24 އެޕްރީލް 2022 - 11:18

ދިވެހި ސަރުކާރުން ދިން ޔަގީން ކަމާ އެކު ރަޝިޔާގެ އެއިރޯފްލޮޓްގެ ދަތުރުތައް ރާއްޖެ އަށް އަލުން ފަށަން ނިންމައިފި އެވެ.
ރަޝިޔާ- ޔޫކްރެއިންގެ ހަނގުރާމަ އާ ގުޅިގެން ރަޝިޔާ އަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު، ރަޝިޔާގެ ގައުމީ އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް މެދުކަނޑާލީ މިދިޔަ މަހުގެ ކުރީކޮޅެވެ.
ރަޝިޔާ އަކީ ފަހަކަށް އައިސް ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމު ވެސް މެ އެވެ. އެކަމަކު، އެއިރޯފްލޮޓް ހުއްޓާލުމާ އެކު އެ ގައުމުގެ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސް ރާއްޖޭގެ ޓޫރިޒަމްގެ ލިސްޓްގެ ތިން ވަނަ އަށް މިހާރު އޮތީ ވެއްޓިފަ އެވެ. އެއިރޯފްލޮޓް އެއާލައިނުން، މީގެ ކުރިން މޮސްކޯ- މާލެ އަށް ކޮންމެ ދުވަހަކު ފްލައިޓެއް ބާއްވަ އެވެ. އަދި ސީޒަންގެ ތެރޭގައި، ގިނަ ދުވަސްދުވަހު ދެ ފްލައިޓް ވެސް ބާއްވަ އެވެ.
ރަޝިޔާގެ ވައިގެ ދަތުރުފަތުރާ ބެހޭ އޮތޯރިޓީން ރާއްޖޭގެ ސިވިލް އޭވިއޭޝަނަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އެއިރޯފްލޮޓްގެ ދަތުރުތައް އަންނަ މަހުގެ 13 އިން ފެށިގެން އަލުން ފަށާނެ ކަމަށެވެ.
ދަތުރުތައް ފަށާނެ ކަމުގެ ޔަގީންކަން ރާއްޖެ އަށް ދިނުމުގެ ކުރިން، ރަޝިޔާގެ ބޯޓުފަހަރަށް ރާއްޖެ އިން ހިދުމަތް ދޭނެ ކަމުގެ ޔަގީން ކަމަށް އެދި ސިޓީއެއް ވެސް ވަނީ ފޮނުވައިފަ އެވެ. އެ ޔަގީންކަން ރާއްޖޭގެ ސިވިލް އޭވިއޭޝަނުން މިހާރު ވަނީ ދީފަ އެވެ.
"ރަޝިޔާގެ ފެޑެރަލް އެޖެންސީ ފޯ އެއާ ޓްރާންސްޕޯޓް އިން ފޮނުވި ސިޓީގެ ޖަވާބު ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން ވަނީ ފޮނުވައިފައި. އެއިރޯފްލޮޓްގެ ދަތުރުތައް މެއި 13 ގައި އަލުން ފެށުމަށް ވަނީ ޝެޑިއުލް ކޮށްފައި،" ސިވިލް އޭވިއޭޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވި އެވެ.