ރައްޓެހިންނާއެކު ނުވަތަ އާއިލާއާއެކު ހޭދަ ކުރާ ކޮންމެ ވަގުތަކީ ވެސް މުހިންމު ވަގުތެކެވެ. އެކި ކަންކަމުގައި ބިޒީކޮށް އުޅެމުން ވެސް އެ ހޭދަ ކޮށްލެވޭ ކުޑަ ވަގުތުކޮޅު ވެގެންދާނީ ލިބޭ ހިތްހަމަޖެހުމަކަށެވެ. އުރީދޫން މި ރޯދަ މަހަށް ހާއްސަކޮށްގެން ނެރުނު ވީޑިއޯއިން ވެސް ދައްކުވައިދެނީ އެފަދަ ވަގުތުގެ މުހިންމު ކަމެވެ.

އުރީދޫން ކޮންމެ އަހަރެއްހެ ރޯދަޔާ ދިމާކޮށް ތަފާތު މެސެޖެއް ދައްކުވައިދޭ ވީޑީއޯއެއް ނެރެ އެވެ. މި އަހަރުގެ ވީޑިއޯ ވެސް ވެގެންދިޔައީ ގިނަ ބަޔަކަށް ކަމުދިޔަ ފުން މެސެޖެއް ލިބޭ ވީޑިއޯއަކަށެވެ.

މި އަހަރުގެ ރޯދަ ވީޑިއޯ ފަށަނީ ގޭގައި ކަމެއްނެތި ފޫހިވެފައި ތިބި ކުޑަކުދިންތަކެއް ސޯފާގައި ޓީވީ ބަލަން ތިބޭ މަންޒަރުންނެވެ. އެ ކުދިން ބަލަން ގޭގައި އެ ވަގުތު ހުންނަނީ އެ ކުދިންގެ ކާފަ އެކަންޏެވެ. އެ ކުދިންގެ ބައްޕަ އާއި މަންމަ ހޮސްޕިޓަލުގައި ގިނަވަގުތު ނަގާނެތީ އެކަން ކާފައަށް އަންގަ އެވެ.

އެ ކޯލަށްފަހު ފޯނު ބާއްވާތަނުން ކާފައަށް ފޯނުގެ ސްކްރީން ސޭވާގައި ހުރި އޭނާގެ އަންހެނުންގެ ފޮޓޯއެއް ފެނި މޮޅު ހިޔާލެއް އާދެ އެވެ. އެއީ އޭނާގެ ދަރިފުޅު ގެއަށް އަންނަންވާއިރަށް އޭނާއަށް އެންމެ ކަމުދާ، މަސްހުނި ތައްޔާރު ކުރުމެވެ. އެހެންވެ ރޯދަވީއްލަންވާއިރަށް މަސްހުނި ތައްޔާރު ކުރަން ގޭގައި ފޫހިވެފައި ތިބި ކާފަ ދަރިންގެ އެހީ ހޯދަ އެވެ.

ވީޑިއޯގައި ފެނިގެންދަނީ މަސްހުނި ހެދުމަށް ކުރަން ޖެހޭ ކަންކަން ޓާސްކުތަކަށް ބަހާލައި ކުދިންނާ އެ ޓާސްކުތައް ހަވާލު ކުރާ ތަނެވެ. އެއަށްފަހު އެ ކުދިންވެސް އެ ޓާސްކުތައް ފުރިހަމަ ކުރުމަށް ކާފައަށް އެހީވެ އެވެ. އެ ހުރިހާ ކަމެއް ވެސް ކުދިންނާއި ކާފަ ކުރަނީ މަޖާކޮށް އުފާވެރިކަމާއެކުގަ އެވެ. އެ ހުރިހާ ވަގުތަކީ ވެސް ކުރިއަށް އޮތްތަނުގައި އުފާވެރިކަން ގެނުވައިދޭނެ ހަދާންތަކަށް ހެދުމަށެވެ.

ރޯދަވީއްލަން ތަކެތި ތައްޔާރު ކުރުމަށްފަހު ސުފުރާމަތި ތައްޔާރު ކުރުމުގައި ވެސް ކާފަދަރިން އެހީވެ އެވެ. އެއީ ވެސް ހަދާންތަކަށް އިތުރުވާނެ ސަފުހާއެއް ކަން ޔަގީނެވެ.

ވީޑިއޯއިން ދެން ފެންނަނީ ކާފަ އާއި ކާފަ ދަރިން ވެގެން އެ ކުދިންގެ މަންމައާއި ބައްޕައަށް ސަޕްރައިޒް ދޭ މަންޒަރެވެ. އެ ދެ މީހުން ގެއަށް އަންނަނީ ރޯދަ ވީއްލަން ކައިރިވެފައިވަނިކޮށް ކަމުން ދެމީހުން އަންނަނީ ރޯދަ ވީއްލާނެ ތަކެތި ގަނެގެންނެވެ. ނަމަވެސް މޭޒުމަތީގައި ތައްޔާރުކޮށްފައި ހުރި ތަކެތި ފެނުމުން ހައިރާންވެ އެވެ.

މަސްހުނީގެ ރަހަ ބެލުމާއެކު އޭނާއަށް ކުޑައިރުގެ ހަދާންތައް އާވާ މަންޒަރު ފެނެ އެވެ. މަންމައާއެކު މިރުސް ބިދެގެން ދެމައިން ވެގެން މަސްހުނި ތައްޔާރު ކުރާ ތަނާއި މަންމަ އަތުން ކައި އުޅުނު މަންޒަރުތައް އޭނާއަށް ސިފަވެ އެވެ. އެ ވީޑިއޯއިން ދައްކާ ގޮތުގައި އޭނާގެ މަންމަ ވަނީ މަރުވެފަ އެވެ. އެހެންވެ މަސްހުނި ކެއުމުން މަންމަ ހަދާ މަސްހުނީގެ ރަހަ ހަދާންވާ ކަމަށް އޭނާ ބައްޕަ ކައިރީގައި ބުނެ އެވެ.

