23 އެޕްރީލް 2022 - 05:52

އިނގިރޭސި ލަވަކިޔުންތެރިޔާ އެޑް ޝީރާން އޭނާގެ ލަވަތަކުން އެކި ކަހަލަ ޑޮނޭޝަންތައް ހޯދައިގެން ޔުކްރެއިންގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީވާން ފަށައިފި އެވެ.
އެޑް ޝީރާން އެންމެ ފަހުން ނެރުނު ލަވައިގެ މިއުޒިކް ވީޑިއޯގެ ޝޫޓްކޮށްފައި ވަނީ ވެސް ޔުކްރެއިންގަ އެވެ.
"ޓޫ ސްޓެޕް" ކިޔާ ލަވައެއްގެ ޝޫޓިން އަށް އެޑް ޝީރާން، ޔުކްރެއިންގެ ކީވް އަށް ދިޔައީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެއީ ރަޝިއާ، ޔުކްރެއިން ހަނގުރާމަ ފެށުމުގެ ކުޑަދުވަސްކޮޅެއް ކުރިންނެވެ.
އެ ލަވައިގެ މަސައްކަތް ނިމުނީ އަދި ކިރިޔާ އެވެ. އެ ލަވައާ ގުޅޭގޮތުން "އީ! އޮންލައިން" އަށް މައުލޫމާތު ދެމުން ޝީރާން ބުނީ އެ ލަވައިން ލިބޭ ހުރިހާ އާމްދަނީއެއް ދޭނީ ޔުކްރެއިންގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ކަމަށެވެ.
މިހާރު އެ ލަވައިގެ ވީޑިއޯ ރިލީޒްކޮށްފައިވާއިރު، އެ ލަވައިގެ އިތުރުން އޭނާގެ ކުރިއަށް އޮތް ލަވަތަކުން ވެސް ލިބޭ އާމްދަނީން ކޮންމެވެސް މިންވަރެއް ޔުކްރެއިންގެ މީހުންނަށް އެހީގެ ގޮތުގައި ދޭން އޭނާ ވަނީ ނިންމައިފަ އެވެ.