ކޮވިޑް ހޮޓްލައިންގެ ހިދުމަތް ދެން ދޭނީ ރަސްމީ ގަޑީގައި އެކަނި
ކޮވިޑް ހޮޓްލައިންގެ ހިދުމަތް ދެން ދޭނީ ރަސްމީ ގަޑީގައި އެކަނި

ކޮވިޑް-19 ގެ މަސައްކަތްތަކަށް ހާއްސަކޮށްފައިވާ 24 ގަޑިއިރުގެ ހޮޓްލައިންގެ ހިދުމަތްތައް ހަަމައެކަނި ރަސްމީ ވަގުތުތަކުގައި ދޭން ނިންމައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކުރި އިއުލާނުގައި ބުނީ ހެލްތު އިމަޖެންސީގެ ހޮޓްލައިން، 1676 ގެ ހިދުމަތް މާދަމާއިން ފެށިގެން ލިބޭނީ ހެނދުނު 9:00 އިން މެންދުރު ފަހު 1:00 އަށް ކަމަށެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުން ކޯލް ސެންޓަރަށް ގުޅައިގެން ހަމަޖައްސަމުން ދިޔަ ޑޮކްޓަރުންގެ އޮންލައިން ކޮންސަލްޓޭޝަން ދިނުން ވެސް މި ބަދަލާ އެކު ހުއްޓާލާނެ ކަމަށް ވެސް އިއުލާނުގައި ބުންޏެވެ.

އެހެންވެ، މާލެ ސަރަހައްދުގައި ކޮވިޑަށް ޕޮޒިޓިވްވާ ނުވަތަ ޑައިރެކްޓް ކޮޮންޓެކްޓުވެގެން ކަރަންޓީނުގައި ތިބޭ މީހުން ސިއްހީ ފަރުވާ ހޯދަންޖެހޭ ހާލަތްތަކުގައި އެންމެ ކައިރި ހޮސްޕިޓަލަކަށް ގުޅައިގެން އޮންލައިން ކޮންސަލްޓޭޝަން ނުވަތަ އެ ހޮސްޕިޓަލަކުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ސިއްހީ ފަރުވާ ހޯދުމަށް އެދިފައިވެ އެވެ.

ކޮވިޑް ހޮޓްލައިނުން ހިދުމަތްދޭ ވަގުތުތައް މަދުކުރިއިރު، މިދިޔަ މަހުގެ 13 ގައި ސަރުކާރުން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފަ އެވެ. މީގެ ދެ އަހަރު ކުރިން އިއުލާނުކުރި ސިއްހީ ކުއްލި ނުރައްކާ އުވާލިއިރު ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް އެ ބަލި ކޮންޓްރޯލްވެފަ އެވެ.