ޔުނައިޓެޑާއި ބާންލީގެ ކުޅުމާ ރަންގްނިކް އަޅާ ކިޔައިފި
ޔުނައިޓެޑާއި ބާންލީގެ ކުޅުމާ ރަންގްނިކް އަޅާ ކިޔައިފި

މެންޗެސްޓާ (އޭޕްރީލް 23) - އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު މެނެޗެސްޓާ ޔުނައިޓެޑުން އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން، ޔުނައިޓެޑާއި ލީގުގެ ރެލިގޭޝަނުން ސަލާމަތްވާން މަސައްކަތްކުރާ ބާނަލީގެ ކުޅުމާ ވަގުތީ ކޯޗު ރަލްފް ރަންގްނިކް އަޅާކިޔައިފި އެވެ.

ޔުނައިޓެޑާއި ބާންލީގެ ކުޅުމާ ރަންގްނިކް އަޅާ ކިޔައިފި
ޔުނައިޓެޑާއި ބާންލީގެ ކުޅުމާ ރަންގްނިކް އަޅާ ކިޔައިފި

ރަންގްނިކް ބުނީ ލިވަޕޫލް އަތުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ބަލިވި މެޗުގެ ކުޅުމަށް ފަހު، ޔުނައިޓެޑް ގަދަ ހަތަރަކުން ޖާގަ ހޯދަން ވިސްނުމަށް ވުރެ ބޮޑަން ކުރަންވީ ކަމަކީ ކުރިޔަށް އޮތްތަނުގައި ކުޅުން ރަނގަޅު ކުރެވޭތޯ ބެލުން ކަމަށެވެ.

ޔުނައިޓެޑާއި ބާންލީގެ ކުޅުމާ ރަންގްނިކް އަޅާ ކިޔައިފި
ޔުނައިޓެޑާއި ބާންލީގެ ކުޅުމާ ރަންގްނިކް އަޅާ ކިޔައިފި

"އަހަރެމެންގެ އެންމެ މޮޅު ޓީމު ދަނޑަށް އަރައި، ތަފާތު ރޫހެއްގައި ކުޅެން އެބަ ޖެހޭ، ދަނޑުމަތީގައި އިތުބާރާ އެކު އެގްރެސިވް ގޭމެއް ކުޅެވެން އެބަ ޖެހޭ،" ލިވަޕޫލް އަތުން ބަލިވި މެޗުގެ ކުޅުމާ މެދު ހިތްހަމަ ނުޖެހިފައި ހުރި ކޯޗު ބުންޏެވެ.

"އަހަރެން ބަލާލިން ބާންލީ ރޭ ސައުތެމްޓަންއާ ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފް. ބާންލީން ދަނީ ރެލިގޭޝަނުން ސަލާމަތްވެ ޕްރިމިއާ ލީގުގައި ދެމި އޮންނަން ހަނގުރާމަ ކުރަމުން. ދެވަނަ ހާފުގައި އެޓީމު ދިފާއުކުރި ގޮތުން ސައުތެމްޓަން އަށް ލަނޑު ޖަހަން އެންމެ ފުރުސަތެއް ވެސް ނުދިން. މިއީ އަހަރެން ބޭސިކްސް މާނަކުރާ ގޮތަކީ، އެއީ އަހަރެމެން މަސައްކަތްކޮށް އިމްޕްލިމެންޓް ކުރަން ބޭނުންވާ ކަހަލަ ކަންކަން. ކުރިއަށް އޮތް މެޗުތަކުގައި އެކަންން ދައްކަން އެބަޖެހޭ."

ލީގުގެ 18 ވަނައިގައި އޮތް ބާންލީން 2-0 އިން ސައުތެމްޓަން ބަލިކުރި މެޗުގައި އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ.

މީގެ އިތުރުން ރަންގްނިކް ބުނީ ޓީމު ގޯސް ހާލަތެއްގައި އޮއްވައި ކަންކަން ހައްލުކުރަން ވަގުތު ނަގާނެކަން އެއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެއް ކަމަށާއި ނަމަވެސް މެންޗެސްޓާ ޔުނައިޓެޑް ކަހަލަ ޓީމެއްގައި ކެތްތެރިވާން ބުނުމަކީ އުނދަގޫ ކަމެއް ކަމުގައެވެ.

