ވިކްޓަރީގެ ބޯޑުގެ އިންތިހާބަށް ކުރިމަތިލާން ހުޅުވާލައިފި
ވިކްޓަރީގެ ބޯޑުގެ އިންތިހާބަށް ކުރިމަތިލާން ހުޅުވާލައިފި

ފުޓުބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައިވާ، ވިކްޓަރީ ސްޕޯޓްސް ކްލަބުގެ އިންތިހާބު އިއުލާންކޮށް، ބޯޑުގެ މަގާމުތަކަށް ކުރިމަތިލާން ހުޅުވައިލައިފި އެވެ.

ވިކްޓަރީގެ އިންތިހާބު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރެ އެވެ. އިންތިހާބަށް ކުރިމަތިލުމުގެ އެންމެ ފަހު ދުވަހަކީ އަންނަ ބުރާސްފަތި ދުވަހު އެވެ.

ވިކްޓަރީ އަށް އެންމެ ފަހުން އިންތިހާބުކުރި ޗެއާމަން، ޑރ. އިބްރާހިމް ނަޝިދު އާއި އޭނާގެ ބޯޑުގެ މެންބަރުން މަގާމުން އިސްތިއުފާ ދިނުމުން، ވިކްޓަރީގައި މި ވަގުތު ބޯޑެއް ނެތެވެ. އެކަމަކު އިންތިހާބުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އިންޓަރިމް ޗެއާމަނެއްގެ ގޮތުގައި ކުރިން އެ ޓީމަށް ކޯޗުކޮށްދިން މުހައްމަދު އާދަމް ވަނީ ހަމަޖައްސައިފަ އެވެ.

ހޯމް އެންޑް އަވޭ އުސޫލުން 2023-2024 ގައި ފަށާ ދިވެހި ޕްރިމިއަ ލީގުގެ ފޯމެޓް އެކުލަވާލުމުގެ މަސައްކަތް އެންމެ އިސްކޮށް ކުރެއްވި، މުހައްމަދު ބުނި ގޮތުގައި އިންތިހާބަށް އިއުލާންކޮށް މަގާމުތަކަށް ކުރިމަތިލާން ހުޅުވާލީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ.

"ކްލަބުގެ އަސާސީ ގަވާއިދުގައި ބުނެފައި ވަނީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލުމަށް ފަހު މަދުވެގެން 10 ދުވަސް ދޭންވާނެޔޭ،" އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ދުވަސްވަރު އެ އެސޯސިއޭޝަންގެ ޖެނަރަލް ސެކްރެޓަރީގެ މަގާމު އަދާކުރެއްވި މުހައްމަދު ބުންޏެވެ.

"އަޅުގަނޑުމެން މިހެދީ 28 އަކީ އިންތިހާބަށް ކުރިމަތިލުމުގެ އެންމެ ފަހު ދުވަހުގެ ގޮތުގައި. އަދި އިންތިހާބު ބާއްވާ ދުވަހަކަށް 29 މި ހަމަޖެއްސީ."

އެފްއޭއެމުން ވިކްޓަރީ ސަސްޕެންޑްކުރީ އޮކްޓޯބަރު 2019 ގަ އެވެ. އެއީ ލޯކަލް ކުޅުންތެރިންނަށް މުސާރަ ދީފައިނުވުމާއި ކްލަބް ލައިސެންސްގައި ބުނެފައިވާ ކަންކަން ފުރިހަމަކޮށްފައި ނުވުމެވެ. ވިކްޓަރީ ސަސްޕެންޑް ކުރުމުން ޖެހިގެން އައި ސީޒަންގައި ވާދަކުރުމުގެ ފުރުސަތު ނުލިބުމުން އެ ޓީމު ވަނީ ދެވަނަ ޑިވިޝަނަށް ރެލިގޭޓްވެފަ އެވެ.

ފުޓްބޯޅައިގެ ހަރަކާތްތަކުގައި ވިކްޓަރީ އަށް ބައިވެރި ވެވޭނީ، އެޓީމުގެ ދަރަނި އަދާކުރުމުގެ އިތުރަށް، ޓީމުގެ ސަސްޕެންޝަން އުވާލުމަށް އެފްއޭއެމްގެ ކޮންގްރެސްއިން ފާސް ކުރުމުންނެވެ. އިންތިހާބުކުރާ އާ ހިންގާ ކޮމިޓީ އަށް އެންމެ ބޮޑު މަސައްކަތަކަށް އޮންނާނީ އެޓީމުގެ ދަރަނިތައް އަދާކޮށް ސަސްޕެންޝަނުން ނެގުމަށް މަސައްކަތް ކުރުމެވެ.

ވިކްޓަރީގެ އިންތިހާބު އެންމެ ފަހުން ބޭއްވީ، ޑިސެމްބަރު 2018 ގަ އެވެ. ގަލޮޅު މަދަރުސާގައި ބޭއްވި އިންތިހާބުގައި ޗެއާމަނަކަށް ވަޑައިގެން ނާޝިދު ވިދާޅުވީ ބިޒްނަސް މޮޑެލް އަށް ހިންގާ ކްލަބަކަށް ވިކްޓަރީ ބަދަލު ކުރާނެ ކަމަށެވެ. އޭރު އިންތިހާބުކުރި ބޯޑުގެ ދައުރު ހަމަވާން އޮތީ މި އަހަރުގެ ޑިސެމްބަރު މަހު އެވެ. އޭރު ބޭއްވި އިންތިހާބުގައި ނާޝިދުގެ ނައިބުންގެ ގޮތުގައި އިންތިހާބުކުރީ ވިކްޓަރީގެ ކުރީގެ ކެޕްޓަން އަދި ކޯޗު މައުރޫފް އަހްމަދާއި މުހައްމަދު ހަމީދު (އުމަރުބެ) އެވެ. ފަހުން ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމަށް ވަޑައިގަތުމަށް، މައުރޫފް މަގާމުން އިސްތިއުފާ ދެއްވި އެވެ.