24 އެޕްރީލް 2022 - 10:18

(އިއްޔެ އާ ގުޅޭ)
އަރައިގެން އައި އިރާއެކު ދަލޭކަ ހޭލީ މުޅިން އާ ހަޔާތަކަށެވެ. ނުކުތީ މިނިވަން ދުނިޔެއަކަށެވެ. ހަސަންތަކުރު ފުރައިގެން ދިޔައީ ދަލޭކަގެ މިނިވަންކަމަށްވާ އަގު ކަސްބީ ގަނޑުވަރުގެ ވަޒީރަށް ރަން ފޮތި ފައިސާއިން ހަލާސްކޮށްފައެވެ. އެކަން އެނގުމުން އެންމެ ފުރަތަމަ ވެސް ދަލޭކަ އަށް ދުއްވައިގަނެވުނީ ހަސަންތަކުރު ހޯދާށެވެ. އޭރު ބޮކަރު ނަވެއްގައި ފުރައިގެން ގޮސް ހަސަންތަކުރު ކަނޑަށް ނުކުމެއްޖެއެވެ.
ދެ މީހުން އަލުން ބައްދަލުވީ އޭގެ ބަރާބަރު ބައްތިރީސް ދުވަސް ފަހުންނެވެ. އޭގެ މާ ކުރިން ހަސަންތަކުރު ދަލޭކަ އަށް ފޮނުވި ލޯބީގެ ސިޓީއެއްގައި މި ދަތުރެއްގެ ޚަބަރު ދީފައި އޮތުމުން ދެން އައި ރޭތަކުގައި ދަލޭކައަށް ރަނގަޅަކަށް ނުވެސް ނިދުނެވެ. އަރައިގެން އައި އިރާއެކު ނަލަހެދިގެން ގޮސް އަތިރިމަތީގައި ހުރި ރުކެއްގެ ފިނި ހިޔަލުގައި އޭނާ ޖައްސާލީ ލޯބީގެ އެ ސިޓީ ވެސް ހިފައިގެންނެވެ. އަނެއްކާވެސް ފެށިގެން ނިމެންދެން ކިޔާލި އެވެ. އެއަށް ފަހު އަލުން ފަށައިގެން ގޮސް އަނެއްކާވެސް ނިންމާލިއެވެ.
"ޒުހުރަތު ތަރިއަށް ވުރެ ވެސް ތިޔަ ހިނިތުންވުމުގެ ބާރުގަދައެވެ."
"ހަނދު ވެސް ލަދުން ގޮސް ފިލީ އެވެ. ހަނދު އެނބުރި ނަޔަސް މަށަށް ވަރިހަމައެވެ."
"ތިބާގެ އުނގުގައި އޮވެ މި ހިތް ފުރިއްޖެއެވެ."
އެކަމަކު ދެން ވެސް ދަލޭކަގެ ހިތް ފުރޭ ގޮތެއް ނުވި އެވެ. ބޮކަރު އޮޑީގެ ކަތިރިޔަލުގެ ގަދަ ރަތް ކުލަ، ދުރުން، މާ ދުރުން ދައްކާލިއިރު ވެސް ދަލޭކަ އިނީ ސިޓީއަށް ގެނބި ގެއްލިފަ އެވެ. އެއްލި ކަޅިއަކުން ލޮލުގައި ހަސަންތަކުރުގެ އޮޑި އަޅައިގަތުމާއެކު ސިޓީ ފަށްޖަހައި ލިބާހުގެ ޖީބަށް ކޮށްޕާލަމުން ދަލޭކަ ތެދުވެ ވެލިފޮޅާލިއެވެ. ދުރުން ފެންނަމުން ދިޔަ ބޮކަރު އޮޑި ރަށާ ގާތްވަމުން ދިޔަވަރަކަށް އޭނާގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. ފެންފައިވާނުގެ ދެ ކިބަ އަތަށް ނަގައިގެން ދުއްވައިގަނެވުނެވެ.
ހަސަންތަކުރު ހުރީ ކައްޕިތާނެއްގެ ހިތްގައިމު ޔުނީފޯމުގައެވެ. ބޯކިރު ކުލަ އާއި ގަދަ ރަތްކުލަ އާއި ކަޅު ކުލަ އާއި ރަންކުލަތަކެވެ. އޭނާއާ އެކު ބޮކަރު އޮޑިން އައީ މީގެ ކުރިން ރަށަށް ނާންނަވަރުގެ މަތީ ވަފުދެކެވެ. އެންމެން ވެސް ތިއްބެވީ އެމީހުންގެ ރަސްމީ ޔުނީފޯމުކޮޅު ތުރުކުރައްވައިގެންނެވެ. އެންމެ އިސްކޮށް ހުންނެވީ ހަތަރު އަތޮޅުގެ ތަހުތުގެ ވެރިޔާ މާލިމީ ކަލޭފާނެވެ. އެ ބޭކަލުން ރަށާ ހަމަ އަށް ގެނެސްދިނީ ނުހަނު މޮޅަށް ޒީނަތްތެރިކޮށްފައިވީ ފަލީގެ ބޮއްކުރާތަކެއްގައެވެ.
