24 އެޕްރީލް 2022 - 15:03

ބ. ދަރަވަންދޫ ނަރުދަމާ އެޅުމުގެ އަމަލީ މަސައްކަތްތަކަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންގޮސްފި ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފި އެވެ.
އެމްޑަބްލިޔުއެސްސީ އިން މިއަދު ބުނީ ދަރަވަންދޫގެ ނަރުދަމާ ނިޒާމު ގާއިމު ކުރުމަށް ބޭނުންވާ ހޮޅި އާއި, އެހެނިހެން ތަކެތި ދަރަވަންދު އަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ. އަދި މިހާރު ކުރިޔަށް ދަނީ ނަރުދަމާ ނިޒާމުގެ މައި ނެޓްވޯކްގެ ހޮޅި ވަޅުލުމުގެ މަސައްކަތްތައް ކަމަށް އެ ކުންފުނިން ބުނެ އެވެ.
މި މަޝްރޫއުގެ ދަށުން ދަރަވަންދޫގައި 9.54 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމު ކުރުމާއި, 780 މީޓަރުގެ ޕަންޕިން ލައިން އަޅާނެ އެވެ. އަދި ތިން ޕަންޕިން ސްޓޭޝަނާއި, ސީ އައުޓް ފޯލް ގާއިމު ކުރުމާއި, ގޭގޭގައި ޖަންކްޝަން ބަހައްޓައި ނަރުދަމާ ކަނެކްޝަން ގުޅައިދީ އެ ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭނެ އެވެ. އަދި ނަރުދަމާ ނިޒާމު ހިންގައި، ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ޕްލޭނިން މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަގަކީ 40 މިލިއަން ރުފިޔާ އެވެ. މަޝްރޫއު ނިމުމުން ދަރަވަންދޫގެ ރައްޔިތުންނަށް ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.