25 ޑިސެމްބަރ 2016 - 10:41

ޕެރިސް (ޑިސެމްބަރު 25) – ޖަރުމަނުގެ ވޮލްފްސްބާގުގެ އެޓޭކިން މިޑްފީލްޑަރު ހޫލިއަން ޑްރެޒްލާ ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވާން އެއްބަސްވެއްޖެ އެވެ.
ވޮލްފްސްބާގުން ބުނީ އޭނާ ޕީއެސްޖީ އަށް ވިއްކާލަން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށާއި ޖެނުއަރީ ޓްރާންސްފާ ބާޒާރު ހުޅުވުމާ އެކު، މެޑިކަލް ޓެސްޓް ހަދައި ހަތަރު އަހަރާއި ބައިގެ ކޮންޓްރެކްޓެއްގައި ސޮއިކުރާނެ ކަމަށެވެ. ޑްރެޒްލާ ވިއްކާލި އަގެއް ވޮލްފްސްބާގުން ހާމަކޮށްފައިނުވި ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުގައި އަގަކީ 42 މިލިއަން ޔޫރޯ އެވެ.
ޑްރެޒްލާ ގެންދަން އިންގްލެންޑުގެ އާސެނަލާއި ލިވަޕޫލް އަދި އިޓަލީގެ ޔުވެންޓަސް އިން ވެސް މަސައްކަތްކުރި އެވެ.
ވޮލްފްސްބާގުގެ ކޯޗު ވެލެރިން އިސްމާއިލް ބުނީ ޑްރެޒްލާ ފަދަ ކުޅުންތެރިޔަކު ގެއްލުމުން ހިތާމަކުރާ ކަމަށާއި އެކަމަކު ޕީއެސްޖީ އަށް ބަދަލުވުމަކީ އޭނާގެ ކެރިއަރަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
ޝާލްކާ އިން 2015 ވަނަ އަހަރު ވޮލްފްސްބާގާ ގުޅުނު ޖުޅުންތެރިޔާ ވަނީ އެ ޓީމަށް ޖަރުމަން ލީގުގައި 34 މެޗު ކުޅެދީ ފަސް ގޯލް ޖަހައިދީފަ އެވެެ. އޭނާ ވަނީ ޖަރުމަން ގައުމީ ޓީމަށް 2012 ވަނަ އަހަރުން ފެށިގެން 27 މެޗު ކުޅެދީފަ އެވެ. ޖަރުމަނުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު ސްކޮޑުގައި ހިމެނުނެވެ.