މި މަންޒަރު ބަލަން ދިއްގާ ގަހެއްގެ ފިނި ހިޔަލުގައި ދަލޭކަ މަޑުކޮށްލައިގެން ހުރިއިރު ރަށުގެ ކަމުވޮށިގެންވާ ގިނަ އަދަދެއްގެ ބަޔަކު އިސްތިގުބާލަށް އެއްވެ ތިއްބެވެ. ކަސްބީ އަންހެނަކަށް އެތަނުން ޖާގަ ނުލިބޭނެކަން އެނގޭ ހާލުގައި އެ މަންޒަރު ބަލަން ދަލޭކަ އިންނަން ޖެހުނީ މާ ދުރުގައެވެ. ނަމަވެސް އޭނާ އަކީ 'އެއް އިރެއްގެ ކަސްބީ' އަންހެނެކެވެ. އެކަމަކު، އެއް އިރެއްގެ ކަސްބީއަކަށްވިޔަސް ކަސްބީ އަންހެނަކު ވާނީ އަބަދުވެސް ކަސްބީއަކަށް ނޫން ހެއްޔެވެ؟
ހިތާވެވިގެން މި އުޅެވެނީ ތިމާގެ ފެންވަރަށް ވުރެ މަތީ އަމީރަކާކަން ދަލޭކަ އަށް އިހުސާސުވީ ދެ މީހުންގެ ދެމެދުގައި އޮތް ހަގީގީ ދުރުމިން ހަމަލޮލަށް ފެނި ހިތަށްކުރުވި ތުރާތަކުންނެވެ. ތިމާ މީހާގެ ނިކަމެތިކަން ހިތަށް އަރައި ފެންކަޅިވާން ފެށުމުން ދަލޭކާ އެންމެފަހުން އެނބުރި ހިނގައިގަތީ އޭނާގެ ބައު ޖިފުޓިއަށް ދިއުމަށެވެ. ހަސަންތަކުރަށް އެ މަންޒަރު ފެނުނެވެ. ދަލޭކަ ހުއްޓުވަން ދާން ކިތަންމެ ބޭނުންވިޔަސް ބައްޕާފުޅުގެ އަރިހުން ފިލައިގެންދާނެ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ. އެ ފުރުސަތެއް އަމުދަކުން ނުވެސް ލިބުނެވެ.
އެހެން ނޫނަސް މި ދަތުރަކީ ލޯބީގެ ސިޓީއެއްގައި ދަލޭކައަށް އޭނާ ސިފަކޮށްދިން ދަތުރެއް ވެސް ނޫނެވެ. ހަސަންތަކުރު ރާވަމުން ދިޔައީ އޭނާގެ އަމިއްލަ ސިއްރު ދަތުރެއްގައި ރަށަށް އައިސް ދަލޭކަ އަށް އޭނާއާ ބެހޭ ހުރިހާ ވާހަކައެއް ކިޔައިދީ ކައިވެންޏަށް އަހާށެވެ. ނަމަވެސް އެ ދަތުރަށް ރިޔާކޮށުމުގެ ކުރިން ގަނޑުވަރުގެ ސިޔާސީ ދަންތުރައެއްގައި ޖެހުނީ އެވެ.
މާލިމީ ކަލޭފާނު ބޭނުންފުޅުވީ އެބޭފުޅާ ގެނެސް ދެއްވާ މީހަކާ ނޫނީ ހަސަންތަކުރު ކައިވެނި ނުކުރުމަށެވެ. އަދި ކަލޭފާނުގެ ހޮވުމަކަށްވީ މި ރަށު ކަތީބުގެ ތިބި ދެ އަންހެން ދަރިންގެ ތެރެއިން ދޮށްޓަށް ހުރި ދޮންބިބީއެވެ. އެދުމަކަށް ވުރެ ބޮޑަށް އެ ނިންމުން އައީ ހަރުކަށި އުމުރުފުޅެއްގެ ގޮތުގައެވެ. ދެކޮޅުހަދައިފި ނަމަ ވާރުތަގުޅުމުން ބޭރުކޮށްލާނެ ކަމުގެ އިންޒާރު ވެސް ބައްޕާފުޅު އޮތީ ދެއްވައިފައެވެ. އެހެންކަމުން އެ ކައިވެނި ހަސަންތަކުރަށް ހާއްސަނުވިޔަސް ކުރަން މަޖުބޫރުވީއެވެ. އަދި ބައްޕާފުޅުގެ ތަހުތުގެ ބާރާއި ސިޔާސީ ކުޅިބަޔަށް ގުރުބާންކުރާ ކަންބަޅިއަކަށް ވުމަށް ހިތުގެ އަޑިން އެއްބަސްވެވުނީ އެވެ.
މި ޚަބަރުވެގެން ދިޔައީ ދަލޭކަގެ ހިތް ކުދިކުދިކޮށްލި ކަމަކަށެވެ. ހަސަންތަކުރާއި ދޮންބިބީގެ ކައިވެނީގެ ކުލަގަދަ ހަފުލާ އޮތީ ރަށުގެ ހިރިގަލު ގަނޑުވަރުގައެވެ. ރަށުގެ އަނެއްކޮޅުގައި ހުރި ޖިފުޓިއަކަށް ވަދެ ދަލޭކަ އޭނަގެ އެކަނިވެރި ހަޔާތުގައި ކުރުގެޅި ހަމަނިދިނުލިބިގެން ފުރޮޅި ފުރޮޅިލާ އޮތްއިރު ވެސް ހިރިގަލު ގަނޑުވަރުގައި ޖަހަމުންދިޔަ ބޮޑުބެރާއި ފުމެމުން ދިޔަ ތާޅާފިއްޔާއި ސަންގުގެ އަޑު މެންދަންވިއިރު ވެސް މެދުނުކެނޑި އިވެމުންދިޔައެވެ.
