24 އެޕްރީލް 2022 - 10:46

ރިސޯޓް ހަދަން ދޫކޮށްފައިވާ ވަރަށް ގިނަ ރަށްތައް ކުރިއަށް ނުގޮސް ހުރީ ކީއްވެގެންތޯ އާއި އެ ރަށްރަށް ކުރިއަށް ގެންދެވިދާނެ ގޮތްތަކެއް ދެނެގަތުމަށް ސަރުކާރާއި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) ގުޅިގެން ބޮޑު ދިރާސާއެއް ކުރަން ނިންމައިފި އެވެ.
ފިނޭންސްގެ ސީިނިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެ ފަރާތާ އެކު އެމްއޯޔޫ ތައްޔާރުކުރުމުގެ ކަންކަން މިހާރު އަންނަނީ ކުރިއަށެވެ.
އޮފިޝަލު ވިދާޅުވީ 2007 ގައި ދޫކުރި ބައެއް ރަށްރަށް ވެސް ނުހެދި އެބަހުރި ކަމަށެވެ. ރެކޯޑުތައް ދައްކާ ގޮތުން ނުހެދި ހުރި ރަށްރަށުގެ އަދަދު 83 އަށް އަރަ އެވެ.
"އެގޮތަށް ރަށްރަށް ނުހެދި، ރަށްރަށުގެ ކުލި ނުދެއްކި ޖޫރިމަނާ ބޮޑުވެ، ދެން އެ ރަށް ހަދާނެ އިންވެސްޓަރުން ވެސް ގިނަ ފަހަރު ނުލިބި ހުރި ކަން އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ،" އޭނާ ވިދާޅުވި އެވެ.
އައިއެފްސީ އާ ގުޅިގެން ހަދާ ދިރާސާގައި ސަރުކާރުގެ ވިސްނުން ހުރީ، މައްސަލަތައް ދެނެގަނެ އެ މައްސަލަ ހައްލު ކުރެވޭނެ ގޮތްތަކެއް ހޯދުމެވެ. އޭގެ ތެރޭގައި ދެވިދާނެ އެހީތައް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގައި އަޅުގަނޑުމެން ބަލާނީ ކޮންމެ ރަށެއްގެ މަސައްކަތް ވެސް ގޮސްފައި އޮތީ ކިހާ ހިސާބެއްގައިތޯ ދިމާވީ ކޮން މައްސަލައެއްތޯ،" އޭނާ ވިދާޅުވި އެވެ.
"ބައެއް ރަށްރަށް ނިމުމަކާ ގާތަށް ވެސް ގޮސްފައި ހުއްޓިފައި ވެސް އެބަހުރި. އަޅުގަނޑުމެން ބަލާނީ އޮޕްޝަންތަކަކީ ކޮބައިތޯ. އެ ރަށްރަށް ތަރައްގީ ކުރެވިދާނެ ގޮތުގެ ހިޔާލުތަކެއް ވެސް އަޅުގަނޑުމެން އެބަހުރި. މިސާލަކަށް ޖޫރިމަނާ ސަރުކާރަށް ކެޕިޓަލައިޒް ކުރާ ގޮތް ހެދުމަކީ ވެސް ކުރެވިދާނެ ކަމެއް. އެކަހަލަ ބައެއް ހިޔާލުތައް އެބަހުރި."
އޭނާ ވިދާޅުވީ އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވި، ހަތް މިލިއަން ޓޫރިސްޓުންނަށް ހިދުމަތް ދެވޭ ވަރަށް އެއާޕޯޓް ފުޅާވާ އިރު، ދެން ޓޫރިޒަމަށް ކުރިމަތިވާނީ އެނދު މަދުވުމުގެ މައްސަލަތަކެވެ.
"އެހެންވެ ނުހެދި ހުރި ރަށްރަށް މާކެޓަށް ގެނައުމަކީ ކުރަން ޖެހޭނެ ކަމެއް."