23 އެޕްރީލް 2022 - 05:54

ދެ ބޯ ލީ ސާމަރާދޫންޏެއްގެ ސިފައަށް ރަނާއި ރިހިން ޖަރީކޮށްފައި އޮތް ފޯއްވަޅިއެއް ނަގައި ވައަތަށް ހެޔޮވަރުކޮށްލުމަށް ފަހު އޭގެ މިޔައިގެ ޖާދޫއިން ނިކަން ފަރިތަކަމާ އެކު ހަސަންތަކުރު ފެންފޯކެއް ފޮތިފޮތިޖަހާލި އެވެ. އެއަށް ފަހު ހުންޏާއި އޭތި މީތި ލައިގެން ބިލެތްގަނޑެއް ތައްޔާރުކޮށް ފަށްފަށަށް ލަންބަމުން ފަރިކުރަމުން ގޮސް ތަންމިނަށް ހުޅުވި އަނގަތެރެއަށް ކޮއްޕައި އަރާމެއްގެ ތެރެއަށް ގެނބިގެންދާ ފަދަ ގޮތަކަށް ދުނިޔެ މައްޗަށް ބަލަން އިނދެ ދުފަން ފަށައިފިއެވެ. ބިލެތްގަނޑު ޗިސްވަމުން ކުނޑިވަމުން ދިޔަ ވަރަކަށް އެ އަރާމުގެ ރަހަ އާއި ފޯރި ގަދަވެ އިރުކޮޅެއް ނުވެ އަނގައިގެ ދެމިޔަ ކަނުން ރަތްކުޅުގެ ބޮކި ޖަހައިގަތެވެ. ނަމަވެސް ހަސަންތަކުރަކީ ދުފުމުގެ ބޮޑެއް ނޫނެވެ. މާ ގަދައަށް، މާ މޮޅަށް ދުފެވޭ މީހެއްކަން ދައްކަން ހަދައިގެން ގޮސް މިހާރު އެ އިނީ ބޮލަށް އެނބުރުންގަނޑެއް އަރައިގެން ގޮސް ބުރާންތިކައިފައެވެ. ނުވަތަ އަޖަލު ޖެހުމުގެ މަގުމަތީގައެވެ.
ދުފާސުބާޑު ތެރެއަށް ފޯއްވަޅި ލައި އެއް ފަރާތަކަށް ޖައްސާލުމަށް ފަހު ބަރު ފިޔަވަޅުތަކެއް ނަގަމުން ގޮސް ހަސަންތަކުރު އެންމެފަހުން ފެންޑާގެ ބޭރުގައި ހަދާފައި ހުރި އުނދޯލިގެއަށް ވަދެ އެތަނުގައި އޮށޯތެވެ. -- އޮށްދައު ހިއްލަނީ އެވެ. ކަރުގެ ނާރުތަކަށް ވާންވަނީއެވެ.
ލިޔެލާޖަހައި ފަރިކޮށްފައިވާ ބޮޑު އުނދޯލީގައި އެގޮތަށް އޮވެ ނިދިޖެހި ލޯ މެރެމުން ދިޔައިރު އޭނާގެ ހަނދާނުގެ ކުލަބުރު ތެރެއަށް ވަދެ ގެއްލެމުން ދިޔަ ޝަހުސިއްޔަތަކީ މީގެ އެތައް އަހަރެއް ކުރިން ނިޔާވެފައިވީ ފެލިފަރިދޫ މާލިމީ ކަލޭފާނުގެ ދަންމަރެއްހާ އަލިގަދަ މޫނުފުޅެވެ. ހަސަންތަކުރު އޭނާގެ މުޅި ހަޔާތުގައި އަބަދުވެސް އެންމެ ވާން ބޭނުންވި މީހަކީ އެއީ އެވެ. އަބަދުވެސް ނަމޫނާއަކަށް ބަލައިގެން އެމީހެއްގެ ފިޔަވަޅުމަތިން ކުރިއަށް ދާން ހިތްވަރު ހޯދި ފަހުލަވާނެވެ. ނަމަވެސް އެ ޝަހުސިއްޔަތުގެ ޒައްރެއްގެ މިންވަރު ވެސް ނުލިބި، އެކައްޗެއް ވެސް ދަސްނުވެ، ހިތާއި ސިކުނޑިއާ އަބަދުގެ އަބަދަށް ވަކިވެގެން ދިޔައީއެވެ.
