅުވަނީ ޓީޝާޓުން ފިންގަޕްރިންޓް ކަވަކުރުމަށް އަތް ފޮރުވަމުންކަން ވީޑިއޯ ފުޓޭޖުން ފެންނަ ކަމަށެވެ.
"ކީއްވެގެންތޯ އެހެން އަމަލުކުރަން ޖެހުނީ؟ މައުސޫމް މީހަކު، އެ ގޭތެރޭގައި މީހަކު މަރުވެފައި އޮތްކަން ނޭނގެންޏާމުން އެގޮތަށް ކީއްވެގެންތޯއޭ އަމަލުކުރަންޖެހޭނީ،" ސުވާލް އުފައްދަވަމުން ވަކީލް ވިދާޅުވި އެވެ.
މޭރީ ދަންޖެހިގެން މަރުވި ކަމަށް ބުނެ މާވިން އައިޖީއެމްއެޗްގެ އެމްބިއުލާންސް ސެކްޝަނަށް ގުޅަނީ ލަމްހާ ނުކުންނަތާ މިނެޓެއްހާއިރި ފަހުންނެވެ.
ދައުލަތުން ބުނަނީ ލަމްހާ ނުކުމެގެން ދިޔައީ މޭރީ ދަންޖެހުނު ކަމަށް ދައްކަން އެޕާޓްމަންޓް ތެރޭގައި ސީންއެއް ކްރިއޭޓްކުރުމަށް ފަހުގައި ކަމަށެވެ. އެކަމަކު ދިފާއުން ވަނީ އެއީ ދައުލަތުގެ "އިމޭޖިނޭޝަން" އެއް ތޯ ސުވާލުކޮށްފަ އެވެ. އެއީ ލަމްހާ ގޭތެރެއަށް ވަންނަތަން ފެނުނަސް އެޕާޓްމަންޓްތެރެއަށް ވަން ކަމުގެ އެއްވެސް ހެއްކެއް ދެއްކިފައި ނެތް ކަމަށް ބުނެ އެވެ. ނަމަވެސް ދައުލަތުން ބުނީ ގޭގެ އެހެން ބައިތަކުގައި އުޅޭ މީހުންނަށް ތަހުގީގުގެ ބޭނުމަށް ސުވާލުކުމުން ލަމްހާ އެއިން އެއްވެސް ބަޔަކަށް ނުވަންނަކަން އެނގޭތީ، ލަމްހާ ދިޔަ ގޮތަކަށް ގޮސް ވަނީ ފުރަތަމަ ބުރީގައި ހުރި، މޭރީ އާއި މާވިންގެ އެޕާޓްމަންޓަށްކަން އެނގޭ ކަމަށެވެ. އެހެންވެ މޭރީގެ މަރާ ގުޅޭ ކަންކަން ހިނގައިދިޔައީ ލަމްހާއަށް ނޭނގި އޭނާގެ ބައިވެރިވުން ނެތި ކަމަށް ބެލެވެން ނެތް ކަމަށާއި މި މަހު ސުޕްރީމް ކޯޓުން ނިންމި، މަރިޔަމް ޝީރީންގެ މަރުގެ މައްސަލައިގެ ހުކުމް ވެސް މިކަމުގައި ލަމްހާއާ ދެކޮޅަށް ބާރު ލިބޭ ކަމަށް ބުންޏެވެ. ޝީރީން މަރާލިކަން ސާބިތުވެ އޭނާގެ ލޯބިވެރިޔާ ނަޖާހް ޖަލަށް ލާން ހުކުމް ކުރީ ޝީރީން މަރާލަން ނަޖާހް ކުރި އެއްވެސް ކަމެއް އެނގެން ނެތް ނަމަވެސް ވަށައިގެން ހުރި ކަންކަމާއި ހެކިތަކަށް ރިއާޔަތްކޮށްފައި ކަމަށް ދައުލަތުން ބުންޏެވެ.
ނަމަވެސް ދިފާއުން، ލަމްހާގެ އެއް ވަކީލް އަހްމަދު ޔާމީން ވިދާޅުވީ ދައުލަތުން އެ ހުކުމުގެ ވާހަކަ ދައްކަނީ ގޯސްކޮށް ކަމަށާއި އެއީ ނަޖާހާ ދެކޮޅަށް އެތައް ހެއްކެއް ހުރި މައްސަލައެއް ކަމަށެވެ. އެހެންވެ މި ދެ މައްސަލަ އެއްގޮތް ކަމަށް ނުބެލެވޭނެ ކަމަށް ވިދާޅުވި އެވެ.
