24 އެޕްރީލް 2022 - 08:22

ތިންވަނަ ކައިވެންޏާ ކުރިމަތިލާން ޖެހުނީ ވަރަށް ބޮޑު ހިތްދަތިކަމަކާއެކު އެވެ. ރައްޓެހިވެގެން އުޅުނީ ނުކުޅެދުންތެރިކަން ހުންނަ، ތެލެސީމިއާ ކެރިއަރެއް އަދި އޭރުގެ ހާލަތުގެ ގޮތުން ވަޒީފާއެއް ވެސް ނެތް މީހަކާ އެވެ. ނަތީޖާއަކީ އައިޝަތު އާދަމް އަމިއްލަ މައިންބަފައިގެ ނުރުހުމާއި ހިތްދަތި ބަސްތަކާ ތާއަބަދަށް ކުރިމަތިލާން ޖެހުމެވެ.

ހާއްސަކޮށް މަންމަގެ ލޯބި އުމުރުގެ ބޮޑުބައިގައި މަހުރޫމް ވެފައިވާ އެ ޒުވާނާ އެކަމަކު އެ "ހަނގުރާމަ" އަށް ނުކުތީ މިހާރު އިނދެގެން ހަތަރު އަހަރުވެފައިވާ މުހައްމަދު ހާރިޝް ނުވަތަ އާންމުކޮށް މީހުން ކިޔާ ނަމުން ނަމަ އަބްދުﷲގެ ނުކުޅެދުންތެރިކަން އެއްފަރާތް ކުރުމަށް ފަހު އެވެ.

"އޭނާގެ ނުކުޅެދުންތެރި ކަމަކީ އަޅުގަނޑަށް އެއްވެސް މައްސަލައެއް ނޫން. ރައްޓެހިވެގެން އުޅުނުއިރު ވެސް މިހާރު ވެސް އަޅުގަނޑަށް އޭނާ ވަރަށް ކެއާ ކުރޭ،" އުމުރުން 26 އަހަރުގެ އައިޝާ ބުންޏެވެ.

ޅ. ހިންނަވަރަށް އުފަން އެކަމަކު ފަހުން މަންމަ ގއ. ވިލިނގިލިން މީހަކާ ކައިވެނި ކުރުމުން އެ ރަށަށް ދިރިއުޅުން ބަދަލު ކޮށްފައިވާ އައިޝާގެ ފިރިމީހާ އަބްދުﷲ، 35، އަކީ އެންމެ ކުޑައިރު އަމިއްލަ ބާރުގައި ހިނގުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހަކަސް އާއިލާގެ މަސައްކަތުން އޭނާ ވަނީ ހިނގޭވަރު ކޮށްފަ އެވެ. އެކަމަކު އެއްކޮށް އެކަން ރަނގަޅެއް ނުކުރެވެ އެވެ. އެހެންވެ، އަދިވެސް އަބްދުﷲ އުޅެން ޖެހިފައި ވަނީ އެ ނުކުޅެދުންތެރިކަމުގަ އެވެ.

ދެ މީހުން ރައްޓެހިވެގެން އުޅުނު އެއް އަހަރު ހޭދަކުރީ އައިޝާގެ މަންމަގެ ނުރުހުމުގަ އެވެ. ބަދު ބަސްތައް އަބަދު އިވެ އެވެ. އަބްދުﷲ ފަދަ އަމިއްލަ ހާލާއިގެން ނޫޅެވޭ މީހަކާއެކު އައިޝާ ކަހަލަ ޒުވާނަކު އުޅެން ފައި ވިއްދާފައި ހުރުމުން އަމިއްލަ އާއިލާގެ ތެރެއިން އޮތީ ނަފްރަތެވެ. ކޮންމެ ދުވަހަކު ވެސް ނުރުހުމުގެ ބަސްތައް އިވެ އެވެ. އެހާ ހިސާބަށް ވެސް މައިންބަފައިންގެ ލޯބިން އައިޝާ މަރުހޫމް ވެފައިވާއިރު، އަބްދުﷲ އާ ރައްޓެހިވެ، ކައިވެންޏާ ހިސާބަށް ދިއުމަކީ ފަސޭހަ ކަމަކަށް ނުވި އެވެ.