އަރައިގެން އައި އިރާއެކު ދަލޭކަ އަނެއްކާވެސް އޭނާގެ ކުރީގެ ކަސްބީ ދިރިއުޅުމަށް އެނބުރި ދިޔައީއެވެ. ލިބުނު ކެހިން ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. ހަސަންތަކުރުގެ ހަނދާންތައް ފޮހެލަން ބޭނުންވެފައިހުރި ވަރު ބޮޑުކަމުންނެވެ.
ދަލޭކަ ހޯދާކަށް ހަސަންތަކުރު ނުވެސް އުޅެއެވެ. ކައިވެނި ހަފުލާ އަށް އެއް ދުވަސް ފަހުން އަނބިކަނބަލުން ގޮވައިގެން ފުރާވަޑައިގެންނެވީ ދުވަހަކުވެސް އެނބުރި ތުރާކުނަށް ނުދިއުމަށް ނިޔަތްގަނެ އަމިއްލަ ނަފުސަށް ވައުދުވަމުންނެވެ.
އެކަމަކު ވެސް ދަލޭކަ މަތިން ހަނދާން ނައްތާލެވޭ ގޮތެއްނުވިއެވެ. ދަލޭކަ ނެތް ޒަވާޖީ ހަޔާތަކުން އުފާހޯދާނެ ގޮތެއް ވެސް އޭނާއަކަށް ނުވިސްނުނެވެ. ދަލޭކަ ނެތް ޒަވާޖީ ހަޔާތެއް އޭނާ އަކަށް މުހިންމެއް ވެސް ނުވިއެވެ. އެ ތުރާލާއި އުދާސްތަކުގައި މޮޔަވެދާނެހެން ހީވުމުން އޭނާ އަނެއްކާވެސް ކުރީގެ ދިރިއުޅުމުގެ ވައްޓަފާޅިތަކަށް އިޔާދަވީއެވެ. ކަސްބީންގެ ދާނާއި ނާޗަރަނގީގެ ތަންމައްޗަށް އަނެއްކާވެސް ގޮސް ވެއްޓިގަނެވުނީއެވެ.
އޭނާގެ ގޮތެއްފޮތެއް ނެތް މި ދިރިއުޅުމުގައި ހޫރެމުން ދަނިކޮށް ކަރުތާފެނަށް ވެއްޓި ގެނބި ލޮނު ބޮވުނީ ބައްޕަގެ ކުއްލި މަރުގެ ޚަބަރު ބޮޑުބަނޑޭރިކަލޭގެ އައިސް ކަންފަތްދޮށުގައި ދިން ދުވަހުއެވެ. އެ މަރަށް ހަފުތާއެއްހާ ދުވަސް ފަހުން ބޮޑުބަނޑޭރި އާއި އިސް ޙަކީމު، ސިއްރު މަޖިލީހަކަށް އޭނާ ހާޒިރުކޮށް ދެން ދިނީ އަދި އެއަށްވުރެން ބިރުވެރި ޚަބަރެކެވެ. މާލިމީ ކަލޭފާނުގެ މަރަކީ ގަތުލެއް ކަމާއި އެކަން ކޮށްފައި ވަނީ ވިހަލައިގެން ކަމަށެވެ. އެހިސާބުން ހަސަންތަކުރަށް ޔަގީންވީ އޭނާގެ އަމިއްލަ ބޮކަރު ގަނޑުވަރުގައި ޚުދު އޭނާ އަށް ވެސް އެއްވެސް ކަހަލަ ރައްކާތެރިކަމެއް ނެތް ކަމެވެ. އިތުބާރުކޮށްފަ ނުކުރަންވީ ކާކަށް ކަމެއް އޭނާއަކަށް ނޭނގުނެވެ. ކުރަނގިދަލޭކަ މަތިން އަނެއްކާވެސް ކުއްލިއަކަށް ހަނދާންވި ހިސާބަކީ މިއެވެ.
މީގެ ކުރިން ވެސް މަގުއޮޅި ގެއްލިފައި ވަނިކޮށް ހަސަންތަކުރުގެ ހަޔާތް އަލިކޮށްލަދިން ދަންމަރަކަށްވީ ދަލޭކައެވެ. ހަސަންތަކުރުގެ ހަޔާތް އެ ވަނީ އަނެއްކާވެސް ކަޅުބޯވިލާގަނޑެއްގެ ތެރެއަށް ޖަހައިގަނެހެން ގެންގޮސްފަ އެވެ. އޭނާގެ ހަޔާތުގައި ދުވަހަކުވެސް ދިމާނުވާވަރުގެ ބިރުވެރިކަމަކާއި އަނދިރިކަމެއް ލައިގަނެފައެވެ.
"އަހަންނަށް ބޭނުންވަނީ ދަލޭކަގެ އެ ހިނިތުންވުމެވެ. އެ ފިރުމުންތަކެވެ. އެ ކެރުމާއި އިސް ނެގުމާއި ޗާލާކީ ކަމެވެ."