ދިފާއުން ބުނީ އިންޖެކްޝަން ޖަހަންވީ ގޮތް ލަމްހާ މާވިން އަށް ކިޔައިދިން ކަމަށް ދައުލަތުން ބުނާއިރު އެއީ ޖޯކެއް ކަމަށެވެ.
ދައުލަތުން ހަމަ ހަގީގަތުގައި ވެސް ހެޑްލައިން މޭކްކުރަން އެ ވާހަކަ ދައްކަނީ. ހެޑްލައިން މޭކްކުރަން ވާހަކަ ނުދައްކާ ނަމަކަ ވިދާޅެއްނުވާނެ، ނާސިން އިންޗާޖް ނުވަތަ ޝިފްޓް އިންޗާޖް ނަރުހުންގެ އެންމެ ސީނިއާ އެން ނާސް އަށް އެތަނުގައި އުޅޭ އެންމެ އާދައިގެ ނަރުހެއް މި ކިޔައިދެނީ އިންޖެކްޝަން ޖަހާ ވާހަކަ. މިއީ ބޮޑު ޖޯކެއްނޫންތޯ؟" ލަމްހާގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝާއިރު ވިދާޅުވި އެވެ.
ދައުލަތުން ދައުވާ ސާފުކޮށްދިން އިރު، މޭރީ މަރާލުމުގެ މޯޓިވް އަކީ ލަމްހާ އާއި މާވިން ލޯބީގެ ގޮތުން ގުޅިގެން އުޅުން ކަމަށް ދައުލަތުން ބުނުމުން ވަކީލް ޔާމީން ވިދާޅުވީ އެހެން ބުނުމުން ސަޕްރައިޒް ވެއްޖެ ކަމަށާއި އެކަމަކު ފިލިޕިންސަކީ ވަރިކުރުން މަނާ ގައުމެއް ކަމަށް ވުމުން އެކަހަލަ ހަރުދަނާ ކަމެއް ހުށަހެޅި ނަމަ ރަނގަޅުވާނެ ކަމަށެވެ. އެހެން ވިދާޅުވުމާ އެކު ދައުލަތުގެ ވަކީލް އަހްމަދު ނައުފަލް ވިދާޅުވީ ވަރިކުރުމުގެ ކަންކަން ފިލިޕިންސްގައި އޮންނަ ގޮތް ހުށަހަޅާފައި ވާނެ ކަމަށާއި އޭގެ އިތުރުން މޮބައިލް ފޮރެންސިކް ރިޕޯޓުން ވެސް މި ދެ މީހުން ކައިވެނިކުރަން މަސައްކަތްކޮށްފައިވާކަން އެނގޭ ކަމަށް ވިދާޅުވި އެވެ. ނައުފަލް ވެސް ވިދާޅުވީ ފިލިޕިންސްގެ ގާނޫނު އޮންނަ ގޮތުން މާވިން އަށް މޭރީ ވަރިކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.
ދައުލަތުން މިހެން ބުނުމުން ވަކީލް ޔާމީން ވިދާޅުވީ ދިފާއުން ދައްކާ ވާހަކަ ދައުލަތުން ކޮޕީކުރަނީ ކަމަށާއި އެހެންވެ ދައުވާ ސާފު ނުވާ ކަމަށެވެ. ޔާމީން މިހެން ވިދާޅުވުމުން ދައުލަތުން ރައްދު ދިނެވެ.
"ވަރަށް ދަތިކަމަކަށް ވާނެ ދައުވާ ސާފުކޮށްދޭން، ވަށްބަހުން، ޖެއްސުންކުރާ ގޮތަށް ވާހަކަ ދެއްކީމާ،" ވަކީލް ނައުފަލް ރައްދުގައި ވިދާޅުވި އެވެ.
ނައުފަލް ވިދާޅުވީ ހުށަހަޅާފައި ހެކި ގަރީނާތައް ފެންނަން އެބަހުރި ކަމަށާއި އެހެން ހުއްޓާ ވެސް "ފޮޅުވަތް ލިޔާ ވާހަކަ އާއި އޮރިއަށްދާ ވާހަކަ" އަކީ ޝަރީއަތުގައި ދައްކަންޖެހޭ ވާހަކައެއް ނޫން ކަމަށެވެ. އޭނާ އެހެން ވިދާޅުވީ ޔާމީން ޖެއްސެވި މިސާލަކާ ގުޅުވަ އެވެ.