އެ ޝަހުސިއްޔަތަކީ އޭނާގެ ލޮބުވެތިވި ބައްޕައެވެ.
ފެލިފަރިދޫ ބޮކަރު ގަނޑުވަރު މާލިމީ ކަލޭފާނަކީ މުޅި ރާއްޖެ އެ މީހަކަށް ފަހުރުވެރިވި ކުޅަދާނަ ނިއަމިވެރިއެކެވެ. ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި ދިވެހިން ބަނޑަށްޖެހި، މައި ސަރުކާރާއި ސުވަދީވާގެ ދާޚިލީ ތަޅާފޮޅުންތަކުގައި ހާންތިވެ ހަނާވަމުން ދަނިކޮށް އޮޅުދޫކަރަ އާއި އަސޭކަރައިން ބަނޑުފުރާނަމުއްތިކުރެވޭނެ ގޮތް ހަދައިދިން ކެރޭ، ހުރިހާ ކަމަކަށް ވެސް ކުޅަދާނަ ޝަހުސިއްޔަތެވެ. -- މުޢައްލިމްކަމުގައި އަރައި ހުންނެވި އެފަދަ ދެ ވަނައެއް ނެތް އެދުރެކެވެ. ކާތިބު ކަމާއި ކިތާބުގެ އިލްމުގައި ވެސް ދިވެހިން ލޯ ނުދެކޭ ވަރުގެ ބޭފުޅެކެވެ. ބަސްމޮށުންތެރިކަމުގަ އާއި ގޮތް ނިންމެވުމުގައި ވެސް އަރައި ހުންނެވި ސިޔާސީ ބޮޑު ބުއްދިވެރިއެކެވެ. ފައިލަސޫފެކެވެ. އަދި ގައުމެއްގެ ބައިތުލްމާލަށް ވުރެން ވެސް މުއްސަނދި ބޮޑު މަހުޖަނެކެވެ.
ނަމަވެސް އެއް ދުވަހެއްގެ މެންދުރުގެ ފަރިއްކޮޅަށް ފަހު މަޑިސީލަކޮށްލައްވައިގެން އަވަހާރަފުޅުލެއްޕެވި ގޮތަށް ދެމިއޮތުމުގެ އާލަމަކަށް ދަތުރުކުރެއްވީއެވެ. އަވަހާރަވިއިރު ވައަތުގައި އޮތީ އަސޭކަރައިގެ ސައުދާގަރަކު ހަދިޔާކުރި ރަނާއި ރިހިން ޖަރީކުރި ނަލަ ފޯއްވަޅިއެކެވެ. އެ ހަދިޔާ އަކީ މާލިމީ ކަލޭފާނު އަބަދުވެސް ވަރަށް ގަޔާވެ ވަޑައިގެން، ވަރަށް ލޯބިން ގެންގުޅުއްވި 'ހަތިޔާރެކެވެ'. އަވަހާރަވުމުގެ ކުރިން އެންމެ ފަހަށް ވެސް ބޭނުންކުރެއްވި އާލާތަކަށްވީ ސާމަރާ ދޫންޏެއްގެ ސިފަ އަށް ޖަރީކޮށްފައިވީ އެ ފޯއްވަޅިއެވެ. ނުވަތަ އުނދޯލި ކައިރިއަށް ވެއްޓި ސިލުނބު ފަޅައިގެން ގޮސްފައި އޮތް ގުޑުގުޑާ އެވެ.
މާލިމީ ކަލޭފާނަކީ ދުފާބާކުލިއެކެވެ. އެ ބޭފުޅާގެ އަޖަލު އައިސް ޖެއްސީ ދުމާއި ދުންފަތާއި ދުފުމަށް ދެވިހިފުމުގެ ނުބައި އާދަ ކަމަށް މީހުން ބުނެތެވެ. އެކަމަކު މަދު ބަޔަކު ނަމަވެސް އެ މަރުގެ ސިއްރު އެހެން ގޮތަކަށް ތަރުޖަމާކޮށް، ރަށު ތެރޭގައި ދެބައޮޑުވައި ހެދިއެވެ. އެމީހުން ބުނާ ގޮތުން ނަމަ ކަލޭފާނުގެ މަރުގެ ފަހަތުގައިވާ އަތަކީ މުސަނދިތަކުރެވެ. މުސަނދިތަކުރޭ އެމީހުން އެ ކިޔަނީ ކަލޭފާނުގެ މަރަށް ފަހު އެ ކަލޭފާނުގެ ހުރިހާ މުދަލަކާއި މުދައުވެރިކަމެއް ނަސަބުން ހައްގުވި އެ ބޭފުޅާގެ ހުރި ހަމައެކަނި އައުލާދު ކަމުގައިވާ ހަސަންތަކުރަށެވެ.