އެކަމަކު، އައިޝާގެ ހިތްވަރުން މިއަދު އެކަމުން އަރައިގެންފި އެވެ. މިހާރު އެއީ ކުޑަކުޑަ ދެ ކުދިންނާއެކު އުޅޭ ލޯބިލޯބި އާއިލާއެކެވެ. ތިންވަނަ ކުއްޖަކަށް އައިޝާ މިހާރު ވެސް އެ އިނީ ބަލިވެ އެވެ. ފުރަތަމަ ކުއްޖާގެ އުމުރުން ތިން އަހަރެވެ. ދެވަނަ ކުއްޖާ އަށް ދޮޅު އަހަރެވެ.

"ކައިވެނިކުރިއިރު [ފިރިމީހާގެ] ވަޒީފާއެއް ވެސް ނެތް. ދެހާސް ރުފިޔާ އިން [ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް ވާތީ ސަރުކާރުން ކޮންމެ މަހަކު ދޭ] އުޅުނީ. އަބްދުﷲ އާ އިނދެގެން މި ގެ އަށް އައިއިރު ލާނެ އެންމެ ހެދުމެއް ވެސް ނޯންނާނެ. ލާނެ އެއްވެސް އެއްޗެއް ނޯންނާނެ. އެ ދުވަހުން ފެށިގެން މިހާ ހިސާބަށް ހެދުމާއި ހުރިހާ އެއްޗެއް ވެސް ހޯދައިދިނީ އޭނާ. އަބްދުﷲގެ އާއިލާ ވަރަށް ރަނގަޅު،" ކުރިން ދެ ކައިވެންޏެއް ކޮށްފައިވާ އައިޝާ ބުންޏެވެ.

އަހަރެމެންގެ އިންޓަވިއުގައި އައިޝާއާ ވާހަކަ ދެއްކި ކޮންމެ ފަހަރަކު ވެސް އޭނާގެ ޖަވާބުތައް އަންނަނީ ގިސްލުމާއި ރުއިމާއެކު އެވެ. ކޮންމެ ޖަވާބަކުން ވެސް އެނގުނީ އޭނާގެ ދިރިއުޅުމުގައި ދިމާވި ކަންތައްތަކުން ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމެވެ. އެ ހިތްދަތި ދުވަސްތަކުގެ ހަނދާންތައް ސިކުނޑީގައި ހަރުލާފައިވާ ވަރު ބޮޑު ކަމެވެ. ހާއްސަކޮށް މަންމަގެ ލޯބި ނުލިބި ބޮޑުވުމުން އޭގެ އުނދަގޫ އޭނާ އަށް އަދިވެސް ކުރެ އެވެ.

"ކުޑައިރު ވެސް ވަރަށް ހިތްދަތިކަމުގައި މި ހިސާބަށް އައިސްފައި ހުރި މީހެއް މިއީ. މަންމަގެ ލޯބިން މަހުރޫމް ވެފައި ހުރީ. އެކަމަކު މަސައްކަތް ކުރިން މަންމަގެ ލޯބި ލިބޭތޯ. ބޮޑުވީ ބައްޕަ ކައިރީގައި، ދޮންމަންމަ ކައިރީގައި. އަޅުގަނޑަށް އެހީތެރިވެދިނީ އޭނާ [މިހާރުގެ ފިރިމީހާ އަބްދުﷲ]. އެ ތަނުން އަޅުގަނޑު ސަލާމަތް ކޮށްދިނީ ވެސް އޭނާ،" އައިޝާ ބުންޏެވެ.

"ފިރިމީހާ ދެކެ ވަރަށް ލޯބިވޭ. އަޅުގަނޑު ބުނާ ކޮންމެ ކަމެއް ހިތުން ރުހުމުން ކޮށްދޭ. ދަރިންގެ ކަންތަކާ ހެދި ވަރަށް އުޅޭ."