ބައްޕަގެ ގާތިލުންގެ ހަގީގަތް ހޯދުމާއި އަމިއްލަ ފުރާނަ ސަލާމަތްކުރާނެ ގޮތަކާ މެދު ބޯގޮއްވަމުން ގޮސް ބޮކަރު ގަނޑުވަރުގެ އެންމެ ބޮޑު އޮޑީގައި ހަސަންތަކުރު ތުރާކުނަށް ފުރައިފިއެވެ. އޭރު އޭނާ ތަހުތަށް އިސްކުރުމާ ދެކޮޅަށް އުތުރު ހަތަރު އަތޮޅުގައި ގަޑުބަޑުއުފައްދަން އެއް ބަޔަކު ތައްޔާރުވަމުން ދަނީއެވެ. ސިފައިންނާއި ޖާސޫސުންގެ ތެރެއިން ވެސް އިތުބާރުކުރަންވީ ކޮން ބަޔަކަށް ކަމެއް ހަސަންތަކުރަކަށް ނޭނގެއެވެ. އެތެރެކޮއިލުގައި އޭނާއާ ދެކޮޅު ރޭވުންތައް އެހާ ވެސް ބޮޑަށް ތަޣައްޔަރުވެފައި އޮތީމައެވެ.
ސާދަ ދުވަހުގެ ދިގު ދަތުރަކަށް ފަހު ދަލޭކައާ ބަދަލުވުމުން އެންމެ ފުރަތަމަ ވެސް ހަސަންތަކުރު އެދުނީ ކައިވެންޏަށެވެ. ދަލޭކަ އެއްބަސްނުވާނޭކަން އެނގޭހާލުގައެވެ. ނަމަވެސް ގޮތްހުސްވެ ވަރުބަލިވެފައިވީ ހަސަންތަކުރުގެ ނިކަމެތިކަން ފެނި ހިތުގައި އަދިވެސް ފޮރުވިފައިވީ ލޯތްބާއި ކުލުނުން ހަމްދަރުދު އުފެދި އެންމެފަހުން އޭނާއާ އެކުގައި ފެލިފަރިދުއަށް ދިއުމަށް ދަލޭކަ އެއްބަސްވެއްޖެއެވެ.
ދަލޭކަ، ގަނޑުވަރަށް ގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކަށްވީ ފުރާނައިން އިތުބާރުކުރެވޭ މީހަކު އަރިހުގައި ބަހައްޓައިގެން ބައްޕަގެ ގާތިލުން ހޯދުމެވެ. ނަމަވެސް އެންމެ އިތުބާރުކޮށް، އެންމެ ލޯބިވީ ދަލޭކަގެ ހިތުގައި ހަސަންތަކުރާ ދެކޮޅަށް އުފެދި ކެކިއަރަމުން ދިޔަ ހަސަދަ އާއި ނަފުރަތުން އެންމެފަހުން ހުޅުގަނޑެއް ފަޅައިގެން ނުކުތް ހިސާބަކީ ސަލާމަތުގެ އެއްވެސް އައްސޭރިއެއް ނެތްކަން ޔަގީންވި ހިސާބެވެ. ފުރުސަތުގެ ބޭނުން ހިފައި، ހަސަންތަކުރު މަރާލަން ދަލޭކަ ގޮސް ގުޅުނީ އޭނާގެ އަނބިކަނބަލުން ދޮންބިބީއާއެވެ. އެކަމަކު އޭރު ވެސް ހަސަންތަކުރަށް ހީވެފައި އޮތީ ދުވަހެއްގެ ކޮޅުން ވެސް ދަލޭކަ އޭނަ އަށް ކެއްސެއް ނުދޭނެ ކަމަށެވެ.
** ** ** **
ފަތިހުގެ ތަރިއާއެކު ހަސަންތަކުރު ބޭނުންވީ ދޮންބިބީއާ އެކު ކުޅީވަލުގެ ޗަސްބިންތައް ބަލައި އޮޅުއަލަ ދަނޑުތަކާއި މީރުފެނުގެ ކޯރުތަކުން ފިނިފަތިހާ ފެންނަ ކަމަށް ބުނެވޭ ފެނުޕަރީގެ އަޖާއިބުތައް ދެކިލުމަށް ހިނގާލަން ދާށެވެ. ދޮންބިބީ އެދުނީ ދެ މީހުންނާ އެކުގައި ހަށިފާރަވެރިން ނުގެންދިއުމަށެވެ. އެންމެ ދުވަހަކަށް ނަމަވެސް ދެ މީހުން އެކުގައި ވަގުތުތަކެއް ހޭދަކުރުމުގެ ހުއްދައަކަށެވެ. އަދި ފަނިފޮދު އަރުވާނެ އިސް އެހީތެރިއެއްގެ ގޮތުގައި އެ ދަތުރުގައި އެމީހުންނާ އެކު ދަލޭކަ ބައިވެރިކުރުމަށެވެ. އެ ހުރިހާ އެދުމަކަށް ހަސަންތަކުރު އެއްބަސްވިއިރު ދަލޭކަ އާއި ދޮންބިބީގެ ކެހިވެރި ރޭވުމުގެ ހިލަމެއް ވެސް އޭނާއަކަށް ނުވެއެވެ.
