25 އެޕްރީލް 2022 - 07:21

ބްރެޒިލްގެ މީހަކު 84 އަހަރު ވަންދެން އެއް ކުންފުންޏެއްގައި މަސައްކަތްކޮށް ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަ ހޯދައިފި އެވެ.

އެ ރިކޯޑް ހެދީ ބްރެެޒިލްގެ ބްރުސްކިއުގައި ދިރިއުޅޭ 100 އަހަރުގެ ވޯލްޓާ އޮތުމަން ކިޔާ މީހެކެވެ. އޭނާ އަކީ "ރިއާނޮކްސްވިއު" ކިޔާ ފޮތި އުފައްދާ ކުންފުންޏެއްގައި މަސައްކަތް ކުރާ މީހެކެވެ.

"މި އުފަލުގައި އަހަރެން ދޭން އޮތް ނަސޭހަތަކީ އެ މީހަކު ލޯބިވާކަމެއް ކުރުމާއި ތައްޔާރީ ކާނާ ނުކެއުން،" އޭނާ ބުންޏެވެ.
"މަސައްކަތް ކުރެވޭނީ ކަމަށް ޝައުގުވެރިކަން ހުރެގެން. އަހަރެން މަސައްކަތް ކުރަން ފެށީ ކުރާހިތުން އަދި ކަންކަމާ ކުރިމަތިލާން ކެރިގެން."
އޭނާ ބުނީ ކުރާހިތްނުވާ މަސައްކަތެއް ކުރަން އުޅެގެން ނަތީޖާ ރަނގަޅު ނުވާނެ ކަމަށެވެ.
އެ ކުންފުނީގައި އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރީ ފޮތި ހަދާ ފެކްޓަރީގަ އެވެ. އޭގެ ފަހުން އެޑްމިނިސްޓްރޭޓަރަކަށް އުޅުމަށް ފަހު، މިހާރު އޭނާ އަކީ ސޭލްސް މެނޭޖަރެކެވެ.
ރަނގަޅު ސިއްހަތެއްގައި ހުރުމަށް އޭނާ ކޮންމެ ދުވަހަކު ވެސް ކަސްރަތުކޮށް އަދި ކެއުމަށް ވަރަށް ފަރުވާތެރިވެ އެވެ.
"އަހަރެން ކެއުމުގައި ހަކުރާއި ލޮނެއް ބޭނުމެއް ނުކުރަން،" އޭނާ ބުންޏެވެ.
"ބަނޑަށް ދަތުވެދާނެ ކަހަލަ އެއްވެސް އެއްޗެއް ނުކަން. ކޯކާއި އެ ކަހަލަ ފިޒީ ބުއިންތައް ނުބޮން. ކަނީ ސިއްހަތަށް ފައިދާހުރި އެއްޗެހި އެކަނި. އެއީ އަބަދުވެސް ހަށިގަނޑު ވަރުގަދަކޮށް ބަހައްޓަން އެހީވާ އެއްޗަކީ."