މާލިމީ ކަލޭފާނުގެ ދުނިޔެ ނިމުމަކަށް އައިސް ބޮކަރު ގަނޑުވަރުގައި ހަސަންތަކުރުގެ ތަހުތާއި ވެރިކަމުގެ ބާރުތައް ހިނގައިގަތް ހިސާބުން އެންމެން ވެސް އޭނާ ދަންނަނީ މުއްސަނދިތަކުރުގެ ގޮތުގައެވެ. އަތުންފައިން ކުރަން އެނގޭ ހަމަ އެއްވެސް ކަމެއް ނެތަކަސް ޒުވާން ހަސަންތަކުރުހާ ބޮޑު މަހުޖަނަކު މުޅި ރާއްޖޭގައި ވެސް ނެތީމައެވެ. އަތުން ފައިން ކަމެއް ކުރަން ނުޖެހި ބޮޑު މަހުޖަނަކަށް ވި އެވަރުގެ ބޮޑު ނަސީބުވެރިޔަކު ވެސް ނެތީމައެވެ.
އެކަމަކު ވެސް މާލިމީ ކަލޭފާނަށް ލިބިވަޑައިގެންނެވި ޝަރަފާއި ގަދަރާއި ލޯތްބާއި އިހުތިރާމެއް، ހަސަންތަކުރަކަށް ނުލިބުނެވެ. އަދި ހަތަރު އަތޮޅުގެ ތަހުތަށް އޭނާ ވަޑައިގަތުންވީ ގިނަ ބަޔަކު ކަންބޮޑުވުން ފައުޅުކޮށް ނުރުހުންވި ކަމަކަށެވެ. އެންމެނަށް ވެސް ހަސަންތަކުރުގެ ގޮތް ވަރަށް ރަނގަޅަށް އެނގޭތީއެވެ. މާލިމީ ކަލޭފާނުހާ ކީރިތި، އޯގާވެރި، ކަމަށް ކަމޭހިތާ ވެރިޔަކަށް ހަސަންތަކުރު ދުވަހަކުވެސް ނުވާނެތީ އެވެ. ލިބި ހުރި މުދާވެރިކަމަށްވުރެން ވެސް އޭނާގެ ކިބުރުވެރިކަން ބޮޑުވީމައެވެ. ހަޔާތުގައި ނާޗަރަނގީ މާ ބޮޑުވީމައެވެ. ހަވާ ނަފުސުގެ ދަހިވެތި ހިތަކާއި ނަފުސުގެ އަޅަކަށް އެ އަނދޮޅު ޒުވާނާ އަބަދުވެސް ވީމައެވެ.
ހަސަންތަކުރުގެ މުޅި ހަޔާތުގައި ވެސް އޭނާ އަށް މުހިންމުވެފައި އޮތީ އެންމެ ދެކަމެވެ. ނުވަތަ ހަޔާތުގެ ވަގުތު ހުސްކުރެވުނީ އެ ދެ ކަމަށް އެކަންޏެވެ. އެއީ ރާބުއިމާއި ކަސްބީންނާއެކު މަޖާކޮށް އަޗާތެޅުމުގައެވެ. ބައްޕާފުޅު އަވަހަރާވި ޚަބަރު ލިބުނުއިރު ވެސް ހަސަންތަކުރު އޮތީ ރާބޮއެގެން ބޯކޮޅު ވަތަށް ދެމިފައެވެ. އޭރުވެސް ކަސްބީ އަންހެނުންގެ ހައެއްކަ މީހަކާއެކު އަރާމާއި ލައްޒަތުގެ ކޯރަކަށް އޭނާގެ ޖިސްމު ގަންބަމުން ނައްޓަމުން ގެންދެއެވެ.