އަންނަ ހަފުތާގައި ހަސަންތަކުރު ރަސްމީކޮށް ތަހުތަށް އައްޔަންކުރެވިގެންދާނެއެވެ. އެކަމަށް ތައްޔާރުވުމުގެ ގޮތުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ގަޑުބަޑު ރާވައި އުފައްދާ މީހުން ހައްޔަރުކޮށް ހުސްކުރުމުގެ ސިއްރު ހަރަކާތްތަކެއް ސިފައިންނާއި ޖާސޫސުން ވަނީ ފަށައިފައެވެ. ނަމަވެސް ދޮންބިބީ އާއި ދަލޭކަގެ ރޭވުމަކީ ކޮބައިކަން އެނގޭ އެންމެ އިންސިއެއް ވެސް ނުވެއެވެ.
ފަތިހުގެ ޝަބުނަމާއި ދުންފިނީގެ ތެރެއިން ޗަސްބިމުގެ އަޖާއިބުތައް ބެލުމަށް މާހުއިތަކުގެ ތެރެއިން ހަނިހަނި މަގަކުން ކުރިއަށް ހިނގަމުން ދިޔައިރު އެންމެ ކުރީގައި އެހީތެރިއެއްގެ ގޮތުގައި ހަސަންތަކުރާއި ދޮންބިބީ އަށް މަގު ދައްކަމުން ގެންދިޔައީ ދަލޭކައެވެ. އޭނާގެ އަތުގައި އޮތް ފާނޫޒުގެ އަލި ކިތަންމެ ގަދަ ނަމަވެސް ވައިގެ ތެތްކަމާ އެކު ހިސާބުގަނޑު އަޅުވެތިކޮށްލައިގެން އޮތް ދުންފިނިގަނޑު ތޮރުފާލާފައި ދެވޭ ވަރެއް ނުވެއެވެ. ކަނބިއްޔާއި ބޮކާއި ސޫފާސޫފިތައް ދުވަހުގެ އަލިކަމަށް ހޭލަމޭލަވަމުން އަޑުތައް ގޮއްވަމުންދެ އެވެ. ދަލޭކަ އަށް ވުރެ ފަސް ވަރަކަށް ފޫޓް ފަހަތުން ހަސަންތަކުރާއި ދޮންބިބީ ހިނގަމުންދިޔައިރު ދެ މީހުންގެ އަތާއި އަތް ވަނީ ޖޯޑުކޮށް ބާރުކޮށްފަ އެވެ.
އަލިވިލި، ތެތްކަމުގެ އަސަރު ފިލައި ދުންފިނިގަނޑު ހުލިވެގެން ދިއުމުގެ ކުރިން ކުޅީގެ މީރުފެންގަނޑުތަކާ ހަމަ އަށް ދެވިއްޖެ ނަމަ އެތަނުގައި އުޅޭ ފެނުޕަރީންތައް ފުމެ އުޅޭ މަންޒަރު ފެންނާނެއެވެ. އެއީ ހަމައެކަނި ފަޖުރުލާ ވަގުތުން ފެށިގެން އިރުން ފައުޅުވާ ފުރަތަމަ ދޯދިއާ ހަމަ އަށް ފެންނަ އަޖާއިބެކެވެ. ދުނިޔެމަތި އަލިނުވަނީސް ކުޅީގެ މީރުފެންގަނޑުތައް އެ ގަޑީގައި އޮންނާނީ ކުލަތަކުން ވިދައި ބަބުޅަމުން ގެންދާ ފެނުޕަރީތަކާ އެކު ދިއްލި ދަޅައަޅައިފައެވެ.
ހަސަންތަކުރާއި ދޮންބިބީ އުސް ފަންގަނޑަކަށް އަރައި އެ ހިތްގައިމު މަންޒަރަށް ގެއްލި ތިއްބައި އިރުގެ ހުދު އަލި ދޯދިތައް ވިލާތައް ފަޅާލާފައި ނުކުންނަން ފަށައިފިއެވެ. އެއާ އެކު ފެނުޕަރީންގެ އެ އަޖާއިބުކުރުވަނިވި ނެށުން ނިމުމަކަށް އައިސް ގަހުވަ ބުއިމުގެ ވަގުތު ޖެހިއްޖެއެވެ. ތެދުވިގެން ގޮސް ދެ މީހުން ދެން އިށީނީ އަނބުގަހެއްގެ ހިޔަލުގައި ދަލޭކަ ތައްޔާރުކޮށްފައިވީ ހެނދުނުގެ ހާއްސަ ސުފުރާއަކަށް އިންސާފުކުރުމަށެވެ. އަބަދުވެސް ހަސަންތަކުރަކީ ގަހުވަ ބުއިމަކުން ދުވަސް ފަށާ މީހެކެވެ.
ފަތުރާލާފައި އޮތް ކުނަލުގައި ދެ މީހުން ގޮސް އިށީނުމާއެކު ދަލޭކަ އެންމެ ފުރަތަމަ ވެސް ގެނެސްދިނީ ބުން މުގުރައިގެން ތާޒާކަމުގައި ތައްޔާރުކޮށްފައިވާ ހަސަންތަކުރުގެ ހޫނު ގަހުވަ ތައްޓެވެ. ނުވަތަ އެއީ، ކޮކޮސީނާ ކުނޑި އާއި ބުންކުނޑި އެއްކޮށްގެން ތައްޔާރުކޮށްފައިވާ ބުއިމެކެވެ. -- ކޮކޮސީނާ އަކީ މީދާ މަރަން ގެންގުޅޭ ކޮކަޑީގެ ހިމުން ހުދު ފުއްތަކާ އެއް ޒާތަކަށް ހުންނަ ނިކަން ބާރުގަދަ ވިހައެކެވެ. އެއީ ތަހުތާ ދެކޮޅަށް ހަރަކާތްތެރިވާ ސުވަދީބާގެ ޖާސޫސުން ޝާހީހާންދާނުގެ ބޮޑުންނަށް ހަމަލާ ދިނުމަށް ބޭނުންކުރާ އެންމެ ނުރައްކާތެރި ހަތިޔާރެވެ. ހަސަންތަކުރު ބޯން ފަރިކޮށްލައިގެން އެހެރަ ގަހުވަ ތައްޓަށް ކޮކޮސީނާއިން ވިހަލާފައިވާ ނަމަ ދަލޭކަ އާއި ދޮންބިބީގެ މި ނުބައި ރޭވުމުގެ ފަހަތުގައި ތިބީ ތަހުތުގެ ރަސްކަން ނިމުމަކަށް ގެނައުމަށް ބޭނުންވާ ސުވަދީވާގެ މޭސްތިރިންނެވެ.
