އާސެނަލް އަތުން ބަލިވެ ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުގެ އުންމީދު ފަނޑުވެއްޖެ
އާސެނަލް އަތުން ބަލިވެ ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުގެ އުންމީދު ފަނޑުވެއްޖެ

ލަންޑަން (އޭޕްރީލް 23) - އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާ ވާދަކޮށް 3-1 އިން މެޗު ކާމިޔާބު ކޮށްގެން އާސެނަލް ލީގުގެ ގަދަ ހަތަރެއްގެ އުންމީދު ދެމެހެއްޓިއިރު ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުގެ އުއްމީދު ފަނޑުވެއްޖެ އެވެ.

އާސެނަލް އަތުން ބަލިވެ ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުގެ އުންމީދު ފަނޑުވެއްޖެ
އާސެނަލް އަތުން ބަލިވެ ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުގެ އުންމީދު ފަނޑުވެއްޖެ

އަމިއްލަ ދަނޑުގައި އާސެނަލް މެޗު ކާމިޔާބުކޮށް ވަނީ 33 މެޗުން 60 ޕޮއިންޓް ހަމަކޮށް ހަތަރުވަނައަށް ޖެހިލައިފަ އެވެ. އާސެނަލްގެ ފަހަތުގައި އޮތީ، 32 މެޗުން 57 ޕޮއިންޓް ހޯދާފައިވާ ޓޮޓެންހަމް އެވެ. ޓޮޓެންހަމް މިރޭ ލީގުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅޭނެ އެވެ.

އާސެނަލް އަތުން ބަލިވެ ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުގެ އުންމީދު ފަނޑުވެއްޖެ
އާސެނަލް އަތުން ބަލިވެ ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުގެ އުންމީދު ފަނޑުވެއްޖެ

މިރޭގެ މެޗުން ބަލިވުމާ އެކު މެންޗެސްޓާ ޔުނައިޓެޑް ވަނީ ލީގުގައި އެންމެ ފަހުން ރަށުން ބޭރުގައި ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފަ އެވެ. އަދި މިއީ 1980/81 ގެ ސީޒަނަށް ފަހު ޔުނައިޓެޑް ލީގުގައި ޖެހިޖެހިގެން ހަތަރު އަވޭ މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. އެ ސީޒަނުގައި ޔުނައިޓެޑް ވަނީ ޖެހިޖެހިގެން ހަ މެޗުން ބަލިވެފަ އެވެ. އަދި ލީގުގައި ބާކީ ހަތަރު މެޗު އޮއްވައި ޔުނައިޓެޑަށް ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކުޅުމުގެ އުންމީދު ވެސް ފަނޑުވެފަ އެވެ. ލީގުގެ ހަވަނައިގައި އޮތް ޔުނައިޓެޑަށް މިހާތަނަށް ލިބިފައި ވަނީ 54 ޕޮއިންޓެވެ.

އަމިއްލަ ދަނޑުގައި އާސެނަލް އިން މިރޭ ލީޑު ނެގީ މެޗުގެ ތިންވަނަ މިނިޓުގައި ފުލްބެކް ނޫނޯ ޓަވަރޭސް ޖެހި ލަނޑުންނެވެ. އާސެނަލް އިން ވާތްފަރާތުން ނެގި ހުރަހެއް ޔުނައިޓެޑްގެ ރަފޭލް ވަރާން އާއި އެލެކްސް ޓެލޭސް އަށް ވެސް ދިފާއު ނުކުރެވި ލިބުނީ ބުކަޔޯ ސަކާ އަށެވެ. އޭނާ ހުސްކޮށް ހުރެ ގޯލުގެ ދުރު ޕޯސްޓަށް ފޮނުވާލި ބޯޅަ ގޯލްކީޕަރު ޑޭވިޑް ޑެހެއާ އަތުން ޖެއްސި ނަމަވެސް އެނބުރި ކުޅުމުގެ ތެރެއަށް އައި ބޯޅަ ދުރު ޕޯސްޓަށް އެރި ޓަވަރޭސް ވަނީ ގޯލަށް ފޮނުވާލައިފަ އެވެ.

އާސެނަލްގެ ދެވަނަ ލަނޑު 32 ވަނަ މިނިޓުގައި ވީއޭއާރުގެ އެހީގައި ލިބުނު ޕެނަލްޓީއަކުން ޖެހީ ސަކާ އެވެ. އެންމެ ފުރަތަމަ މާޓިން އޮޑެގާޑް އޭރިއާ ތެރެއިން ހުސްވި ސަކާ އަށް ބޯޅަ ޖައްސާލުމުން ސަކާ ފައިގައި ޖެހިފައި ބޯޅަ ލިބުނީ ކައިރީ ހުރި އެޑީ ކެޓިއާ އަށެވެ. އޭނާ ހަމަޖެހިލައިފައި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލި ނަމަވެސް ވީއޭއާރު ބަލައި ކެޓިއާ ހުރީ އޮފްސައިޑުގައި ކަމަށް ނިންމި އެވެ. އަދި އާސެނަލްގެ ކުޅުންތެރިންނާއި ބެންޗުން އެ ބޯޅައިގައި ސަކާ އަށް ފައުލްކުރި ކަމަށް ބުނެ ޝަކުވާ ކުރަން ފެށުމުން ފަހުން ވީއޭއާރު ބެލުމަށް ފަހު ނިންމީ، ކެޓިއާ އޮފްސައިޑު ވުމުގެ ކުރިން ޔުނައިޓެޑްގެ ޓެލެސް، ސަކާ އަށް ފައުލް ކުރި ކަމަށް ބަލައި ޕެނަލްޓީ ދޭށެވެ.