އޭނާއަށް މަސްހުނީގައި މަންމަ ހަދާފައި ހުންނަ މަސްހުނީގެ ރަހަ ދެނީ އޭގައި ކަނޑޫދޫ މިރުސް ބޭނުން ކޮށްފައި ހުރުމުންނެވެ. އެއީ މި ވީޑިއޯ ހާއްސަވާ ދެވަނަ ސަބަބެވެ. ކަނޑޫދޫ މިރުސް އެ ވީޑިއޯގައި ހާއްސަ ވަނީ އެއީ އުރީދޫގެ މި އަހަރުގެ ރޯދަ ކެމްޕޭނުގެ ބަޔަކަށްވާތީ އެވެ.

އުރީދޫގެ މި އަހަރުގެ ރޯދަ ކެމްޕޭން ހާއްސަ ކޮށްފައިވަނީ ކަނޑޫދޫ މިރުހަށެވެ. އެއީ ކަނޑޫދޫ މިރުހަކީ ވެސް މިހާރު ދިވެހިންގެ ރޯދަ މަހާ ގުޅިފައިވާ އެއްޗަކަށްވާތީ އެވެ. ކޮންމެ ރޯދަ މަހެއްގައި ވެސް ފަހަކަށް އައިސް އެންމެ ގިނަ ބަޔަކު އެންމެ ގިނައިން ބޭނުން ކުރާ އެކައްޗަކީ ކަނޑޫދޫ މިރުހެވެ. އެއީ އޭގެ ރަހަ ތަފާތުވެފައި މީރުވީމަ އެވެ.

ކަނޑޫދޫ މިރުސް ދިވެހިންގެ ރޯދަޔާ އެހާ ބޮޑަށް ގުޅިފައިވާއިރު މިއީ އުރީދޫން މިފަދަގޮތަކަށް ކެމްޕޭނެއް ހާއްސަ ކުރި ފުރަތަމަ ފަހަރު ވެސް މެ އެވެ. ކުރިން އެ ކުންފުނީގެ ރޯދަ ކެމްޕޭނުތައް ހާއްސަ ކުރަމުން އައީ ދިވެހި ތާރީހާއި ސަގާފަތާ ގުޅުންހުރި ކަންކަމަށެވެ. ނަމަވެސް މިފަހަރު ކަނޑޫދޫ މިރުހަށް ހާއްސަ ކުރީ އެއީ މިހާރު ދިވެހިންގެ ރޯދައިގެ ސަގާފަތަކަށް ވަމުން އަންނަ ކަމަކަށްވާތީ އާއި ދިވެހި އަމިއްލަ އުފެއްދުންތަކާއި ދިވެހި ކުދި ވިޔަފާރިތައް ކުރިއެރުވުމުގެ ބޭނުމުގަ އެވެ.

ރޯދަ ކެމްޕޭނުގެ ދަށުން އުރީދޫން ވަނީ ކަނޑޫދޫ މިރުސް ރަސްމީކޮށް ބްރޭންޑެއް ގޮތުގައި ތައާރަފުކޮށް، ލޯގޯ އާއި ކުލަ އާއި ގައިޑްލައިނެއް ވެސް ތައާރަފު ކޮށްފަ އެވެ. މީގެ ސަބަބުން ކަނޑޫދޫ މިރުސް ހައްދާ މީހުންނަށް އެ މިރުސް ބޭރު ގައުމުތަކުގައި މާކެޓުކޮށް، ވިޔަފާރި ފުޅާ ކުރަން ފަސޭހަވާނެ އެވެ. އެ ބްރޭންޑުގެ ދަށުން ކަނޑޫދޫ މިރުހުން ހަދާފައި ހުރި ހޮޓް ސޯސްތަކެއް ވެސް ވަނީ ރޯދަޔާ ދިމާކޮށް ބާޒާރަށް ނެރެފަ އެވެ.

އުރީދޫގެ މުޅި ވީޑިއޯއިން ދައްކުވައިދެނީ އާއިލާއާ އެކު ވަގުތު ހޭދަ ކުރުމުގެ މުހިންމު ކަމެވެ.

މުސްތަގުބަލުގައި އާއިލީ މީހަކު ކައިރީގައި ނުހުންނަ ވަގުތު ވެސް އެ ހަނދާންތައް ކައިރީގައިވާ ކަމެވެ. މިދިޔަ ރޯދަ މަހު އެއްކޮށް އުޅުނު އެތައް ބަޔަކު މި ރޯދަ މަހު ދުނިޔޭގައި ނެތެވެ. ނަމަވެސް އެ މީހުންގެ ހަނދާންތައް އަބަދުވެސް ދިރިހުންނާނެ އެވެ.

މި ރޯދަ މަހު އެންމެން ވެސް ވީ އެކުވެރިކަމާއި އާއިލީ ގުޅުން ބަދަހިކޮށް އާ ހަނދާންތައް އުފައްދާށެވެ. އެ ހަދާންތަކަކީ މާދަމާ ވެސް ތިމާއަށް އުފާވެރިކަން ގެނުވައިދޭނެ ހަނދާންތަކެވެ.

ނޯޓް: މިއީ އުރީދޫގެ ޕްރޮމޯޝަން އާޓިކަލް އެކެވެ.