އިނގިރޭސި ހާއްސަ ސިފައިން ޔޫކްރޭންގައި ތިބިތޯ ތަހުގީގުކުރަނީ
އިނގިރޭސި ހާއްސަ ސިފައިން ޔޫކްރޭންގައި ތިބިތޯ ތަހުގީގުކުރަނީ

އިނގިރޭސި ވިލާތުގެ އަސްކަރިއްޔާގައި ހިމެނޭ ޚާއްސަ ސިފައިންގެ ފައުޖު (ސްޕެޝަލް އެއާ ސާވިސް)ގެ މެމްބަރުން ޔޫކްރޭންގެ ހުޅަނގު ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް، ރަޝިޔާގެ ނޫސްތަކުން ބުނެފައިވާ ވާހަކައިގެ ހަގީގަތްތައް ދެނެގަތުމަށް، ރަޝިޔާ ސަރުކާރުން އެކަން ތަހުގީގުކުރަން ފަށައިފި އެވެ.

ރަޝިޔާ ސަރުކާރުގެ ތަހުގީގުތަކާ ބެހޭ އިސް އިދާރާ އިން އިއްޔެ ބުނި ގޮތުގައި ޔޫކްރޭންގެ ހުޅަނގުގައި، ޕޮލެންޑާއި ޔޫކްރޭންގެ ގުޅޭ ސަރަހައްދާ ކައިރީގައި އޮންނަ ލެވީވް ސަހަރުގައި އިނގިރޭސި ވިލާތުގެ ހާއްސަ ސިފައިންގެ ފައުޖުގެ ބަޔަކު ހަރަކާތްތެރިވަމުންދާ ކަމުގެ މައުލޫމަތު ވަނީ ލިބިފަ އެވެ. އެހެންކަމުން، އެ ކަމުގެ ހަގީގަތް ދެނެގަތުމަށް މިހާރު ތަހުގީގު ފަށާފައިވާ ކަމަށް އެ އިދާރާ އިން ބުންޏެވެ.

ރަޝިޔާގެ ރިއާ ނޮވިސްޓީ ނޫސް އޭޖެންސީން އިއްޔެ ރިޕޯޓްކޮށްފައިވާ ގޮތުގައި، އިނގިރޭސި ވިލާތުގެ ހާއްސަ ސިފައިންގެ ފައުޖުގެ 20 ސިފައިން ލެވީވްގެ އެތެރޭގައި ހަރަކާތްތެރިވަމުން އެބަދެ އެވެ. ހާއްސަ ސިފައިންނަކީ އަސްކަރީ ކުއްލި ހަރަކާތްތަކާއި ޖާސޫސީ މައުލޫމާތު އެއްކުރުމަށާއި ޓެރަރިޒަމާ ދެކޮޅު ހަމަލާތައް ދިނުމަށް ހާއްސަ ތަމްރީންތަކެއް ދީފައިވާ ބައެކެވެ.

މި ތުހުމަތުތަކާ ގުޅޭ ގޮތުން ރަޝިޔާގެ ތަހުގީގީ އިދާރާ އިން ބުނި ގޮތުގައި ޔޫކްރޭންގެ ހާއްސަ ސިފައިންގެ ފައުޖުގެ މެމްބަރުންނާ ގުޅިގެން، ޔޫކްރޭންގެ ތެރޭގައި ރަޝިޔާއާ ދެކޮޅަށް ހަމަނުޖެހުން ހިންގުމަށް، އިނގިރޭސި ސިފައިންގެ ހާއްސަ ފައުޖުގެ ބަޔަކު އުޅެމުން ދާ ނަމަ، އެކަން ރަޝިޔާ އިން ދެނެގަނެ ފިޔަވަޅު އަޅާނެ އެވެ.

ނަމަވެސް މި ތުހުމަތުތަކާ ގުޅޭ ގޮތުން އިނގިރޭސި ސަރުކާރުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.

ރަޝިޔާ ސިފައިން ޔޫކްރޭންގެ ސަރަހައްދީ ރޮނގު ކައިރިއަށް ޖަމާވާން ފެށުމާ ގުޅިގެން، އިނގިރޭސި ވިލާތުގެ އަސްކަރީ އިންސްޓްރަކްޓަރުންގެ ބަޔަކު މިއަހަރުގެ ކުރީކޮޅު ޔޫކްރޭނަށް ފޮނުވި އެވެ. އެއީ، ވިލާތުގެ ގައުމުތަކުން ޔޫކްރޭނަށް ދީފައި ހުރި، ޓޭންކާ ދެކޮޅަށް ހަމަލާ ދިނުމަށް ބޭނުންކުރާ ހަތިޔާރުތައް ބޭނުންކުރާނެ ގޮތުގެ ތަމްރީންތައް، ޔޫކްރޭން ސިފައިންނަށް ދިނުމަށެވެ.

ނަމަވެސް ރަޝިޔާ ސިފައިން ޔޫކްރޭނަށް ހަމަލާ ދޭން ފެށުމުގެ އެއް ހަފުތާ ކުރިން، ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު އިނގިރޭސި ވިލާތުން ބުނެފައިވަނީ، އެ ގައުމުގެ ހުރިހާ ސިފައިން ޔޫކްރޭނުން ބާލައިފި ކަމަށެވެ. މިހާރު ރަޝިޔާ ސަރުކާރުން ފަށާފައިވާ ތަހުގީގުން، އިނގިރޭސި ހާއްސަ ސިފައިން ޔޫކްރޭންގައި ތިބިކަން ކަށަވަރު ކުރެވިއްޖެ ނަމަ، އަޅާނެ ފިޔަވަޅެއް ރަޝިޔާ އިން ނުބުނެ އެވެ.

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާއެކު، އެމެރިކާ އާއި އިނގިރޭސި ވިލާތުގެ އިތުރުން ވިލާތުގެ ގައުމުތަކުން ދަނީ ޔޫކްރޭނަށް އަސްކަރީ ހަތިޔާރުތައް ދެމުންނެވެ. އެއީ އާންމުކޮށް ޔޫކްރޭން ސިފައިން ގެންގުޅޭ ހަތިޔާރުތަކަކަށް ނުވާތީ، އެފަދަ ހަތިޔާރުތައް ބޭނުންކުރާނެ ގޮތުގެ ތަމްރީންތައް ޔޫކްރޭން ސިފައިންނަށް ދިނުމަށް، ހުޅަނގުގެ އަސްކަރީ ތަޖުރިބާކާރުން ޔޫކްރޭންގައި ތިބުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެކެވެ.

އިނގިރޭސި ވިލާތުން ޔޫކްރޭނަށް ދިން ހަތިޔާރުގެ ތެރޭގައި، މަނަވަރާ ދެކޮޅަށް ބޭނުންކުރާ މިސައިލާއި، މަތިންދާބޯޓަށް ހަމަލާ ދޭ މިސައިލާއި ރޮކެޓްގެ އިތުރުން ޓޭންކަށް ހަމަލާ ދޭ މިސައިލާއި ރޮކެޓް ހިމެނެ އެވެ. މިހާރު ކުރިއަށް ދާ ހަނގުރާމައިގައި، ޔޫކްރޭން ސިފައިން ރަޝިޔާ ސިފައިންނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދެމުން ދަނީ ހުޅަނގުން ދީފައިވާ ހަތިޔާރުތައް ބޭނުންކޮށްގެންނެވެ.