އާސެނަލް އަށް ޕެނަލްޓީ ލިބުމުގެ އިރުކޮޅެއް ކުރިން ޔުނައިޓެޑްގެ ޑިއޯގޯ ޑަލޮ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ވަނީ ގޯލު ހުރަސް ދަނޑިއަށް އަމާޒުވެފަ އެވެ. އަދި ފަހުން އާސެނަލްގެ އެޑީ ކެޓިއާ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއެއް މަތަކުރީ ޑެހެއާ އެވެ.

ސަކާގެ ޕެނަލްޓީން އާސެނަލް ލީޑު ފުޅާކުރިތާ ދެ މިނިޓު ފަހުން ނިމަންޔާ މަޓިޗް ނަގައިދިން ހުރަހެއް ގޯލަށް ފޮނުވާލައިގެން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ފަރަގު ކުޑަ ކޮށްދީފަ އެވެ. މިއީ އޭނާ އިނގިރޭސި ޕްރިމިއާ ލީގުގައި ޖެހި 100 ވަނަ ލަނޑެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓެލޭސް ފޮނުވާލި ބާރު ހަމަލާއެއް އާރޮން ރަމްސްޑޭލް މަތަކުރިއިރު މުހައްމަދު އެލްނެނީ އާއި އޮޑެގާޑް ފޮނުވާލި ދެ ހަމަލާއެއް ޑެހެއާ އަށް މަތަކުރަން ޖެހުނެވެ.

ޔުނައިޓެޑަށް ނަތީޖާ އެއްވަރު ކުރަން އެންމެ ރަނގަޅު ފުރުސަތު ލިބުނީ ދެވަނަ ހާފުގައި ބްރޫނޯ ފެނާންޑޭޒް އަށެވެ. މަޓިޗް އަށް ފައުލް ކޮށްގެން ދެވަނަ ހާފު ފެށިގެން 10 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީ ފެނާންޑޭޒް ތިރިތިރިން ރަނގަޅު ބާރުމިނެއްގައި ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ގޯލު ދަނޑީގައި ޖެހިފައި ބޭރަށެވެ.

ޕެނަލްޓީ ނާކާމިޔާބުވުމުން ޔުނައިޓެޑުން ވަނީ ފުލުފުލުގައި ގިނަ ހަމަލާތަކެއް ފޮނުވާލައި ގޯލެއް ޖަހަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ޖޭޑަން ސަންޗޯ ފޮނުވާލި ހަމަލާއެއް ރަމްސްޑޭލް ދިފާއުކުރިއިރު، ރޮނާލްޑޯ ތަނަވަސްކުރި ފުރުސަތަކުން ޑަލޯ ފޮނުވާލި ހަމަލާ ރަމްސްޑޭލް އަތުގައި ޖެހިފައި ސަލާމަތްވީ ގޯލު ދަނޑީގައި ޖެހުމުންނެވެ. އަދި އޭރިއާ ތެރޭގައި ހުސްކޮށް ހުއްޓައި ލިބުނު ބޯޅައެއް ވަރަށް ރީއްޗަށް ރޮނާލްޑޯ ގޯލުތެރެއަށް ފޮނުވާލުމުން އެ ގޯލު ބަލައި ނުގަތީ ރޮނާލްޑޯ އޮފްސައިޑުގައި ހުރުމުންނެވެ.

އާސެނަލްގެ ތިންވަނަ ލަނޑު މެޗުގެ 70 ވަނަ މިނިޓުގައި ޖެހީ ގްރޭނިޓް ޒާކާ އެވެ. އޭނާ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލި އިރު، ޑެހެއާ ވަނީ އެ ގޯލް ޖެހި ވަގުތު އޮފްސައިޑުގައި ހުރި އާސެނަލްގެ ކެޓިއާ ކުރިމަތީގައި ހުރުމުން، ޒާކާ ފޮނުވާލި ބޯޅައަށް ހަރަކާތް ކުރަން އޭނާއަށް އުނދަގޫވި ކަމަށް ރެފްރީ ގާތުގައި ބުނެފަ އެވެ. ނަމަވެސް ރެފްރީ ވަނީ އެ ގޯލު ބަލައިގަނެފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑުން ވަނީ އަމިއްލަ ދަނޑުގައި މިދިޔަ ޑިސެމްބަރު މަހު ލީގުގައި އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްފަ އެވެ. އޭގެ ކުރިން ޕްރިމިއާ ލީގުގައި ޔުނައިޓެޑުން އާސެނަލްއާ ދެކޮޅަށް ކުޅުނު ހަ މެޗުން ވެސް މޮޅުވެފައެއް ނުވެ އެވެ. ޔުނައިޓެޑުން ލީގުގައި އާސެނަލްއާ ދެކޮޅަށް ކުޅުނު ދެ މެޗު އެންމެ ފަހުން ކާމިޔާބު ކޮށްފައި ވަނީ 2017/18 ސީޒަނުގަ އެވެ.