"އުނހު. މިއަދު މި ބޯނީ އެންމެ ފަހަށް. ފުރަތަމަ ހިނގާ ސައިބޯން،" ތުނބުގައި ޖައްސަން ފަރިކޮށްލި ސިލްވަރުގެ ތަށި ކައިރީގައި ބެހެއްޓުމަށް ފަހު ސައިފޮދަށް އިންސާފުކުރުމަށް އަނބިކަނބަލުން ދޮންބިބީ އަށް ދައުވަތު ދެމުން ވަޅޯމަހު މަސްރޮއްޓަކުން ފަށައިގަތެވެ.
ސައިބޮއެ ނިމިގެން ގޮސް ދޮންބިބީ އާއި ހަސަންތަކުރު ޖައްސާލައިގެން ތިބީ އުސްބިމުގައި ހެދިފައިވީ ބިޔަބޮޑު ދަނބުގަހެއްގެ ހިޔަލުގައެވެ. ދުންބޮއެ އަނގަތަޅައި ހޭށެވެ. ސައިފޮދު ތައްޔާރުކުރި ކުނާ މަތީގައި އިށީނދެލައިގެން އިނދެ ދަލޭކަ އޭރު ގެންދިޔައީ އެ ދެ މީހުންނަށް ގަހުވައިގެ ދެ ތަށި ތައްޔާރުކުރަމުންނެވެ. އެއަށް ފަހު އެ ދެ ތަށި ތަބަކަށް ލައިގެން ދަނބުގަހުގެ ހިޔަލަށް ހިނގައިގަތުމުގެ ކުރިން ލިބާހުގެ ޖީބުން ނެގި ކުޑަ ކޮކޮސީނާ ފުޅިއެއް އޭގެ ތެރެއިން އެއް ތައްޓަށް އޮއްސައި ރަނގަޅަށް ގިރާލިއެވެ.
އެ ތަށި ހިފައިގެން ގޮސް އެރުވީ ދޮންބިބީގެ އަތަށެވެ. ނަމަވެސް އެއީ ދަލޭކައާ ގުޅިގެން ހަސަންތަކުރުގެ ޒަމާންދުއްވާލަން ދޮންބިބީ ރޭވިގޮތެއް ނޫނެވެ. އެކަމަކު ދޮންބިބީ އާއި ސުވަދީވާ އަށް ވަފާތެރި އެކަމަނާގެ އާއިލާގެ ހަގީގަތް އެނގުނު ހިސާބުން އެމީހުންގެ ކިބައިން ބަދަލުހިފަން ހަސަންތަކުރާއި ދަލޭކަ ރާވާފައި އޮތް ގޮތެވެ.
ހިނިއައިސް ހުރެ އެ ގަހުވަ ތަށިން ހިއްޕަވަމުން ގެންދެވިއިރު ތިމާގެ އަޖަލު އައިސް މި ޖެހެނީ ކަމެއް ދޮންބިބީއަކަށް ރޭކާވެސް ނުލައެވެ. އޭނާގެ ރޭވުމުގައި ގޯހެއް އުޅޭކަން ވިސްނެން ފެށީ ގަހުވަ ތަށި އެއް ނޭވާއިން ހުސްކޮށްލާފައި ތެދުވިގެން ދިޔަ ހަސަންތަކުރު ފަކީރާއެއް ދަމަމުން އައިސް ދަނބުގަސްދޮށުގައި ވަޅުގަނޑެއް ކޮންނަން ފެށުމުންނެވެ. ވާނުވާ އެނބުރިގެން އައިސް މޫނުމަތީގައި ހޫނު އެތިފަހަރެއް އަޅުވައިލުމާ އެކު ދޮންބިބީ އަށް ބަލައިލެވުނީ އޭނާގެ އަތުގައި އިން ހުސް ތައްޓަށެވެ. އެއަށް ފަހު ދަލޭކަގެ މަކަރުވެރި މޫނަށެވެ.