ކޮންމެއަކަސް ބައްޕާފުޅުގެ މަރު ވެގެން ދިޔައީ އެއްގޮތަށް ވުރެ ގިނަގޮތްގޮތުން ހަސަންތަކުރުގެ ހަޔާތް ބަދަލުކޮށްލި ބައްދަލުވުމަކަށެވެ. ލާޗާރުބިޗާރު ކަމާއި ނޭއްދާރުކަމާއި ތަންމަތި ބައްޔާއި ގިތެޔޮ މިޒާޖުގެ ދިރިއުޅުމުން ނުކުމެ ހަގީގީ ދިރިއުޅުމެއްގެ ޒިންމާތަކާ ހަވާލުވާން މަޖުބޫރުކުރުވި ބީރައްޓެހި ބޮޑު ބަދަލަކަށެވެ.
މި ހިޔާލުތަކެއްގެ ތެރެއަށް ގެނބި ފިކުރުބޮޑުވެފައި އޮތްވައި ކުއްލިއަކަށް ރޯމަހެއް ފަދައިން ތެޅިގަނެ، ތުރުތުރުއަޅައިގެންފައި އުނދޯލިން ސޮއްސާލައިގެން ގޮސް ހަސަންތަކުރު އަނގަވަތަށް ވެއްޓިއްޖެއެވެ. ހީވީ ނުފެންނަ ނުބައި ބާރަކުން ކުއްލިއަކަށް އޭނާ އިންތަނުން ޖަހައިގެން ގެންގޮސް ދުވަސް ދުއްވާލިހެންނެވެ.
އެ މަންޒަރު އެންމެ ފުރަތަމަ ފެނުނީ މެދުގޯތީގައި އަންނައުނު ހިއްކަން އަޅަން އަވަދިނެތި އުޅުނު ދެބައިއުމުރުގެ އަންހެނަކަށެވެ. އެއީ ކުރަނގިދަލޭކަ އެވެ. ކަސްބީ ދިރިއުޅުން ދޫކޮށް މީގެ ފަނަރަ އަހަރު ކުރިން އޭނާ ފެލިފަރިދުއަށް ދިރިއުޅުން ބަދަލުކުރީ ހަސަންތަކުރުގެ ލޯބީގައި ޝިކާރަވެ، އެ އުނގަށް ވެއްޓި އަބަދުގެއަބަދަށް އެކުގައިވުމަށެވެ. އެކަމަކު ހަޔާތުގެ ދަތުރުގައި އެވަރަށް ލޯބިވެވުނު މީހަކު ޝިކާރަކޮށް ވައްޓާލަން ޖެހިދާނެ ދުވަހަކަށް އޭނާ ދުވަހަކުވެސް ތައްޔާރެއް ނުވެއެވެ. އެ ހިތް އަބަދުވެސް ފޮޅިގެން ބަންޑުންވަމުން ދިޔައީ ލޯބީގެ ބަހާރު މޫސުމަކަށެވެ. އެކަމަކު އުނދޯލިގޭތެރެއަށް އަނގަވަތަށް ވެއްޓި އެ އޮތް ބައިވެރިޔާ ލޭގެ ކޯރެއްގައި ތަތްތެޅެމުން މަރަށް ތެޅެމުން ދިޔައިރު ދަލޭކަގެ ހިތުގައި ނަފުރަތާއި ހަސަދައިގެ ދިލަ ނޫން އެހެން އިތުރު އެއްވެސް އެއްޗެއް މިއަދަކު ނުވެއެވެ.
