އެރިކްސަންއާ ދެކޮޅަށް ޓޮޓެންހަމަށް މޮޅެއް ނުވެވުނު
އެރިކްސަންއާ ދެކޮޅަށް ޓޮޓެންހަމަށް މޮޅެއް ނުވެވުނު

ލަންޑަން (އޭޕްރީލް 24) - އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދައި، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅެން ޓޮޓެންހަމުން ކުރަމުންދާ މަސައްކަތަށް ބްރެންޓްފޯޑުން ހުރަސް އަޅައިފި އެވެ.

އެރިކްސަންއާ ދެކޮޅަށް ޓޮޓެންހަމަށް މޮޅެއް ނުވެވުނު
އެރިކްސަންއާ ދެކޮޅަށް ޓޮޓެންހަމަށް މޮޅެއް ނުވެވުނު

ބްރެންޓްފޯޑުގެ ދަނޑުގައި ކުޅުނު މެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 އިން އެއްވަރު ވެގެންނެވެ. މިއީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު ޓޮޓެންހަމް ދޫކޮށް އިޓަލީގެ އިންޓަ މިލާނަށް ބަދަލުވި ފަހުން ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ޓޮޓެންހަމާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗެވެ. އޭނާ ބްރެންޓްފޯޑާ ގުޅުނީ މިދިޔަ އަހަރު ޔޫރޯ މުބާރާތުގައި ހިތް ހުއްޓިގެން ފަރުވާއަށް ފަހު އެނބުރި އައިސް މި އަހަރުގެ ޖެނުއަރީ މަހު އެވެ.

އެރިކްސަންއާ ދެކޮޅަށް ޓޮޓެންހަމަށް މޮޅެއް ނުވެވުނު
އެރިކްސަންއާ ދެކޮޅަށް ޓޮޓެންހަމަށް މޮޅެއް ނުވެވުނު

މި ސީޒަނުގެ ނިޔަލަށް، އަލަށް ޕްރިމިއާ ލީގަށް ކޮލިފައިވި ބްރެންޓްފޯޑާ ގުޅުމަށް ފަހު، އެރިކްސެން އަންނަނީ ލީގުގައި ތަފާތު މޮޅު ކުޅުމެއް ކުޅެމުންނެވެ. އަދި މި ފަހުން ބްރެންޓްފޯޑުން ނެރެމުންދާ ނަތީޖާތަކުގައި ވެސް އޭނާގެ ދައުރު ބޮޑެވެ. ރޭގެ މެޗުގެ ކުރިން ބްރެންޓްފޯޑުން ވަނީ އެންމެ ފަހުން ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ޗެލްސީ އާއި ވެސްޓް ހޭމް ޔުނައިޓެޑް ވެސް ހިމެނެ އެވެ.

ރޭގެ މެޗު ނިމެނިކޮށް ލިބުނު ހިލޭޖެހުމަކުން އެރިކްސަން ނަގައިދިން ބޯޅަ އެޓީމުގެ އިވާން ޓޮނޭ ފޮނުވާލުމުން އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އަދި އޭނާ ނެގި ކޯނަރަކުން ޕޮންޓަސް ޔަންސަން ބޮލުން ފޮނުވާލި ހަމަލާއެއް ހެރީ ކޭން އަށް ވަނީ ގޯލް ލައިން މަތިން ދިފާއު ކުރަން ޖެހިފަ އެވެ.

މި މެޗުގެ ކުރިން އާސެނަލް އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ހަތަރުވަނައަށް ޖެހިލުމާ އެކު ޓޮޓެންހަމް ވަނީ ފަސްވަނައަށް ވެއްޓިފަ އެވެ. މި މެޗުން ބްރެންޓްފޯޑް ބަލިކޮށްގެން އަލުން ހަތަރަކަށް ޖެހިލަން ފުރުސަތު ލިބުނު ނަމަވެސް ޓޮޓެންމަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ. އެޓީމުން މެޗުގައި ފޮނުވާލި އެއްވެސް ހަމަލާއެއް ގޯލާ އަމާޒު ވެފައެއް ނުވެ އެވެ. އެންމެ ނުރައްކާ ހަމަލާ އެޓީމުގެ ކޭން، ބައިސިކަލް ކިކަކުން ފޮނުވާލުމުން ބޭރުވީ ދަނޑި ކައިރިންނެވެ.

ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީ ވެސް ވަނީ ރޭ ވަޓްފޯޑާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަ ކަމާ އެކު 5-1 އިން ކާމިޔާބު ކޮށްފަ އެވެ. މި މެޗުގައި ސިޓީގެ ބްރެޒިލް ފޯވާޑް ގެބްރިއެލް ޖީސަސް ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުގެ ފުރަތަމަ 23 މިނިޓުތެރޭ ޖީސަސް ވަނީ ސިޓީ އަށް ދެ ލަނޑު ޖަހައިދީފަ އެވެ. ފުރަތަމަ ލނޑު ހަތަރުވަނަ މިނިޓުގައި ޖެހިއިރު ދެވަނަ ލަނޑު ޖެހީ ކެވިން ޑިބްރޭނާ ނަގައިދިން ހުރަހަކުން ބޮލުންނެވެ.

ސިޓީން ދެ ގޯލުގެ ލީޑެއް ނެގިތާ ފަސް މިނިޓު ފަހުން އެމަނުއެލް ޑެނިސް ހުސްކޮށްލާފައި ދިން ބޯޅައަކުން ވަޓްފޯޑުން ލަނޑެއް ޖެހި އެވެ. ނަމަވެސް ކުރިޔަށް އަރާހުރި ގޯލްކީޕަރު ބެން ފޮސްޓާ ކައިރިން ނައްޓަފައި ރޮޑްރީ 34 ވަނަ މިނިޓުގައި ޖެހި ލަނޑާ އެކު ސިޓީން ފުރަތަމަ ހާފް ނިންމާލީ ދެ ގޯލުގެ ލީޑަކާ އެކު އެވެ.

ޖީސަސްގެ ހެޓްރިކް ފުރިހަމަކުރީ ދެވަނަ ހާފުގެ ހަތަރު ވަނަ މިނިޓުގައި ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީއަކީ މި ހާފު ފެށިގެން ފުރަތަމަ މިނިޓުގައި ވަޓްފޯޑުގެ ގޯލްކީޕަރު، އޭރިއާ ތެރެއިން ޖީސަސް އަށް ފައުލް ޮށްގެން ރެފްރީ ވީއޭއާރުގެ އެހީގައި ދިން ޕެނަލްޓީއެކެވެ. އަދި އޭގެ ހަތަރު މިނިޓު ފަހުން ސިޓީގެ ފަސްވަނަ ލަނޑު ވެސް ޖަހައިދިނީ ޖީސަސް އެވެ.

މި މޮޅާ އެކު އެއްވަނައިގައި އޮތް ސިޓީ ވަނީ ކުޅުނު 33 މެޗުން 80 ޕޮއިންޓް ހަމަކޮށްފަ އެވެ. އެއް މެޗު މަދުން ކުޅެގެން ދެވަނައިގައި އޮތް ލިވަޕޫލަށް ލިބިފައި ވަނީ 76 ޕޮއިންޓެވެ.

ލެސްޓާ ސިޓީ އާއި އެސްޓަން ވިލާ ރޭ ކުޅުނު މެޗު ލަނޑެއް ުޖެހި 0-0 އިން އެއްވަރު ވިއިރު، ނިއުކާސަލް ޔުނައިޓެޑުން ވަނީ 3-0 އިން ފުލުގައި އޮތް ނޯރިޗް ސިޓީ ބަލިކޮށްފަ އެވެ. ފުރަތަމަ ހާފުގައި ނިއުކާސަލްގެ ދެ ލަނޑު ވެސް ޖަހައިދިނީ ޖޮއެލިންޓަން އެވެ. އަދި ތިންވަނަ ލަނޑު ދެވަނަ ހާފުގައި ޖަހައިދިނީ ބްރޫނޯ ގިމަރޭސް އެވެ.