ރުޅިއަރައިގަނެގެން ދޮންބިބީ ތުރުތުރުއަޅައިގަތެވެ. ނަމަވެސް އަނގައިން ފޮނުގަނޑެއް އަރައިގެން ތުރުތުރުއަޅައިގަތުމުން ހަތަރެސް ފައިން ވާގި ދޫވެ ގަސްދޮށަށް އޭނާ ވެއްޓިއްޖެއެވެ. މަރަށް ތެޅިލަތެޅިލަ އޮތް އިރު ހީވަނީ ކަތިލައި އެއްލާލާފައި އޮތް ކުކުޅުގަނޑެއް ލެއާ ތަތްތެޅި ބުރުއަޅަމުން ދިޔަހެންނެވެ. ތުރުތުރުއަޅަމުން އެނބުރެމުން ފުރޮޅެމުން ގޮސް ދޮންބިބީގެ ހަރަކާތް ހުއްޓުނީ ހަސަންތަކުރު ކޮނުނު ވަޅުގަނޑު ކައިރިއަށެވެ. ބަލަން ނުހުރެ، ވަޅުގަނޑު ތެރެއަށް ދޮންބިބީގެ ހަށިގަނޑު ފުރޮޅައި ވައްޓާލުމާ އެކު ދަލޭކަ އައިސް ފަކީރާ ނަގައިގެން ފަސްޖަހަން ފަށައިފި އެވެ.
އެއަށް ފަހު ދެން އޮތީ ބިބީ ޚާންދާނުގެ ބަޣާވާތް ހަތަރު އަތޮޅަށް ބޭޒާރުކޮށް ރައްޔިތުންގެ ފުރިހަމަ ތާއީދާއި ލޯތްބާއެކު ހަސަންތަކުރު ތަހުތާ ހަވާލުވެ ވަޑައިގަތުމުގެ ކުލަގަދަ ރަސްމިއްޔާތެވެ. އޭގެ ފަހުން ހަސަންތަކުރާއި ދަލޭކަ ކައިވެނި ބައްލަވައިގެން ރަސްކަލަކާއި ރަނިކަނބަލެއްގެ ހަޔާތެއް ފެއްޓެވީ އެވެ.
ނަމަވެސް ހަޔާތަކީ އަބަދަށް ވެސް ކެއްސެކެވެ. ކިތަންމެ އުނދަގޫތަކެއް ގިރާކޮށް ކިތަންމެ އުފަލުގައި ހަޔާތެއް ފެށިޔަސް ކެއްސާއި ބަދުނަސީބު އަބަދުވެސް އެ ހަޔާތަކަށް އެނބުރި އާދެއެވެ. ރަސްކަމުގެ އެންމެ މަތީ ކޮއިލަށް ނިސްބަތްވިޔަސް ހަޔާތުގެ މި ތަރުތީބުގައި، ދުނިޔަވީ މި ހަގީގަތުގައި ވަކި ބަޔަކު އިސްތިސްނާކުރުމެއް ނުވެއެވެ. ހަސަންތަކުރާ އެކު ދަލޭކަ އުޅެމުން ދިޔަ ލޯބީގެ ގަނޑުވަރުގައި ރެނދުލާން ފެށީ ފިރިމީހާގެ ފިރުމުންތައް އޭނާ ފިޔަވައި ހިލޭ އަންހެނުންނާ ހަމަ އަށް އަނެއްކާވެސް ފޯރަން ފެށި ހިސާބުންނެވެ.
ކަށީގައި ހަރުލާފައި ހުރި އާދައެއް އިޔާދަވުމަށް ވުރެ ބޮޑަށް ހަސަންތަކުރު ދެކެ ދަލޭކަ ހިތްހަމަނުޖެހުނީ ޝުކުރުވެރިވާން އޭނާ އަށް ނޭނގުނީތީ އެވެ. ދަލޭކަ ގަބޫލުކުރާ ގޮތުން ނަމަ އޭނައާ ނުލައި ހަސަންތަކުރަށް ލާހިއެއްގެ ދަރަޖަ ވެސް ނުލިބޭނެއެވެ. އެހެންކަމުން ދަލޭކައާ އެކު އައުލާދެއް ނުލިބުނު، ބަދުނަސީބު ހާލާތު އުޒުރަކަށް ހަދައިގެން ގޮސް އެހެން އަންހެނަކު ހަޔާތަށް ގެންނަން ނިންމެވި ހިސާބުން ގަނޑުވަރު ތެރޭގައި ރޯވީއެވެ. އެ ހުޅުގަނޑު ގަނޑުވަރު މަތިން އަރައި ނުދަނީސް ދަލޭކަ ބޭނުންވީ މަސްލަހަތު އެންމެ ރަނގަޅު ގޮތަކަށް އެކަންތައް ނިންމާލާށެވެ.
އެއްގޮތަކީ ދެ ވަނަ އަންބެއްގެ ހިޔާލު ހަސަންތަކުރު ދޫކޮށްލުމެވެ. ނަމަވެސް އެކަމަކަށް ހަސަންތަކުރު އެއްބަސްވެ ވަޑައެއް ނުގަތެވެ.
ދެން އޮތް ގޮތަކީ ހަސަންތަކުރު ގަތުލުކޮށް ދަލޭކަ ތަހުތަށް އަރާވަޑައިގަތުމެވެ. ހަތަރު އަތޮޅުގައި ލިބިވައިގެންފައި އޮތް މަގްބޫލުކަމާ އެކު ދަލޭކަ އަށް އެކަން ނުކުރެވެންވީ އެއްވެސް ސަބަބެއް އޭނާ އަށް ފެންނާކަށް ނެތެވެ. ހަސަންތަކުރަށް ވުރެ ވެސް ދަލޭކަގެ މަގްބޫލުކަން އޭރު ރައްޔިތުންގެ މެދުގައި ބޮޑެވެ. އެހެންކަމުން ހަސަންތަކުރު އަމިއްލަ އެދުން އިސްކުރުމުން ދަލޭކަ ވެސް ނިންމީ އަމިއްލަ އެދުމާއިގެން ކުރިއަށް ދާށެވެ.