އެކަމަކު ހަސަންތަކުރުގެ ކުށަކީ ކޮބައި ހެއްޔެވެ؟ އެހާ ރަހުމްކުޑަ މަރަކުން ފިރިމީހާގެ ދުވަސް ދުއްވާލަން ދަލޭކަގެ ހިތުގައި އެވަރުގެ ވަސްވާހެއް އުފެއްދީ ކޮން ސަބަބެއް ހެއްޔެވެ؟ އަނގައިން ފޮނު އަރައިގެންފައި ކުއްލިއަކަށް މުޅި ހަށިގަނޑަށް ތުރުތުރުގަނޑެއް އަރައިގެން ގޮސް ވެއްޓުނަސް އެއީ ބިންމަތިފަސޭހަވާ ބަލީގެ އަލާމާތެއް ނޫނެވެ. އެއީ ވިހަލައިގެން މީހަކު މަރާލުމެވެ. ސާފު ސީދާ ގަތުލެކެވެ. އެކަމަކު އެ ވަރުގެ އަނިޔާވެރިއަކަށް ދަލޭކަ ބަދަލުކޮށްލީ ކޮން ސަބަބެއް ހެއްޔެވެ؟ ކޮން ހަސަދައެއް ހެއްޔެވެ؟ ކޮން ރުޅިވެރިކަމެއް ހެއްޔެވެ؟
ރޯނުގައި ހިއްކަން އަޅަން ނެގި ލިބާސް، ކަންވާރު ތެރެއަށް އަލުން ދޫކޮށްލުމަށް ފަހު ލަސް ފިޔަވަޅުތަކެއް ނަގަމުން ގޮސް އުނދޯލިގެ އަށް ވަދެ ހަސަންތަކުރު ކައިރިއަށް ތިރިވެ އެތަނުގައި ދަލޭކަ އުޑަފައިން އިށީނެވެ. އޭރު ހަސަންތަކުރުގެ އެއްވެސް ޚަބަރެއް ނެތެވެ. އެއް ލޯ ތަންމިނަށް ހުޅުވިފައި އޮތްއިރު އަނެއް ލޮލާއި މޫނުގެ އެ ފަޅި އޮތީ އަނގައިން އޮހޮރި އެތަނުގައި ދެމެދުން ދިޔަ ލޭގެ އޮލަކަމުގެ ތެރެއަށް ގެނބި ފޮރުވިފަ އެވެ. މަޑުމަޑުން ދެމެމުން މުޅި ތަނަށް ފެތުރެމުން ދިޔަ ލޭތައް އައިސް ދަލޭކަގެ ފައިތިލައާ އަރައި ހަމަކޮށްލި ވަގުތު އުނދޯއްޔާ ދިމާލަށް ބޯދިއްކޮށް ފަޑިމަތީގައި އޮތް ފޯއްވަޅި ކުއްލިއަކަށް ޖަހައިގަތެވެ.
ސާމަރާ ދޫންޏެއްގެ ސިފައަށް ރަނާއި ރިހިން ޖަރީކޮށްފައިވާ އެ ތޫނު ހަތިޔާރުގެ ހިތްގައިމުކަން ބަލަން ހުރެފައި ލޭތަކުގެ ތެރެއަށް ފިޔަވަޅު އަޅައި ކުރިއަށް ޖެހި ހަސަންތަކުރުގެ ވައަތުގައި ހިފައި ދަމައި ވާންކޮށްލިއެވެ. އެއަށް ފަހު އެތަނުގައި އުޑަފައިން އިށީނދެ، އެ އަތުގެ އިނގިއްޔަކަށް ފަހު އިނގިއްޔެއް ފޯއްވަޅީގެ މިޔަ ތެރެއަށް ލައި ބުރިކޮށް ފޮތިފޮތިޖަހަން ފެށީ އެއްވެސް ރަހުމެއް، ކުލުނެތް ނެތް ޖައްލާދެއް ފަދައިންނެވެ.
އެކަމަކު މިއީ އެ އިނގިލިތައް ގޮސް ކޮން ޖިސްމެއްގައި ފިރުމުމުގެ ބަދަލު ހިފުމެއް ހެއްޔެވެ؟
*** ** *** ** ***
އެންމެ ކުރިން ކަސްބީ ކަސްތޮޅުގައި ބަނދެވިފައިވިޔަސް، ދަލޭކަ އަކީ ތަންދޮރުފިލައި ހުރި ބުއްދިވެރިއެކެވެ. ރީތިކަމާއި ތޫނުފިލިކަމުގެ ޖާދޫއާ އެއްވަރުގެ ވިސްނުންތޫނުކަމެއް ވެސް ލިބި ހުރި ޒުވާނެކެވެ. ހަސަންތަކުރާއި ދަލޭކަ އެންމެ ފުރަތަމަ ދިމާވީ މާލިމީ ކަލޭފާނުގެ ބެއްލެވުމުގެ ދަށުގައި އުތުރުގެ ހަތަރު އަތޮޅު އޮތް ދުވަސްވަރު އެ ހިސާބުގެ ރަށްތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ބޮކަރު ގަނޑުވަރުގެ ނައުފަހަރުތަކުގައި ކުރި ދަތުރުތަކެއްގެ ތެރެއިން ހއ. ގެ ރަށެއްގައި ހޭދަކުރި ހަފުތާއެއްގައެވެ. އޭރު ދަލޭކަގެ އުމުރުން އެންމެ 18 އަހަރެވެ. ހަސަންތަކުރަށް ވާނީ ބާވީހެވެ.