މަންމަގެ ދިރިއުޅުމުގައި ދިމާވި ކަންތައްތަކާ ހެދި އެ ލޯބި، އައިޝާ އަށް އެއްކޮށް ގެއްލިފައިވާތާ އެތައް ދުވަހެއް ވެއްޖެ އެވެ. ދެ ކައިވެނި ރޫޅި ނަސީބު ދިމާކުރި ގޮތުން ކަމަށް ވިޔަސް އެ ދެ ކައިވެންޏަށް ދަރިން ނުލިބި ތިންވަނަ ކައިވެނީގެ ފޮނިމީރުކަން މިއަދު އޭނާ އަށް ލިބޭތީ އަމިއްލަ މައިންބަފައިންނާ މެދު މިއަދު ވިސްނާކަށް ބޭނުމެއް ނުވެ އެވެ. އެ ލޯބި އެންމެ ބޮޑަށް ބޭނުންވި އިރު އެއްކޮށް ގެއްލުމުން އެ ހިސާބުން މިހާރު އޭނާ ހުރީ އެ ހުރިހާ ކަމެއް ހަނދާން ނައްތާލައިފަ އެވެ.
"މަންމަގެ ލޯތްބަށް އުންމީދެއް ނުކުރަން،" އައިޝާ ބުންޏެވެ.
އައިޝާ އަށް ދެވަނަ ކުއްޖާ ލިބުނު ފަހުން މަންމަ ކޮންމެވެސް ވަރަކަށް ވާހަކަ ދެއްކިޔަސް މިހާރު އެ ގުޅުން ވަނީ އެއްކޮށް އަނެއްކާ ކެނޑިފަ އެވެ. އެއްބަފާ ކުދިން އައިޝާގެ ހާލު ދޭތެރެއަކުން ބަލަ އެވެ. ދެން އޭނާ އަށް ހުރިހާ ލޯތްބަކާއި އަޅާލުމެއް ލިބެނީ ފިރިމީހާ އަބްދުﷲ އާއި އެ އާއިލާ އިންނެވެ.
އައިޝާގެ ސްކޫލަށް ދާ އުމުރުގެ ކުއްޖާ ސްކޫލަށް ގެންގޮސް، ބަލައި ދިއުމަކީ ފެށުނީއްސުރެ އަބްދުﷲގެ އެއްބަނޑުއެއްބަފާ އެންމެ ހަގު ކޮއްކޮގެ ކަމެކެވެ. އެ ކަން އެހެން މީހަކަށް ނުޖައްސަ އެވެ. އެހާ ވެސް އަބްދުﷲގެ އާއިލާގެ އެހީތެރިކަން އައިޝާ އަށް ބޮޑެވެ.
"އޭގައި އޮންނާނީ އަންހެންމީހާގެ އެހީތެރިކަން އެ މީހާ އަށް ލިބުން. އެއީ ލިބޭ ބޮޑު ހިތްވަރެއް ކޮންމެ މީހަކަށް ވެސް. އަޅުގަނޑު އެކަންޏެއް ނޫން ނުކުޅެދުންތެރިކަން ހުންނަ މީހަކާ އިނދެގެން ދިރިއުޅެނީކީ ވެސް. އަޅުގަނޑަށް ލިބޭ ޝަރަފެކޭ އަޅުގަނޑު ބުނާނީ [ނުކުޅެދުންތެރިކަން އުޅޭ މީހަކާ އިނދެގެން އުޅުމަކީ]."
އަބްދުﷲ އަށް އައިޝާގެ ފަރާތުން ދެމުން އަންނަ ލޯތްބާއި އަޅައިލުން އެންމެ ގާތުން ފެންނަ މީހަކީ އަބްދުﷲގެ މަންމަ ޖުވޭރިޔާ ނަޖީބެވެ. ކުޑައިރު އަބްދުﷲ ގެންގުޅެން ޖެހުނު އުނދަގޫތައް އެ މަންމަ އަށް އަދިވެސް އިހުސާސް ކުރެވޭއިރު، މިއަދުގެ އުފަލަކީ އަނބިމީހާ ފަރާތުން އެ ދޭ ލޯތްބެވެ.
"މަގޭ ދަރިއެއްގެ ގޮތުގައި މަ އެ ކުއްޖާ [އައިޝާ] ވެސް ގެންގުޅެނީ. އޭނާ އަށް އުނިވާނެ އެއްވެސް ކަމެއް ނުކުރާނަން. މަގޭ ކުދިން ވެސް ވަރަށް ލޯބިވާނެ އޭނާގެ [އަބްދުﷲ] އަންހެނުން ދެކެ. އެ ކުދިން [އަބްދުﷲ] ގެ ކުދިން ބަލާނީ ވެސް. ވަރަށް ލޯބިން އުޅޭނީ،" ޖުވޭރިޔާ ބުންޏެވެ.
