17 ކިލޯ ޑްރަގް ކޭސް: ދެ ދިވެހިން ވެސް ދޫކޮށްލައިފި
17 ކިލޯ ޑްރަގް ކޭސް: ދެ ދިވެހިން ވެސް ދޫކޮށްލައިފި

މިދިޔަ މާޗް މަހު ފުލުހުން އަތުލައިގަތް 17 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ދެ ދިވެހިން ވެސް ބަންދުން ދޫކޮށްލައިފި އެވެ.

ސޯސަންމަގާއި ރަތްވިލާމަގު ގުޅޭ ކަންމަތިން ދިޔަ ޕިކަޕެއްގެ ތެރޭގައި ހުރި ފޮށިގަނޑުތަކެއްގެ ތެރެއިން 17 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތްއިރު, މި މައްސަލައިގައި ދެ ދިވެއްސަކާއި, ބަންގްލަދޭޝްގެ ދެ މީހަކު ހައްޔަރުކުރި އެވެ. ބަންގްލަދޭޝްގެ ދެ މީހުން ވެސް ބަންދުން ދޫކޮށްލީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.

މި މައްސަލައިގައި ހައްޔަރުކުރީ ކ. ހިންމަފުށި ސީސަންގޭ އަބްދުﷲ އަޚްތަރާއި, ގ. ބްރައިޓްސްޓާ މުހައްމަދު އިމްއާން ސަލީމާއި, ބަންގްލަދޭޝްގެ މުހައްމަދު ބުރުހާނުއްދީނާއި, ހަމަ އެ ގައުމަށް ނިސްބަތްވާ އަބްދުއްރަހްމާނެވެ.

އެ ހަތަރު މީހުން ވެސް ހައްޔަރު ކުރީ މަސްތުވާތަކެތި އަތުލައިގަތް ސަރަހައްދުންނެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އަޚްތަރާއި, އިމްއާން ހައްޔަރުކުރީ މަސްތުވާތަކެއްޗާ ހަވާލުވާން ގޮސް ތިއްބަ އެވެ. ނަމަވެސް އިމްއާން ބުނީ މަސްތުވާތަކެތި އަތުލައިގަތް ސަރަހައްދަށް އޭނާ ދިޔައީ މީހަކާ ބައްދަލު ކުރަން ކަމަށާއި, އޭނާ ހައްޔަރުކުރީ އެ ސަރަހައްދުގައި ހުއްޓާ ކަމަށެވެ. އަޚްތަރު ބުނީ މަގުމަތީގައި ހުއްޓިގެން ހުއްޓާ ހަމަ ހައްޔަރު ކުރީ ކަމަށެވެ.

ޕިކަޕުން ފޮށިގަނޑުތައް ބާލަން އުޅެނިކޮށް ހައްޔަރުކުރި ބަންގްލަދޭޝްގެ ދެ މީހުން ކޯޓުގައި ބުނެފައި ވަނީ އެ މީހުންނަކީ އެކި ފަރާތްތަކުން ބުނުމުން ފައިސާ އަށް މަސައްކަތްކޮށްދޭ މީހުން ކަމަށާއި, ފޮށިގަނޑު ބޭލުމުގެ މަސައްކަތް ވެސް ކުރީ ވެސް ފައިސާ އަށް ކަމަށެވެ. އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން މީގެ ހަތަރު ދުވަސް ކުރިން ކްރިމިނަލް ކޯޯޓަށް ހާޒިރުކުރުމުން ބަންދުން ދޫކޮށްލީ، ލިބިފައިވާ ހެއްކަކީ ކުށްކުރި ކަމަށް ބެލެވޭނެ ވަރުގެ ހެކިތަކެއް ކަމަށް ވާތީ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ބުނެ އެވެ. އެ ދެ މީހުން ދޫކޮށްލީ ޝަރުތު ކުރުމަށްފަހު އަދި ޕާސްޕޯޓު ވެސް ހިފެހެއްޓުމަށް ފަހު އެވެ. ގާޒީ ވަނީ ތަހްގީގު ނިމެންދެން އެ ދެ މީހުންގެ ޕާސްޕޯޓު ހިފަހައްޓަން އަމުރުކޮށްފަ އެވެ.

ހައްޔަރުކުރި ދެ ދިވެހިންގެ ތެރެއިން އަހްތަރުގެ ބަންދުގެ މުއްދަތު މި މަހުގެ 20 ވަނަ ދުވަހަށް ހަމަވެފައިވާއިރު, އިމްއާންގެ މުއްދަތު ހަމަވީ މި މަހުގެ 22 އަށެވެ. ފުލުހުންގެ އޮފިޝަލަކު މިއަދު ބުނީ އެ ދެ މީހުން ވެސް ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ. އޮފިޝަލު ވިދާޅުވީ މައްސަލަ ތަހްގީގު ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އިމްއާނާއި އަޚްތަރަކީ މަސްތުވާތަކެއްޗާއި ގުޅުންހުރި ކުށްތަކުގެ ރެކޯޑު ގިނަ އަދަަދަކަށް އޮތް ދެ މީހުންނެވެ.

މި މައްސަލަައިގައި އަތުލައިގަތް 17 ކިލޯގެ މަސްތުވާތަކެތި ތަހްލީލު ކުރުމުން ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްއަށް ޕޮޒިޓިވް ވެފަ އެވެ. އެ ތަކެތީގެ މަގުމަތީ އަގު 13.6 މިލިއަން ރުފިޔާ އަށް އަރަ އެވެ. ވައިގެ މަގުން ރާއްޖެ އަށް އެ ތަކެތި އެތެރެކުރަން އުޅެފައި ވަނީ ފާޓިލައިޒާ ޝިޕްމަންޓެއްގައި އޯގަނިކް ފާޓިލައިޒާގެ ގޮތުގައި ޑިކްލެއާ ކޮށްގެންނެވެ. އެ ތަކެތި އެތެރެކުރީ އިންޑިއާގެ ޓްރިވެންޑްރަމުން ރާއްޖެ އައިސްފައިވާ އެއާ ކާގޯ ޝިޕްމެންޓެއްގަ އެވެ.