ފުރާވަރުން ފެށިގެން ވެސް ހަސަންތަކުރަކީ އުނގުން އުނގަށް ފުންމަމުން އުފާކުރަމުން މަޖާކުރަމުން ގެންދިޔަ، އެއްވެސް ހިޔާލެއް ފިކުރެއް ނެތް ޒުވާނެކެވެ. ބައްޕަގެ ނައުފަހަރުތަކުގައި ކަރަކަރަތަކާއި ރާއްޖޭގެ އުތުރުން ދެކުނަށް ދަތުރުކުރުމުގެ ފަހަތުގައި ވެސް އޮތީ ހަމަ އެންމެ އެދުމެކެވެ. ނާޗަރަންގީކުރުމާއި އަންހެނުން ހޯދުމާއި ރާ ބުއިމެވެ. އަރާމާއި ލައްޒަތު ލިބިގަތުމަށް އޭނާ ކުރި މި ދަތުރުތަކުގައި އެކި ވަރުވަރުގެ، އެކި ކުލަކުލައިގެ އެކި މިޒާޖުތަކުގެ އަންހެނުންނާ އެކުގައި ރޭދުވާ ހޭދަކޮށްފައިވެއެވެ. ނަމަވެސް އެ ރަށުން ބައްދަލުވި ޔަތީމު ކަސްބީ މި އަންހެން ކުއްޖާވީ ރާއްޖޭގެ އެންމެ ދެކުނު ބިތުން ފެށިގެން ގޮސް ކަރަތައް ފަތަހަކުރިއިރު ވެސް ބައްދަލުނުވާ ވަރުގެ ރީތިކަމަކަށެވެ. ހަޔާތުގައި ވެސް ލޯނުދެކޭ ވަރުގެ ފަންމިންޏަކަށެވެ.
ދޮރުފޮތިގަނޑު ކަހާލާފައި ހަސަންތަކުރު ފޭލިގޭ ތެރެއަށް ވަންއިރު މުޅިތަން ދިއްލާލާފައި އޮތީ އުއްބައްތީގެ ރަން ރީނދޫ ފަނޑު އައްޔަކުންނެވެ. އެ ހިތްގައިމުކަމުގެ ތެރޭގައި ޝަރާބުގެ ތަށިތަކެއް ތައްޔާރުކުރަމުން ގެންދިޔަ ލޫޅާފަތި ފަރި އަންހެނަކީ ދަލޭކައެވެ. ހަސަންތަކުރު އެތެރެއަށް ވަދެގެން އައި މަންޒަރު ފެނުމުން، ރާފުޅި މޭޒުމަތީގައި ބެހެއްޓުމަށްފަހު މަސްތުގެ ބުއިމެއް ހިފައިގެން އަދަބުވެރިކަމާ އެކުގައި ތެދުވެ ރިހިކުލައިގެ އެ ތަށި ހަސަންތަކުރަށް ދިއްކޮށް ދަލޭކަ ހިނިތުންވެލިއެވެ. އެވަގުތު ހަސަންތަކުރަށް ހީވީ އޭނާގެ މެޔަށް ޝަރާބުގެ ތަށި އެއްކޮށް ބަންޑުންކޮށްލި ހެންނެވެ.
ހަސަންތަކުރަށް އިނދެވުނީ ހަމަ ރަނގަޅަށް ވެސް ދަލޭކަގެ ރިވެތި ބުރުސޫރަ އާއި ހިނިތުންވުމާއި ލޮލުގައިވީ ބާރާއި ޖާދޫގައި އާޝޯހުވެ ހަރަކާތެއްކޮށްލަން ވެސް ނޭނގިފައެވެ. އެވަގުތު ފޭލިގެ ތެރެއަށް ވަދެގެން އެނބުރިގަތް ފިނިފިނި ރޯޅިއަކާ އެކު ދަލޭކަގެ ތުނިތުނި ލިބާހާއި ބޮލުގައި އޮތް ފަން އިސްތަށިގަނޑު ނަށައިގެންފިއެވެ.