"އަބްދުﷲ އަންހެނުންނަށް ވެސް އަހަރެންގެ ކުދިންނަށް ވެސް އެއްވަރަކަށް ކަންތައް ކޮށްދެނީ. އެއްވެސް ކުއްޖަކު ތަފާތެއް ނުކުރަން."
އަބްދުﷲ ވަޒީފާއެއް ނުލިބި ގޭގައި ހުރި ތިން އަހަރެއްހާ ދުވަހު އެ މީހުންގެ ހަރަދުތައް ބެލެހެއްޓީ ވެސް އަބްދުﷲގެ މަންމަ އާއި އެއްބަނޑުއެއްބަފާ މީހުންނެވެ. އެއްވެސް މީހަކު ތަފާތެއް ނުކުރެ އެވެ. ޝަކުވާއެއް ނެތެވެ.
މަންމަ ބުނާ ގޮތުން ނަމަ އަބްދުﷲ އަށް ލިބިފައިވަނީ އޭނާ އެންމެ ބޮޑަށް ލޯބިވާ، "އެންމެ ރަނގަޅު ކުއްޖާ" އެވެ.
"މަގޭ ފަރާތުން އެ ކުއްޖާ އަށް [އަބްދުﷲ އަންހެނުން އައިޝާ] ނުލިބޭނެ އިރާދަކުރެއްވިއްޔާ ހިތްދަތިކަމެއް. ލިބޭނީ އަދިވެސް އުފާވެރިކަން. މަންމަގެ ލޯބި ދެމުން މިދަނީ. އޭނާ [އަބްދުﷲ] ރައްޓެހިވި ދުވަހުން ފަށައިގެން އަދިވެސް [އަބްދުﷲ ގެ އަންހެނުން އައިޝާ އަށް] މިދެނީ މަންމަގެ ލޯބި. ވަރަށް ވަރަށް ބޮޑަށް ލޯބިވޭ،" އަބްދުﷲގެ މަންމަ ބުންޏެވެ.
އަބްދުﷲ ވިހެއިރު އޮތީ ދެ ފައި ވެސް ލެނބިފަ އެވެ. ފައިތިލަ ހުރީ ތަތްލަވާފައި ކަހަލަ ގޮތަކަށެވެ. ދެ ފަޔާއި އިނގިލިތައް ވެސް ވަރަށް ހިމަ އެވެ. އަބްދުﷲ ގެ އުމުރުން 11 އަހަރު ވަންދެން އޭނާ ސްކޫލަށާއި ޓިއުޝަން ފަދަ ތަންތަނަށް ގެންދަން ޖެހުނީ އުރާލައިގެންނެވެ. އުމުރުގެ އެ ހިސާބާ ހަމައަށް ހިނގަން ޖެހުނީ ހަތަރެސްފައި ޖަހައިގެން، ގުދަށް އޮވެގެންނެވެ.
"ވަރަށް ހާލުގައި އޭނާ ގޮވައިގެން އުޅެން ޖެހުނީ. ފެންވަރުވަން ވެސް އާއިލާތަކުންނާއި މީހުންގެ އެއްބާރުލުމާއެކު. އޭނާގެ ދައްތަ އާއި ބޭބެ ބޮޑަށް އުޅުނީ. އަހަރެން ނެތް ދުވަސްވަރު ވެސް އެ މީހުން އަބްދުﷲ ބެލީ ވެސް. އުރާލައިގެން ހުރިހާ ތަނަކަށް ދަނީ. އޭރު ވެސް ވަރަށް ބަލިކޮށް އުޅޭނީ. ގޮވައިގެން އޭރު އުޅެން ވަރަށް އުނދަގޫވާނެ،" މަންމަ ޖުވޭރިޔާ، 55، ބުންޏެވެ.
