23 އެޕްރީލް 2022 - 05:41

އަފްޣާނިސްތާނުގައި ވެރިކަން ކުރާ ތާލިބާން ޖަމާއަތުން އެ ގައުމުގައި ޓިކްޓޮކާއި ޕަބްޖީ ގޭމް މަނާކޮށްފި އެވެ.
އެ ޖަމާއަތުން މިދިޔަ ބުރާސްފަތި ދުވަހު ބުނީ އަފްޣާނިސްތާނުގައި އެ ދެ އެޕް މަނާކުރަން ޖެހުނީ ޒުވާނުން މަގުފުރެދޭތީ ކަމަށެވެ. އެ ގައުމުގައި ގިނަ އަދަދެއްގެ ޒުވާނުން ޓިކްޓޮކާއި ޕަބްޖީ ބޭނުންކުރެ އެވެ.
ތާލިބާނުން ވެރިކަމަށް އެރި ފަހުން އެ ގައުމުގައި މޯބައިލް އެޕެއް މަނާކުރި މިއީ އަދި ފުރަތަމަ ފަހަރެވެ.
ޓީވީތަކުން ބޭއަދަބީ އެއްޗެހި ދައްކާ ނަމަ، މަނާކުރާނެކަމުގެ އިންޒާރު އަނެއްކާ ވެސް އެ ޖަމާއަތުން ވަނީ ދީފަ އެވެ. އަދި އެ ނިންމުން އައިސްފައި ވަނީ އެ ގައުމުގައި ލަވަޔާއި ފިލްމާއި އަދި ޓީވީ ސިލްސިލާތައް ދެއްކުން މަނާކުރިތާ ކުޑަދުވަސްކޮޅެއްވީ ފަހުންނެވެ.
ތާލިބާން ޖަމާއަތުގެ ތަރުޖަމާނު އިނާމުﷲ ސަމްޖާނީ ބުނީ އެ ނިންމުމަކީ ޒުވާނުން ހަލާކުވެގެން ދިއުން ހުއްޓުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
އެމެރިކާ ސިފައިން އަފްގާނުން ފައިބައިގެން ދިއުމާ އެކު، ތާލިބާނުން ވެރިކަމާ ހަވާލުވެ ވަނީ އެ ގައުމުގައި އަންހެނުންނަށް ވެސް ގިނަ ހުރަސްތަކެއް އަނެއްކާ ވެސް ކުރިމަތިކޮށްފަ އެވެ. ކިޔަވައިދޭނެ ޓީޗަރުން ނެތް ކަމަށް ބުނެ، އެ ގައުމުގައި ތައުލީމު އުނގެނެން އަންހެން ކުދިންނަށް އޮތް ފުރުސަތު ވެސް ވަނީ ބަންދުކޮށްފަ އެވެ.