"ވަގުތުކޮޅެއް ނަގާނެ މި ކަމުން އަރައިގަންނަން. ލިވަޕޫލް އަތުން އެގްރިގޭޓް 9-0 އިން ބަލިވީ އަދި މެންޗެސްޓާ ސިޓީ އަތުން ބަލިވީ 6-1 އިން. އަނެއްކާ (ރެލިގޭޝަނުގައި އޮތް) ވަޓްފޯޑް އަތުން 4-1 އިން ބަލިވިއްޖެ. އެވަޓަން ފަދަ ޔަގީން ކަމެއް ނެތް ބައެއް އަތުން ވެސް 1-0 އިން ބަލިވި. މިއީ އެންމެން ގަބޫލުކުރަން ބޭނުން ނުވާ ހިތާމަވެރި ހަގީގަތަކީ،" ރަންގްނިކް ބުންޏެވެ.

"އަހަރެން ނުބުނާނަން (ކާމިޔާބު ހޯދަން) ކެތްތެރިވާކަށް. އެކަމަކު ފެންނަން ހުރި ކަންކަން މިއީ ހަގީގަތްކަން އެބަޖެހޭ ގަބޫލު ކުރަން. އޭރުން އާ ކޯޗު އެރިކް ޓެން ހާގް އަށް ވެސް ޓީމުގެ މުސްތަގުބަލް އަލުން ބިނާކުރަން ވަރަށް ބޮޑު އެހީއަކަށް ވާނެ."

ޖެހިޖެހިގެން ފަސް ސީޒަން މެންޗެސްޓާ ޔުނައިޓެޑުން ހުސްއަތާ ނިންމާލާ އިރު، ރަންގްނިކް ދެކޭ ގޮތުގައި އެންމެ ތިން ޓްރާންސްފާ ވިންޑޯގެ ބޭނުން ހިފައިގެން އެއް އަހަރުން ވެސް ބައެއް ކުލަބުތަކުން ނަތީޖާ ހޯދޭނެކަން ދައްކުވައިދީފައިވާ ކަމަށެވެ. އަންނަ ސީޒަނުން ފެށިގެން ޔުނައިޓެޑާ ހަވާލުވާ އަޔެކްސްގެ ކޯޗު އެރިކް ޓެން ހާގް އަކީ އެކަމަށް ގާބިލް ކޯޗެއް ކަމަށް ގަބޫލް ކުރާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ޔުނައިޓެޑުން މިއަދު ރަށުން ބޭރުގައި އާސެނަލްއާ ދެކޮޅަށް ނުކުންނައިރު އެޓީމުގެ ސްކޮޓް މެކްޓޮމިނޭ އާއި ރަފޭލް ވަރާން އަދި އަނިޔާގެ ސަބަބުން ލިވަޕޫލް މެޗު ނުކުޅެވުނު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް އަލުން ޓީމާ ގުޅިފައިވާ ކަމަށް ރަންގްނިކް ބުންޏެވެ. ނަމަވެސް އަނިޔާގައި ހުރި މިޑްފީލްޑަރު ޕައުލް ޕޮގްބާ ކުރިޔަށް އޮތްތަކުނައި ޔުނައިޓެޑްގެ ޖޯޒީގައި ނުފެނިދާނެ ކަމަށް ވެސް ރަންގްނިކް ބުންޏެވެ.

"ޑޮކްޓަރު ބުނީ އެންމެ މަދުވެގެން ވެސް ހަތަރު ހަފްތާ ވަރު ނަގާނެއޭ ޕޮގްބާ މުޅިން ރަނގަޅުވާން. އެކަމަކު އަހަރެމެން މި ސީޒަނުގެ އެންމެ ފަހު މެޗު ކުޅެން މިއޮތީ މެއި މަހުގެ ފަހުކޮޅު، އެހެންވެ ހިއެއް ނުވޭ ޕޮގްބާ ދެން ކުޅެފާނެ ހެނެއް،" މި ސީޒަނަށް ފަހު ޔުނައިޓެޑްގެ ކޮންޓްރެކްޓް ހަމަވާ ޕޮގްބާގެ އަނިޔާއާ ގުޅޭގޮތުން ރަންގްނިކް ބުންޏެވެ.