އަބްދުﷲ ރަނގަޅު ކުރެވޭތޯ ބަލަން މާލޭގައި ތިން އަހަރު މަޑުކުރަން ޖެހުނެވެ. ޑޮކްޓަރީ ބޭހުގެ އިތުރުން ދިވެހި ބޭސްކުރި އެވެ. ރާއްޖެ އިން ބޭރަށް ގެންދިއުމުން އެންގީ ބޮޑު އޮޕަރޭޝަނެއް ކުރާށެވެ. ނަމަވެސް އޮޕަރޭޝަނަށް ފަހު ވެސް އަބްދުﷲ އަށް ނުހިނގޭނެ ކަމަށް އާއިލާ އަށް ގަބޫލު ކުރެވުމުން އެކަން ހުއްޓާލީ އެވެ.
"ގައްދަޑުގޭ ލަތީފު ލައްވައި ބޭސްކުރުވީ. އެ ބޭސް ހަދައިގެން ދެން ރަށަށް އައިސް ތެޔޮ އުނގުޅައި ކަންތައް ކުރީ. ގަދަކަމުން ހިންގުވީ. ބައްޕައާ އެއްބަނޑު ބޮޑުބޭބެގެ މަސައްކަތުން ހިންގުވީ. ހުރިހާ މަސައްކަތެއް ވެސް އަބްދުﷲ އަށް ދަސްކޮށްދިނީ އެ ބޭބެ،" މަންމަ ބުންޏެވެ.
އަބްދުﷲ އަށް ހިނގޭވަރުވީ މުޅި އާއިލާގެ އެންމެންގެ މަސައްކަތުންނެވެ. އެއްވެސް މީހަކު ހިތްވަރު އެލުވައެއް ނުލަ އެވެ. މަންމަ އެންމެ ސިކުންތަކަށް ވެސް އުންމީދު ކަނޑައެއް ނުލަ އެވެ.
މިއަދު އެ މަންމަ އެންމެ އުފާވަނީ އަބްދުﷲ އަމިއްލަ މަސައްކަތުން ވަޒީފާ އަށް ގޮސް ލިބޭ އާމްދަނީން އުޅެން ފެށުމުންނެވެ. ކޮންމެ މަހަކު އަބްދުﷲ އަށް ލިބެނީ އަށެއްކަ ހާސް ރުފިޔާ އެވެ. ފޯނު ބިލާއި އެހެނިހެން ހަރަދުތައް ކޮށްފައި ކިރިޔާ އުޅެވެނީ އެވެ. އެކަމަކު، އެ މަންމަގެ މިއަދު އުފަލަކީ އެ ލިބޭ ފައިސާކޮޅުން ކަންކަން ވީ ވަރަކުން ހަމަޖައްސާތީ އެވެ.
އަބްދުﷲ އަށް ހިނގޭވަރުވިޔަސް އުޅޭ ހާލު ފެނިފައި މަންމަގެ ހައިސިއްޔަތުން ރޮވޭވަރުވެ އެވެ. ހިނގުމުގައި އަދިވެސް އުނދަގޫތަކެއް ހުންނާތީ އެވެ.
"ބަލިކޮށް އުޅޭތީ، ހިނގައިބިނގާވެ އުޅެން އުނދަގޫވާތީ މައްސަލައަކީ. ބޫޓު ނޫން އެހެން އެއްޗަކަށް ވެސް ނޭރޭ. ރައްޓެއްސަކަށް ގޮވައިގެން ގެނެސް ވަޒީފާ އަށް ވެސް ދަނީ."
އަބްދުﷲ ވަނީ މާޒީގައި ދިމާވި އެ ކަންކަން މިހާރު ހަނދާން ނައްތާލައިފަ އެވެ. އައިޝާގެ މައިންބަފައިންގެ ފަރާތުން ކުރިމަތިވި ކަންތައްތަކުގެ ވާހަކަ ދައްކާކަށް ވެސް އަބްދުﷲ ބޭނުމެއް ނޫނެވެ.
"މިހާރު އޯކޭ. އަބަދުވެސް ދާން ބޭނުންވަނީ ކުރިއަށް،" އެ ވާހަކަތައް އިތުރަށް ދައްކަން ބޭނުން ނުވާ މޫޑެއްގައި އިނދެ އަބްދުﷲ ބުންޏެވެ.
