23 އެޕްރީލް 2022 - 14:52

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެމްބަރަކު ހޮވުމަށް ބާއްވާ އިންތިހާބު އިލެކްޝަންސް ކޮމިޝަން (އީސީ)ން އަވަސްކޮށްފި އެވެ.
ކުރިން އެ އިންތިހާބު ބާއްވާ ގޮތަށް އޮތީ އަންނަ މަހުގެ 16ގަ އެވެ. އެކަމަކު އީސީން އިއްޔެ ކުރި އިއުލާނުގައި ބުނީ އަންނަ މަހުގެ 14 ވަނަ ދުވަހަށް އިންތިހާބު އަވަސްކޮށްފައިވާ ކަމަށެވެ.
އީސީން ވިލިމާލެ ދާއިރާގެ އިންތިހާބު އަވަސްކުރިއިރު، މިހާރު ކަނޑައަޅާފައިވާ ތާރީހަކީ ފޯރިގަދަވެފައިވާ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު ވެސް ބާއްވަން އެ ޕާޓީން ފާސްކޮށްފައިވާ ދުވަހެވެެ.
އިލެކްޝަންސުން ބުނި ގޮތުގައި އިންތިހާބު އަވަސް ކުރަން ޖެހުނީ ވޯޓުލާން ކުރިން އޮތް ތާރީހަކީ ރަސްމީ ދުވަހަކަށް ވުމުން ގިނަ ބަޔަކަށް ވޯޓުލާން ދިއުމަށް ދަތިތަކެއް ދިމާވެދާނެކަމަށް ފެންނާތީ އެވެ. އެ ދުވަހު ބޭއްވުމުން ވޯޓުލާ މަރުކަޒުތަކުގެ ގޮތުގައި ސްކޫލްތައް ލިބުމުގައި ވެސް ދަތިތަކެއް ދިމާވާނެ ކަމަށް އިލެކްޝަންސުން ބުންޏެވެ.
ވިލިމާލެ ދާއިރާގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ ހެނދުނު އަށަކުން ހަވީރު ހަތަރަކަށެވެ. އެ ގޮނޑިއަށް ވާދަކުރަނީ ޕީޕީއެމާއި އެންއެންޕީންނެވެ. މުއްދަތު ހަމަވިި ފަހުން ލިއުންތައް ހުށަހެޅުމުން އެމްޑީޕީއަށް ވާދަކުރުމުގެ ފުރުސަތެއް ނުލިބުނެވެ.
ވިލިމާލޭ ދާއިރާގެ ގޮނޑި ހުސްވީ މިދިޔަ ފެބްރުއަރީ މަހު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މެމްބަރު އައިމިނަތު އީމާން ނިޔާވުމާ ގުޅިގެންނެވެ. އޭނާ އެ ގޮނޑިއަށް އިންތިހާބުވީ އެމްޑީޕީގެ ޓިކެޓުގަ އެވެ.