މޫނު މައްޗަށް އެޅުނު އިސްތަށިތައް، ހިމަ ދިގު އިނގިލިތަކުން ކަހައި އެއްފަރާތްކޮށް ފަރިގޮތަކަށް ހީގެންފައި ދަލޭކަ ފުންމައިގެން ގޮސް ހަސަންތަކުރުގެ އަތުގައި ހިފައި ޖަހައިގަނެގެން ގެންދާ ކަހަލަ ގޮތަކަށް އެތެރެއަށް ހިނގައިގަތެވެ. އަދި ހަސަންތަކުރަށް ދާންކޮޅު ދެއްކުމަށް ފަހު އޭނާގެ މޭގައި އެއް އަތް އަޅައި މަޑުމަޑުން ދާން މައްޗަށް ތިރިކޮށްލިއެވެ. ހަސަންތަކުރު އަދިވެސް އެހެރީ އޭނާގެ ހަޔާތުގައި ވެސް ހިއްސުތަކަށް ނުލިބޭ ވަރުގެ ބޮޑު ސިހުމެއްގައި ޖެހި ގަޑުވެފައެވެ. ދޫވެގެން ދިޔަ ހިއްސުތަކާ ގޮސް އަރާ ހަމަކުރެވުނީ ދަލޭކަ ގެނެސް ތުނބުގައި ޖެއްސި ތައްޓާއި ޝަރާބުގެ ފިންޏަށެވެ.
ނަމަވެސް މިރެއަކު، އެ މަސްތުގެ ބުރުތަކާއި ނެށުމުގެ ބުރުތަކާއި ވަޖިދުގެ ބުރުތަކަކަށް ހަސަންތަކުރުގެ ޝައުގުވެރިކަމެއް ނެތެވެ. އޭނާ އެހެރީ މިހާރު ވެސް ހަމަ ރަނގަޅަށް މަސްތުވެ ގަދަ އަށް އަމަލުވެފައެވެ. އެކަން އެނގުމުން އެންމެ ފުރަތަމަ ދަލޭކަ ބޭނުންވީ ފޭލިގެ ދޫކޮށް ހަސަންތަކުރު އެތަނުން ދިއުމަށެވެ. އެއީ ކަސްބީގަނޑުވަރުގެ ވަޒީރު އަންގަވާފައި އޮންނަ ގޮތަށް ކިޔަމަންވުމުގެ ގޮތުންނެވެ. އެކަމަކު ދެން ވެސް ހަސަންތަކުރު ބޭނުންވީ އެ ގަވާއިދުތައް މުގުރާށެވެ.
"ކޮން ނަމެއް ކިޔަނީ؟،" އެނބުރިގެން ދުރަށް ހިނގައިގަތް ދަލޭކަގެ އަތުކުރީގައި ހަސަންތަކުރު ހިފިއެވެ.
"މިތަނުގައި އަހަންނަށް ކިޔާނީ ކުރަނގި. އެހެން ނަމެއް ބުނެފިއްޔާ ވަޒީރު ކޯފާވެދާނެ. ޗާބޫކުން ތަޅައިގެންފާނެ. މަށަށް އަދަބެއް ދޭން ބޭނުންވަނީތަ؟،" ހަސަންތަކުރާ ދިމާލަށް އެނބުރި އޭނާގެ ތެޅެމުން ދިޔަ ހިތުގެ އަޑު އިވޭހާ ގާތަށް ޖެހިލަމުން ދަލޭކަ އޭނާގެ ކިބައިން ރެކިގަނެ ލާނެތްގޮތަކަށް ފިޔަވަޅެއް ފަހަތަށް ޖެހިލިއެވެ.
ހަސަންތަކުރުގެ ހިތް އޮތް ގޮތް ދަލޭކަ އަށް ވަރަށް ރަނގަޅަށް އެނގޭ ކަހަލައެވެ. ނަމަވެސް އެކަހަލަ ހިތަކަށް އިތުބާރުކުރަން ނުވާނެކަން އެންމެ ރަނގަޅަށް އެނގޭނީ ވެސް ދަލޭކަ އަށް ނޫންހެއްޔެވެ. ކޮންމެ ރެއަކު ވެސް މިކަހަލަ އެތައް ހަސަންތަކުރަކާ ބައްދަލުވާތީއެވެ.
