22 އެޕްރީލް 2022 - 04:39

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފައިބައިގެން ދިއުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ފަށާފައިވާ ކެމްޕެއިނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ސަރުކާރުން ކަނޑައެޅުމުން، އެ ކެމްޕެއިންގެ ސްލޯގަން "އިންޑިއާ އައުޓް" ގެ ސްޕެލިންގް ބަދަލުކޮށް، އަނެއްކާވެސް ބެނާ ދަމަން ފަށައިފި އެވެ.
އެ ކެމްޕެއިންގެ އިސް މޭސްތިރިޔާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި މިދިޔަ ބުދަ ދުވަހު ދެމި "އިންޑިއާ އައުޓް" ބެނާ، ކޯޓް އަމުރެއް ހިފައިގެން ގޮސް ފުލުހުން އިއްޔެ ނަގައި އަދި އެ ހަރަކާތް ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަރާރެއް ނެރުއްވުމާ ގުޅިގެން މިހާރު އެ ސްލޯގަން އިނގިރޭސި ބަހުން ބޭނުންކުރަނީ އިންޑިއާގެ ސްޕެލިންގް ބަދަލު ކޮށްގެންނެވެ.
މާލޭގެ އިމާރާތެއްގައި ރޭ ދަމާފައިވާ ބެނާގައި ލިޔެފައި ވަނީ "INDEAR OUT" އެވެ.
ބެލެވޭ ގޮތުގައި، މިއީ ރައީސްގެ ގަރާރާއެކު، ހަރަކާތުގެ ބައިވެރިން ގާނޫނީ ގޮޅިއަކަށް ފެތިދާނެތީ، އިތުރަށް އެ ކަން ކުރިއަށް ގެންދަން މަގުފަހި ކުރަން އެޅި ފިޔަވަޅެކެވެ.
"އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން އިއްޔެ ރޭ ކަނޑައެޅުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ އެ ހަރަކާތް ހުއްޓުވުމުގެ ގަރާރެއް ނެރުއްވައިފަ އެވެ. އެހެންވެ، އެ ގަރާރު އަސްލަކަށް ބަލައިގެން "އިންޑިއާ އައުޓް" ކެމްޕެއިންގެ ހަރަކާތްތައް ހުއްޓުވަން ފުލުހުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.
އެ ގަރާރުގައި ރައީސް ވިދާޅުވީ، އިންޑިއާއާ މެދު ނަފްރަތު އުފެއްދުމަށް ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގޭ ކަމަށެވެ. އަދި އެ ހަރަކާތުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލުވައިލާ ކަމަށް ގަރާރުގައި ރައީސް ވިދާޅުވި އެވެ.
ގަރާރުގައި ރައީސް ވިދާޅުވީ، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންމެ ހަރަކާތަކީ ދިވެހި ސަރުކާރުން އެ ކަމެއް ހުއްޓުވަން ޖެހޭނެ ކަމެއް ކަމަށެވެ.
ނަމަވެސް މިއީ ގާނޫނުއަސާސީން ދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ހިލާފު ގަރާރެއް ކަމަށް ބައެއް ގާނޫނީ ވަކީލުން ގެންދަނީ ބުނަމުންނެވެ. ރައީސްގެ ގަރާރަކުން ވެސް ގާނޫނުއަސާސީގައި ބުނާ ކަންކަން މަނާ ނުކުރެވޭނެ ކަމަށް އެ ވަކީލުން ބުނެ އެވެ. އެކަމަކު، އެ ގަރާރުގެ ދިފާއުގައި ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
އިދިކޮޅު ޕީޕީއެމްގެ ބައިވެރިޔާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއްޔެ ނޫސްވެރިން ގާތު ވިދާޅުވީ، "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ރައީސް އިބްރާހިމް ސޯލިހް ނެރުއްވި ގަރާރަށް އަމަލު ނުކުރާނެ ކަމަށާއި އެ ގަރާރު ބާތިލްކުރަން ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
"އެއީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު ގަރާރެއް،" އިދިކޮޅު ހަރަކާތުގައި އެންމެ އަޑުގަދަ އެއް ލީޑަރު ވިދާޅުވި އެވެ.
ރައީސްގެ ގަރާރާ ދެކޮޅުވާ، އަދި އެ އަށް ފާޑުކިޔާ ސަރުކާރުގެ ބައެއް މީހުންނަށް މިހާރު ވެސް ވަނީ ފިޔަވަޅު އަޅަން ފަށައިފަ އެވެ. އެންމެ ފުރަތަމަ މި މައްސަލާގައި މިއަދުން ފެށިގެން ފިޔަވަޅު އެޅީ އަރަބިއްޔާ ސްކޫލުގެ ޓީޗަރު ޒަމްޒަމް ފާރިޝް އަށެވެ. އޭނާ އިއްޔެ ކުރި ޓުވީޓެއްގައި ގަރާރަށް ފާޑުކިޔުމުގެ ނަތީޖާއަކީ މިއަދުން ފެށިގެން މަސް ދުވަހުގެ މުއްދަތަށް، މުސާރަ ނުހިނގާ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ސަސްޕެންޑް ކުރުމެވެ. އެ މިނިސްޓްރީން ޒަމްޒަމަށް ފިޔަވަޅު އެޅި ސިވިލް ސާވިސް ގާނޫނުގެ މާއްދާތަކާ ހަވާލާދީ އެވެ.
އިންޑިއާއާ ދެކޮޅު ހަރަކާތްތައް ފުޅާކުރީ ޔާމީން ޖަލުން މިނިވަންވުމާ ހިސާބުންނެވެ. އެ މަނިކުފާނު ވަނީ އޭގެ ފަހުން އެކި ރަށްރަށަށް ވަޑައިގެން "އިންޑިއާ އައުޓް" ހަރަކާތް އެކި މީސްމީހުންގެ ސިކުނޑި އަށް ވެއްދުމަށް މަސައްކަތް ކުރައްވައިފަ އެވެ. އަދި "އިންޑިއާ އައުޓް" ޓީޝާޓް ތުރުކުރެއްވުމާއި އަމިއްލަ ގެކޮޅުގައި އެ ސްލޯގަންގެ ބެނާ ވެސް ދެމި އެވެ.