ޕޮގްބާ އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި ނަމަވެސް އޭނާއަކީ ލިބިފައިވާ ހުނަރާ އެއްވަރަށް ޔުނައިޓެޑުގައި އޭނާގެ ކުޅުން ދައްކަން އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައިވާ ކުޅުންތެރިއެއް ގޮތުގައި ރަންގްނިކް ސިފަކުރި އެވެ.

"އާސެނަލް މެޗުގައި ޕޮގްބާއަށް ނުކުޅެވޭނެ، އަދި ބޮޑަށް ބެލެވޭ ގޮތުގައި މި ސީޒަނުގައި ކުރިޔަށް އޮތް މެޗުތައް ވެސް ގެއްލޭނެ. އޭނާ ހުރީ ކޮންޓްރެކްޓް އާކުރާ ގޮތަކަށް ނޫން. ކުލަބުން ވެސް އަދި އެރިކް (ޓެން ހާގް) ވެސް އޭނާގެ ކޮންޓްރެކްޓް އާކުރަން މަސައްކަތް ދެން ކުރާނެ ކަމެއް އަހަރެންނަކަށް ނޭނގޭ. ބޮޑަށް ބެލެވޭ ގޮތުގައި އޭނާ އަންނަ ސީޒަނުގައި (ޔުނައިޓެޑުން) ނުފެންނާނެ."

މީގެ އިތުރުން ގެއަށް ބޮމުގެ ހަމަލާއެއް ދޭނެ ކަމުގެ އިންޒާރާ އެކު ފުލުހުންގެ ހިމާޔަތް ހޯދި ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ވެސް މިއަދުގެ މެޗުގައި ނުކުޅޭނެ އެވެ. ރަންގްނިކް ބުނީ މެގުއާއާ އަދި ބައްދަލު ނުވާ ކަމަށާއި އޭނާއާ އަދި ވާހަކަ ވެސް ނުދައްކާ ކަމަށެވެ. ނަމަވެސް މި ހިތާމަވެރި ވަގުތުގައި ޓީމާއި ކުޅުންތެރިން ވެސް ތިބީ މެގުއާގެ ފަހަތުގައިކަން ރަންގްނިކް ފާހަގަ ކުރި އެވެ.

ލީގުގައި އެންމެ ފަހުން ރަށުން ބޭރުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ތިން މެޗުން ވެސް އެޓީމު ވަނީ ބަލިވެފަ އެވެ. ލިވަޕޫލާއި އެވަޓަން އަދި މެންޗެސްޓާ ސިޓީ އަތުން ބަލިވި ތިން މެޗުގައި ބައިކޮޅަށް 11 ގޯލު ވަދެފައި ވާއިރު ޖެހުނީ އެންމެ ލަނޑެކެވެ.

ލީގު ހަވަނައިގައި ޔުނައިޓެޑް އޮތީ 33 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ. ފަސްވަނައިގައި އޮތް އާސެނަލް އާއި ހަތަރުވަނައިގައި އޮތް ޓޮޓެންހަމް ވަނީ 32 މެޗު ކުޅެގެން 57 ޕޮއިންޓް ހޯދައިފަ އެވެ. އާސެނަލް ވަނީ ލީގުގައި ޖެހިޖެހިގެން ތިން މެޗުން ބަލިވުމަށް ފަހު މިދިޔަ ބުދަ ދުވަހުގެ ރޭ ފަސޭހަކަމާ އެކު ޗެލްސީގެ ދަނޑުގައި މޮޅުވެފަ އެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި މެންޗެސްޓާ ޔުނައިޓެޑުން އާސެނަލްއާ ދެކޮޅަށް ނުކުންނަ މެޗު ފަށާނީ މިއަދު ހަވީރު ރާއްޖެ ގަޑިން 4:30 ގަ އެވެ.