އެކަމަކު މަސްތުފަތުން ސިލުނބެއް ތައްޔާރުކޮށް ދުންބޮއެ، ވިލިއަމް ޝެކްސްޕިއާގެ ވާހަކައެއް ކިޔާކަށް ދުވަހަކުވެސް ދަލޭކައަށް މީހަކު ދައުވަތެއް ނުދެއެވެ. އެހެންކަމުން ނަފުސު ކިތަންމެ ނޭދުނަސް ހަސަންތަކުރުގެ ޗާލާކުކަމުގައި ބަނދެވި ދަލޭކަގެ ހިތް މަސްތުގެ އެ ސިލުނބާއި ޝެކްސްޕިއަރުގެ ވާހަކަ ފޮތަށް ބަންޑުންވެ، އެ ސަފުހާތަކުގެ ތެރެއަށް ވަދެ ގެއްލިއްޖެއެވެ.
ގުޑުގުޑާގެ ނޮޅިގަނޑު ތުނބުގައި ޖަހައި ނިކަން ގަދަ އަށް ދަމާލުމަށް ފަހު ދުންގަނޑެއް އަރުވާލަމުން ހަސަންތަކުރު ހުޅުވާލީ "ދަ ޓްރެޖެޑީ އޮފް މެކްބެތު" އެވެ. އިނގިރޭސި ބަހަށް ކޮށިކަމުން ފަރިތަކޮށް ނުކިޔޭނެކަން އެނގޭ ހާލުގައި އެ ލަދުވެތިކަން ފޮރުވުމަށް ހަސަންތަކުރު އޮޅުވާލާފައި ފުރަތަމަ ބެލީ ދަލޭކަގެ ފެންވަރެވެ. އޭނާ އެދުނީ ދަލޭކަ އޭނާ އަށް ވާހަކަ ކިޔައިދިނުމަށެވެ. ފޮތް ދިއްކޮށްލުމުން ދަލޭކަގެ މޫނުމަތިން ފައުޅުވީ ސާދަވިލޭރެއެއްގެ ހަނދުގެ އަލިކަމެވެ. އަދި ފަރިތަކަމާ އެކު ޝެކްސްޕިއަރުގެ ފޮތުން ދަލޭކަ ފަށައިގަތުމުން އެ އަޑުގައިވީ ޖާދުވީ ކަމާއި ބަސްމޮށުގެ ވައްޓަފާޅި ފެނި، އަޑުއިވި ހަސަންތަކުރުގެ ލޮލުން ކަރުނަ ހިލިގަތެވެ.
އަންހެނަކު އެހާ ފަރިތަކޮށް ފޮތަކުން ކިޔަނިކޮށް މީގެ ކުރިން ދުވަހަކުވެސް ފެނިފައި ނެތީމައެވެ.
ފަޖުރުލީ އިރު ވެސް ދެ މީހުން ދުންބޮއެ ފޮތް ކިޔައި ސަމާސާކުރަނީ އެވެ. ނަމަވެސް އެރި އިރާއެކު ހަސަންތަކުރަށް ޖެހުނީ ފުރަން ތައްޔާރުވެފައި އޮތް ނަވަށް ދިއުމަށް އަވަސްވެގަންނާށެވެ. ހިތް ކިތަންމެ ނޭދުނަސް، ހިތް އެންމެ ބޭނުންވާ މީހާ ފޭލިގެއަކަށް ދޫކޮށްލާފައި ފުރައިގެންދާށެވެ. ނަމަވެސް ފުރައިގެން ދިއުމުގެ ކުރިން ހަސަންތަކުރު ބޭނުންވީ ކަސްބީ ހަޔާތުގެ ކަސްތޮޅުން ދަލޭކަ އަބަދުގެ އަބަދަށް މިނިވަންކޮށްދޭށެވެ.
އަރައިގެން އައި އިރާއެކު ދަލޭކަ ހޭލީ މުޅިން އައު ހަޔާތަކަށެވެ. ނުކުތީ މިނިވަން ދުނިޔެއަކަށެވެ. ހަސަންތަކުރު ފުރައިގެން ދިޔައީ ދަލޭކަގެ މިނިވަންކަމަށްވާ އަގު ކަސްބީ ގަނޑުވަރުގެ ވަޒީރަށް ރަން ފޮތި ފައިސާއިން ހަލާސްކޮށްފައެވެ. އެކަން އެނގުމުން އެންމެ ފުރަތަމަ ވެސް ދަލޭކަ އަށް ދުއްވައިގަނެވުނީ ހަސަންތަކުރު ހޯދާށެވެ. އޭރު ބޮކަރު ނަވެއްގައި ފުރައިގެން ގޮސް ހަސަންތަކުރު ކަނޑަށް ނުކުމެއްޖެއެވެ.
(ބާކީ އޮތްބައި މާދަމާ)