ހަސަންތަކުރުގެ ތަހުތަށް ފަނަރަ އަހަރު ފަހުން އޭނާގެ އަޖަލު ޖެހި ނެތި ނިމިގެން ދިޔަގޮތަކީ އެއީ އެވެ. ހަތަރު އަތޮޅުގެ މީހުން ދަންނަ ގޮތުން ނަމަ ހަސަންތަކުރުގެ މަރަކީ ކުފުރުމަރެކެވެ. މާލީޚޫލިޔާއޭ ކިޔުނު ސިކުނޑީގެ ބައްޔެއްގައި އޭނާ މޮޔަވެ ދުނިޔެއިން އަމިއްލަ އަށް ނެތިގެންދިޔައީއެވެ. ދަލޭކަ ބޭނުންވިގޮތަށް ގަނޑުވަރުގެ އިސް ޚަކީމުން އެ ވާހަކަ ފެތުރުމުން އެންމެން ވެސް އެ ދޮގަށް ހެއްލި، އެ ވާހަކަ ގަބޫލުކުރިއެވެ. ހަސަންތަކުރަކީ ކާކުކަން އެންމެނަށް ވެސް އެނގޭތީއެވެ. އެމީހުންގެ ކުރިމަތީގައި އޭނާ އަކީ އަބަދުވެސް ކޮހެކެވެ. އެންމެފަހުން ދެ ދުނިޔެއިން މޮޔަވެ ނެތި ނިމިގެން އެ ދިޔައީ އެންމެ ބޮޑު އަބާއްޖަވެރިންގެ ތެރޭގައި ހިމެނިގެންނެވެ.
މި ވާހަކަތައް ހަތަރު އަތޮޅަށް ފަތުރައި ތަހުތަށް އަރާވަޑައިގެންއިންނެވިއިރު ދަލޭކަ އަށް ފޮރުވިފައިވީ މޫނަކީ ހަސަންތަކުރު ސިއްރިޔާތުގައި ކައިވެނި ބައްލަވައިގެންނެވި އަނބިކަނބަލުންނާ އެކު ލިބިވަޑައިގެންފައިވީ ފިރިހެން އައުލާދެވެ. މަހާރެހެންދި ކުރަނގި ދަލޭކަގެ ތަހުތަށް އަށާރަ އަހަރު ފަހުން ސުވަދީވާގެ ބިޔަ ލަޝްކަރުތައް އައިސް ހަތަރު އަތޮޅު ހިސޯރުކޮށް ތަހުތުގެ ބާރު ކަނޑުވާލުމަށް ސަފުތައް ރުކުރުވައިލިއިރު އެންމެ އިސް ކޮމާންޑަރަކަށް ހުރީ ނޫކަށިފުރައިގެ އެ އައުލާދެވެ. ޒުވާން ހަސަންތަކުރެއްގެ ސިފައިގައެވެ. ބޮކަރު މާލިމީ ކަލޭފާނުގެ ގަދަ ހިތްވަރާއި ޖޯޝުގައެވެ.
ހަޔާތަކީ ކިހައި ބޮޑު ކެއްސެއް ހެއްޔެވެ؟ ހަޔާތަކީ އަބަދަށް ވެސް ކެއްސެކެވެ.
ދެ ބޯ ލީ ސާމަރާދޫންޏެއްގެ ސިފައަށް ރަނާއި ރިހިން ޖަރީކޮށްފައި އޮތް ފޯއްވަޅި ނަގައި ވައަތަށް ހެޔޮވަރުކޮށްލުމަށް ފަހު އޭގެ މިޔައިގެ ޖާދޫއިން ނިކަން ފަރިތަކަމާ އެކު ދަލޭކަ ފެންފޯކެއް ފޮތިފޮތިޖަހާލި އެވެ. އެއަށް ފަހު ހުންޏާއި އޭތި މީތި ލައިގެން ބިލެތްގަނޑެއް ތައްޔާރުކޮށް ފަށްފަށަށް ލަންބަމުން ފަރިކުރަމުން ގޮސް ތަންމިނަށް ހުޅުވި އަނގަތެރެއަށް ކޮއްޕައި ހަފައިގަތެވެ.
ދަލޭކަ އެ އިނީ ދަގަނޑުދަހަނާ އަޅުއްވައިގެންނެވެ. ދުފައި ރަތްކޮށްލައްވައިގެންނެވެ. އޮހޮރުވަން ތައްޔާރުވަމުންދާ ލެޔަށް ވުރެ ވެސް ގަދަކޮށެވެ.
ކަނޑި އައްޑަނައިގެ އަޑު ގަދަވަމުން އައިސް ގަނޑުވަރުގެ ބޮޑުދޮރާށި ވައްޓާލާފައި ސުވަދީވާގެ ހަނގުރާމަވެރިން އެތެރެއަށް ވަދެގަތެވެ. އެއާއެކު ކަނޑި އާއި އައްޑަނަ އަތަށް ހެޔޮވަރުކޮށް ދަލޭކަ ވެސް އެ ދިމާލަށް ދުއްވައިގަތެވެ. ތަޤުދީރުގެ ތީރުތަކަށް ބެލުމެއް، ޖެހިލުމެއް ނެތިއެވެ.