އަބްދުﷲ އަކީ މިހާރު ފެނަކަ، ވިލިނގިލި ބްރާންޗުގެ ޓެކްނީޝަނެކެވެ. ފެނަކައިގެ ވަޒީފާ ހޯދަން ތިން ބުރެއްގެ މަތިން ސިޓީ ލައިގެން އެންމެ ފަހުން ކާމިޔާބުވީ މިދިޔަ އަހަރެވެ. އާއިލާގެ މީހުންނަށް ލިބޭ އެއްޗަކަށް ކުރިން ބަލައިގެން އުޅުނު އަބްދުﷲ މިހާރު އުޅެނީ އަމިއްލައަށެވެ. އެކަމަކު، ފެނަކައިން ލިބޭ އެއްޗަކުންނާއި އަމިއްލަ މަސައްކަތް ކޮށްގެން ލިބޭ އާމްދަނީން އަނބިމީހާ އާއި ދެ ކުދިންގެ ހަރަދު ކިރިޔާ ދެކޮޅު ޖެހެނީ އެވެ. ފެނަކަ އިން ވަޒީފާ ނުލިބި ދިޔަ ދުވަސްތަކުގައި ވެސް މީސްމީހުން ކައިރީގައި ކިޔައިގެން މަސަައްކަތް ހޯދި އެވެ.
އޭނާގެ ހުރި ނުކުޅެދުންތެރި ކަމަކަށް ބަލާނެ ކަމެއް ނެތެވެ. ފެނަކައިގެ ރަސްމީ ވަޒީފާއަކީ ރީޑިން އާއި ލޮގް ނެގުން ކަަމަށް ވިޔަސް އެއީ ހީވާގި މަސައްކަތްތެރިއެކެވެ. އަހަރެމެން ފެނަކަ އޮފީހަށް ދިޔައިރު ވެސް އުޅެނީ އެ ތަނުގެ ފުރާޅެއްގެ ޓިނު ނަގައި އަލުން ޖެހުމުގެ މަސައްކަތުގަ އެވެ. އޮފީހުން ތަކެތި ދިނުމުން އެ ކަހަލަ ހުރިހާ މަސައްކަތެއް ވެސް އޭނާ ކުރެ އެވެ. އުސް ތަންތަނަށް އަރަން ޖެހުނަސް އެއީ މާ ބޮޑު ކަމެއް ނޫނެވެ. ފެނަކަ، ވިލިނގިލި ބްރާންޗުގައި އެފަދަ ކިތަންމެ ތަނެއްގައި ޓިނު ޖެހީ އަބްދުﷲ އެވެ.
އަބްދުﷲ އާއި މަންމަ އަދި އެއްބަނޑުއެއްބަފާ މީހުން ދިރިއުޅޭ ގެ ސީލިންކޮށް، ގޭގައި ޓިނުޖަހައި، ކަރަންޓާއި ފެން ވަޔަރު ވެސް ކުރީ އަބްދުﷲ ގެ އަމިއްލަ މަސައްކަތުންނެވެ. އެހެން މީހަކަށް އޭނާ ކަމެއް ނުޖައްސަ އެވެ.
އައިޝާ ބުނާ ގޮތުން ނަމަ ފިރިމީހާ އަބްދުﷲ އަކީ ނުކުޅެދުންތެރިކަން ހުރި މީހަކަސް އޭނާއާ މެދު ފަހުރުވެރިވުން ހައްގެވެ. މީހުން ކިޔާނެ އެއްޗަކަށް، ކުރާނެ މަލާމާތަކަށް ބަލާކަށް މިއަދު އައިޝާ ބޭނުމެއް ނުވެ އެވެ.
"އަބްދުﷲ އާ އިނދެވުމަކީ އަހަރެންނަށް ލިބުނު އެންމެ ބޮޑު ޝަރަފު،" އައިޝާ ބުންޏެވެ.
މި ދެމަފިރިން އަދި އަބްދުﷲ ގެ މަންމަ ޖުވޭރިޔާގެ ވާހަކައިން ވެސް އެންމެ ބޮޑަށް އެނގުނު ކަމަކީ އުފާވެރި ދިރިއުޅުމެއްގައި އެ ދެ މީހުން އުޅުނަސް މިހާރު މަދުވަނީ އެންމެ އެއްޗެއް ކަމެވެ. އެއީ އަބްދުﷲ ތަންތަނަށް ގޮސް އުޅޭނެ ދުއްވާ އެއްޗެކެވެ. އައިޝާ ވެސް އެންމެ ބޮޑަށް ބޭނުންވަނީ އެފަދަ އެހީތެރިކަމެކެވެ.
"އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް އޭނާ އަށް ދުއްވާ އެއްޗެއް ލިބުމަކީ. އޭނާ ވެސް ބޭނުންވާނެ ދަރިންނާއި އަންހެނުން ގޮވައިގެން ދުއްވާލަން ދާން. އެފަދަ ގޮތެއް ނެތީމާ ނުގަނެވިފައި މި ތިބީ،" އައިޝާ ބުންޏެވެ.
އަބްދުﷲ މިހާރު ވަޒީފާ އަށް ދާން ޖެހުނަސް އަދި އެހެން ތަނަކަށް މަސައްކަތެއް ކޮށްލަން ވިޔަސް ޖެހެނީ މީހެއްގެ އިންތިޒާރުގައި ހުންނާށެވެ. މީހެއްގެ ސައިކަލެއްގެ ފަހަތުގައި ނޫން ގޮތަކަށް އޭނާއަކަށް ނުދެވެ އެވެ.
"ގެއިން ބްރާންޗަށް ދިއުން ވެސް އަވަސް ވެފައި، ފަސޭހަ ވެފައި، އެހެން އެ ނޫން ކަންތައް ވެސް ވަރަށް ފަސޭހަވާނެ. ފިހާރަތަކަށް ދާން ވިޔަސް، ބަނދަރުމައްޗަށް ދާން ވިޔަސް،" ދުއްވާ އެއްޗެއްގެ އުންމީދުގައި ހުރި އަބްދުﷲ ބުންޏެވެ.
އޭނާއަކީ ރަސްމީ ވަޒީފާގެ އިތުރުން އެހެން މަސައްކަތްތައް ވެސް ކުރާ މީހަކަށް ވާތީ ދެން އޮތީ ސާމާނުގެ ދަތިކަމެވެ. އެހެންވެ، ޖެހެނީ ރައްޓެހިން ކައިރީގައި ބުނެގެން ތަކެތި ހޯދާށެވެ. އެއީ ކޮންމެ ފަހަރަކު އަބްދުﷲ އަށް މާ ފަސޭހަ ކަމަކަށް ވެސް ނުވެ އެވެ.
އޭނާ އަމިއްލަ ގޮތުން ރަސްމީކޮށް ކުރާ ކަމަކީ ފެން ވަޔަރިން އާއި ކަރަންޓް ވަޔަރިން އަދި އޭސީ ސާވިސް ކޮށްދިނުމުގެ މަސައްކަތެވެ. ދެން ހޮބީއަކީ އެކި ފާޑުފާޑުގެ ދޫނިތަކާއި މަސްތައް ގެންގުޅުމެވެ.
އަބްދުﷲ އަކީ ހަގީގަތުގައި ވެސް ނަމޫނާ ދަރިއެކެވެ. ބަލައިގަންނަން ރަނގަޅު ބަފައެކެވެ. އެންމެ ފުރަތަމަ ލޯބިވި މީހާގެ މަތިން ދުވަހަކު ވެސް ހަނދާން ނައްތާނުލާނެ ކަމުގެ ހުރިހާ ކަމެއް އޭނާގެ ކިބައިގައި އެބަހުއްޓެވެ. އަބްދުﷲ ގެނުކުޅެދުންތެރިކަމަކީ އައިޝާ އަށް އެއްވެސް މައްސަލައެއް ނޫނެވެ. އެ ކަމާ ގުޅުވައިގެން ކުރިމަތިވި ހުރިހާ ގޮންޖެހުންތައް އެއްފަރާތް ކޮށްފައި މިއަދު އައިޝާ ވެސް އެ ހުރީ ހަގީގަތުގައި އުފަލުގަ އެވެ. ފިރިމީހާގެ މަންމަ އާއި އާއިލާގެ އެންމެން ވެސް އައިޝާ ދެކެ އެހާ ލޯބިވެ އެވެ.
ނޯޓް: އަބްދުﷲ އަށް އެހީތެރިވާން ބޭނުންވާ މީހުން 7962991 ގުޅުމުން އެ ކަން ހަމަޖެހޭނެ އެވެ.