މިއަދުގެ އަޑުއެހުން ނިންމާލުމުގެ ކުރިން ދިފާއުން ވަނީ މާފުށީ ޖަލުގެ ފާހާނާއަށް ލަމްހާ ވެއްޓިގެން މި މަހުގެ 21 ވަނަ ދުވަހު ހުޅުމާލޭ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލަށް ދެއްކުމުން ލަމްހާ ބެޑްރެސްޓްކުރުމަށާއި ބަރު އެއްޗެހި ނުއުފުލުމަށް ޑޮކްޓަރު ލަފާ ދީފައިވާ ކަމަށް ބުނެފަ އެވެ. ވަކީލް ޝާއިރު ވިދާޅުވީ ޖަލުގައި ފާހާނާއަށް ފެން އަޅައި ފެންވެރުން ފަދަ ކަންކަން ވެސް ކުރަން ޖެހެނީ ބާލިދީއަށް ފެން އަޅައި އެ އުފުލައިގެން ކަމަށް ވާތީ ޖަލުގައި ބެޑްރެސްޓްކުރެވެން ކަމަށެވެ.
ޝަރީއަތް ފެށި ފަހުން އަލަށް ވާހަކަ ދައްކަމުން ލަމްހާ މިއަދު ވަނީ އޭނާގެ ސިއްހީ މައްސަލައިގެ ވާހަކަ ދައްކައިފަ އެވެ.
"އަޅުގަނޑަކީ މިތަނަށް ގެނައުމުގެ ކުރިން، ހައްޔަރުކުރުމުގެ ކުރިން ވެސް ޑިސްކް ޑީޖެނެރޭޓިވް ޑިޒީޒް އަށް ޑައިގްނޯސްވެފައިވާ ފަރާތެއް. އަޅުގަނޑު އުޅެމުން އައީ ވަރަށް ބަލައިގެން، އެކްސަސައިޒް ކުރަމުން،" ލަމްހާ ބުންޏެވެ.
އެކަމަކު ޖަލުގައި ކާއެއްޗިއްސަށް ވެސް ނުބެލޭ ކަމަށާއި ކަސްރަތުކުރުމަށް ވެސް އިންތިޒާމެއް ނޯންނަ ކަމަށް ބުންޏެވެ.
ޖަލަށް ގެންދިޔަ ފަހުން ސިއްހީ މައްސަލަ ގޯސްވެފައި ހުއްޓާ އިތުރަށް ގޯސްވީ ފާހާނަ ތެރެއަށް ކަހާލައިގެން ވެއްޓިގެން ކަމަށާއި ޑިސްކްގައި ރެނދުލައި "ވަރަށް ޕެއިންފިލް ކޮންޑިޝަނެއް" ގައި އުޅެން ޖެހިފައިވާ ކަމަށް ބުންޏެވެ.
ލަމްހާ އަށް ހުރި ދަތިތައް ކިޔައިދެމުން ބުނީ ޖަލު ގޮޅި ރެއިޑްކުރާއިރު ވެސް ހުރިހާ އެއްޗެހިތަކެއް އެތަންމިތަނަށް އުކާލާ ކަމަށާއި އެ ހުރިހާ އެއްޗެއް އަލުން ނަގައި ފަތްޖަހަން ޖެހެނީ އަމިއްލައަށް ކަމަށެވެ. އަދި ބިޑި އަޅުވާއިރު ވެސް ބަލި ހާލަށް ނުބަލާ ކަމަށް ބުންޏެވެ.
މި ކަންކަމާ ގުޅިގެން ގާޒީ ހުސެން ފާއިޒް ރަޝާދު ނިންމެވީ ބަންދު ރިވިއުކުރުމާ ބެހޭ ގޮތުން އަންގާރަ ދުވަހު އަޑުއެހުމެއް ބޭއްވުމަށެވެ.
މޭރީގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ އޭނާގެ ފިރިމީހާ މާވިން ވާގަސްގެ ޝަރީއަތެއް ވެސް މިއަދަށް ތާވަލް ކުރި އެވެ. އެކަމަކު ކަރެކްޝަންސް އަށް ކޯޓަށް ހާޒިރުކޮށް ނުދެވުމުން އެ ޝަރީއަތް ވަނީ ކެންސަލް ކޮށްފަ އެވެ.