25 ޑިސެމްބަރ 2016 - 10:38

މޮސްކޯ (ޑިސެމްބަރު 25) - ބްލެކް ސީގެ ރިސޯޓެއް ކަމަށްވާ ސޮޗީ އިން ނައްޓާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ރަޝިޔާގެ މަތިންދާ ބޯޓެއް ރާޑަރުން ގެއްލިފައިވާ ކަމަށް މީޑިއާތަކުން ޚަބަރު ދީފި އެވެ.
ރަޝިޔާގެ އިމަޖެންސީ މިނިސްޓްރީގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާ އިން ބުނީ ގެއްލިފައިވަނީ ޓީޔޫ-154 މަރުކާގެ މަތިންދާ ބޯޓެއް ކަމަށެވެ. ބޯޓުގައި 83 ފަސިންޖަރުންނާއި އަށް ކްރޫން ތިބި ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ. ބޯޓުގައި ރަޝިޔާގެ މިލިޓަރީ މިއުޒިކް ބޭންޑާއި ރިޕޯޓަރުން ތިބި ކަމަށް ވެސް ވެ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ގެއްލިފައި ވަނީ ރަޝިޔާގެ ދިފާއީ ވުޒާރާގެ ބޯޓެކެވެ. އަދި އެ ބޯޓު ދަތުރުކުރީ ސީރިއާގެ ލަޓަކިއާ ޕްރޮވިންސަށް ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. އެކަމަކު އެކަމާ ބެހޭ ގޮތުން ރަޝިޔާގެ އޮފިޝަލުން ވަކި އެއްޗެއް ނުބުނެ އެވެ.
އިންޓަފެކްސް ނިއުސް އެޖެންސީން ބުނީ ބޯޓު ރާޑަރުން ގެއްލުނީ ނައްޓާލިތާ 20 މިނިޓް ފަހުން ކަމަށެވެ. ރަޝިޔާގެ ރަސްމީ ޓީވީން ބުނީ ބޯޓު ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.