މަޖިލީހުގެ ރައީސް މިއަދު އިންޑިއާ އަށް ފުރާވަޑައިގަންނަވަނީ
މަޖިލީހުގެ ރައީސް މިއަދު އިންޑިއާ އަށް ފުރާވަޑައިގަންނަވަނީ

އިންޑިއާގެ ނިއުދިއްލީގައި ބާއްވާ ހަތް ވަނަ ރައިސިން ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އިންޑިއާ އަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

ރައިސިން ޑައިލޮގަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އާއި އޮގްޒާވް ރިސާޗް ފައުންޑޭޝަން ގުޅިގެން ކޮންމެ އަހަރަކު ބާއްވާ ބައިނަލްއަގްވާމީ ކޮންފަރެންސެކެވެ.

މި މަހުގެ 25-27 އަށް ނިއުދިއްލީގައި ބާއްވަން ނިންމާފައިވާ މި ކޮންފަރެންސްގައި ނަޝީދު ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެ އެވެ.

ނަޝީދުގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކާއި ފާގަތި ދިިރިއުޅުމާ ހުރި ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވާނެ އެވެ. އަދި ގައުމުތައް ދަރަނިވެރިވުމާއި ދަރަނީގެ ސަބަބުން އެ ގައުމުތަކުގެ ބިމުގެ މިލްކުވެރިކަން ގެއްލިގެންދިއުމާ ގުޅޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެ އެވެ.